އެފްކޮންގެ ފައިނަލުގައި ނައިޖީރިއާ އަދި އައިވޮރީ ކޯސްޓު ބައްދަލުކުރި މެޗު 2-1 އަކުން ކާމިޔާބުކޮށް, އެފްކޮންގެ ތަށި މުބާރާތުގެ ހޯސްޓު އައިވޮރީ ކޯސްޓުން އުފުލާލައިފިއެވެ.

އައިވޮރީ ކޯސްޓުގެ އޮލިމްޕިކް ސްޓޭޑިއަމް އޮފް އެބިމްޕޭގައި ކުޅުނު މެޗު ކޮންޓްރޯލުކޮށްގެން ރަނގަޅަށް ކުޅެފައިވަނީ އައިވޮރީ ކޯސްޓުންނެވެ. އެޓީމުން ވަނީ މެޗު ފެށިގެން ނައިޖީރިއާގެ ގޯލަށް އެތައް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ނައިޖީރިއާ އިންނެވެ. މިލަނޑު ކާމިޔާބު ކުރީ ނައިޖީރިއަށް ލިބުނު ކޯނަރަކުން ފަހިވި ފުރުސަތަކުން ވިލިއަމް ޓްރޫސްޓް އިކޮންގެވެ. ޓްރޫސްޓް އިކޮންގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ނައިޖީރިއާ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އައިވޮރީ ކޯސްޓުން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 61 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރޭންކް ކެސިއޭއެވެ. އައިވޮރީ ކޯސްޓުން ނަތީޖާ އަނބުރާލީ މެޗުގެ 81 ވަނަ މިނެޓުގައި ސެބާސްޓިއަން ހޯލާ ކާމިޔާބު ކުރި ލަނޑުންނެވެ. މިލަނޑަކީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑު ސައިމޮން އަޑިންގްރާ ފަހިކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. ހޯލާގެ ލަނޑާއެކު އައިވޮރީ ކޯސްޓަށް ވަނީ މުބާރާތް ކާމިޔާބު ކުރެވިފައެވެ.

މިމުބާރާތަކީ އައިވޮރީ ކޯސްޓުގެ ތާރީހުގައި އެފްކޮން ކާމިޔާބު ކުރެވުނު ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އައިވޮރީ ކޯސްޓަށް އެފްކޮން ކާމިޔާބު ކުރެވިފައި ވަނީ 2015 ވަނަ އަހަރުގައެވެ