ގަޑިއަކު ނަވާރަ މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެތީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 1:00 އާ ހަމައަށެވެ. އާންމު ގޮތެއްގައި ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެކަމަށް ބެލެވިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިރުއުތުރާއި އިރުން، (މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް) ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.