ދިރާސާތަކުން ދައްކާ ގޮތުގައި ޗޮކްލެޓުގައި ލޯތްބާއި އަރާމު އިތުރުކޮށްދޭ އިހުސާސްތައް ބަރުކޮށްދޭ ބައިތަކެއް ހިމެނެއެވެ.

އެމްފެޓަމިންގެ ވައްތަރެއް ކަމަށްވާ ފެނިލެތްލިއަމިން، ވެސް ހިމެނޭ ޗޮކްލެޓުން ސިކުނޑިން ހަށިގަނޑަށް އެންޑޯފިން ކިޔާ ހަށިގަނޑަށް ލިބޭ އަރާމުގައި މީހާގެ ސިކުނޑިއާއި ނާރުތައް ހަމަޖެހި ގުޅިލާމެހި ހިތްހަމަޖެހުމަކަށް ގެންދެއެވެ.

މީގެ ސަބަބުން ކަމެއް ކުރާހިތް ނެތި ފޫހިވެފައި އިންނަ މީހާ، ޗޮކްލެޓުގެ ސަބަބުން އެކަމަކަށް ހިތްޖެހި ގަޔާވެގެން އެމަސައްކަތެއް ކުރެއެވެ. އަދި ކަމަކާ ނުރުހި ރުޅިއައިސްފައި ހުންނަ މީހާގެ މިޒާޖު ފިނިކޮށް އޭނާގެ ރުޅިއާއި ނުތަނަވަސްކަން ފިލުވައި ހިތްހަމަޖައްސާލުމަށްވެސް ޗޮކްލެޓަކީ ހަމައެންމެ ރަނގަޅު އެއް ފަރުވާއެވެ. ހަނދާން ގަދަކޮށްދޭ އެއްޗަކަށް ވީއިރު އަމިއްލަ ވަންތަކަމުގެ އިހުސާސް ވަރުގަދަކޮށް ނަފުސުދެކެ ލޯބިވުން އިތުރުކޮށްދޭ އެއްޗަކަށްވެސް ޗޮކުލެޓު ވެއެވެ.

ހަށިގަނޑުން އެ ބޭނުން ކުރަނީ މޫޑު މަތިކޮށްދޭ ސެރޮޓޮނިން މާއްދާ، އުފާވެރިކަމުގެ ހޯރމޯންގެ ނަމުން ވެސް ނަންދެވިފައިވާ މާއްދާ އުފެއްދުމަށެވެ. ޗޮކްލެޓްގައި ހިމެނޭ ހަކުރުވެސް މިކަމުގައި ދައުރެއް އަދާކުރެއެވެ. އެހެނީ ހަކުރުން ދޫކުރާ އިންސިއުލިންގެ ސަބަބުން ޓްރިޕްޓޯފަން ސިކުނޑިއަށް ދަތުރުކުރުމަށް މަގުފަހިކޮށްދީ އެތަނުން އުފާވެރިކަން އުފެދެއެވެ.

ޗޮކްލެޓް ޑޮޕަމިން (ޗޮކްލެޓްގައި ޑޮޕަމިން ޕްރިކަސަރ ޓައިރޮސިން ހިމެނޭ)، ސެރޮޓޮނިން އަދި އެންޑޯފިންސް (ކޮކޯ އަދި ޗޮކްލެޓްގައި ހިމެނޭ) ފަދަ ބައެއް ނިއުރޯޓްރާންސްމިޓަރ ހަށިގަނޑުގެ ބައިތަކަށް ފޯރުވާ ނުފޫޒުން ހިތާއި ސިކުނޑިއަށް ހަމަޖެހުމާއި އަރާމުލިއްބައިދެއެވެ. މި އެންޑޯފިންސްއަކީ މަސްތެއްފަދަ އަސަރެކެވެ. ޗޮކްލެޓުގެ ޖާދޫއަކީ ކިހިނެއްވާކަމެއްކަން ގަބޫލު ކުރަން އަޖުމަ ބަލާލަން ނިކަން ލޯބިވާ މީހަކު ނުރުހިފައި އިން ވަގުތަކު ޗޮކްލެޓެއް ހަދިޔާކޮށްލުން ރަނގަޅެވެ. ދުލުން ނުބުނެވޭ އެތައް ވާހަކަައެއް ޗޮކްލެޓް ކިޔާނެއެވެ

ބައެއް މީހުން ޗޮކްލެޓް ބޭނުން ކުރަނީ މާފަށް އެދުމަށް، އަނެކާ ރުއްސުމަށް، ލޯބިވާ ވާހަކަ ބުނުމަށް ވަރަށްވެސް ފުރިހަމަ ހަތިޔާރެއްގެ ގޮތުގައެވެ. އަދި ހާއްސަކޮށް އަންހެންބޭފުޅުންނަށް މިއީ މަހަކު އެއްފަހަރު އުފުލާ މައްސަރުކަންތަކުގެ ތަކުލީފަށްވެސް ވަރަށް ގާތް އެހީތެރިއެކެވެ. މިފަދަ ބޮޑެތި ކަންތައް މި ޗޮކްލެޓުން ހަމަޖައްސާލެވެނީ ކޮންކަމަކާ ގުޅިގެން ކިހިނެއްބާވައެވެ.

މިތަނުގައި ދައްކަން މިއުޅެނީ ހަމައެކަނި ހަކުރާއި ކިރު އެއްކޮށްގެން ހެދިފައި ހުންނަ ފޮނިމެޓާގެ ވާހަކައެއްނޫނެވެ. ހަގީގީ ޗޮކޯއިން ހެދިފައި ހުންނަ ޗޮކްލެޓުގެ ވާހަކައެވެ. މި ޗޮކްލެޓުން މީހުން ހިތްއުފާ ކުރަމުން އަންނަތާ ދިގު ހަތަރުހާހަށްވުރެ ގިނަ އަހަރު މިވަނީ ވެފައެވެ.

އެންމެ ފުރަތަމަ ޗޮކްލެޓް ހޯދި މީހުންނަކީ ދެކުނު އެމެރިކާގެ މާޔާ އިންޑިއަން މީހުންކަމަށްވެއެވެ. މި މީހުން ކޮކޯ ގަހުގެ ވަކިކަމަށްވާ "ކޮކޯބީންސް" ޗަސްކޮށްގެން "ޒޮކޮލެޓްލް" ކިޔާ ހިތިހުތް ބުއިމެއް ތައްޔާރުކޮށް އުޅުނެވެ. މިބުއިން ހާއްސަވަނީ ސްޓިމިއުލަންޓެއްގެ ގޮތުގައާއި ދީނީ ރަސްމިއްޔާތުތަކަށް ބޭނުން ކުރާ ބުއިމަކަށެވެ.

އެމީހުންގެ އަޅުކަމަށް ބޭނުންކުރާ އެމީހުންގެ ދީނީ އެއްޗެއްކަމަށް މިހަދައިގެން އުޅުނެވެ. ސޯޅަ ވަނަ ގަރުނުގައި ސްޕެއިން މީހުން ދެކުނު އެމެރިކާއިން އަނބުރާ ޔޫރަޕަށް ޗޮކްލެޓް ގެނެސް އެއަށް ހަކުރާއި އެހެނިހެން ބާވަތްތައް އެއްކޮށްގެން އަޖުމަބަލަން ފެށުނެވެ.

ޗޮކްލެޓްގެ ދީވާނާކަން ވަރަށް އަވަހަށް ޔޫރަޕްގައި ފެތުރި، 1849 ވަނަ އަހަރު "ކެޑްބެރީ" ބްރަދާސް ދުނިޔޭގެ ފުރަތަމަ "ސޮލިޑް" ހަރުޗޮކްލެޓް އާންމުކުރިއެެވެ.