ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓްއެއް ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައި ވަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށް ކަމަށެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރެޝަނުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި މި ކޯޕަރޭޝަނުގެ ސީއެފްއޯ އަހްމަދު ޝާމްއެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެއެވެ.