ހަތަރު ދުވަހުގެ ދަތުރުުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

އައްޑޫއަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، އާންމުންގެ އަޑު އައްސަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ލިބިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޖަލްސާގައި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.

އެމަނިކުފާނު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މާލެއަށްފަހު ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫއަށް ރައީސް މިއަދު މި ވަޑައިގަންނަވަނީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް މި މަހު ވަޑައިގަތުމަށްފަހެވެ.

ތ. އަތޮޅުގެ ޖުމުލަ 10 ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންނެވި އެވެ.