އިންޑިއާގެ ނިރުބަޔާ ރޭޕްކޭސްގެ ހަތަރު މުޖުރިމުން ބުދަދުވަހު ދަންޖައްސަނީ

0

އިންޑިއާގެ މަޝްހޫރު ނިރުބަޔާ ރޭޕް ކޭސްގެ މުޖުރިމުން އަންނަ ބުދަ ދުވަހު (22 ފެބްރުއަރީ) ގައި ދަންޖައްސާ މަރަން ނިންމައިފިއެވެ.

އެ ހަތަރު މީހުން ދަންޖައްސާ މެރުމަށް އިންޑިއާގެެ ދަށު ކޯޓުންނާއި ހައި ކޯޓުންނާއި، ސުޕްރީމް ކޯޓުން މީގެ ކުރިންވެސް ވަނީ ހުކުމް ކޮށްފައެވެ.

Advertisements

ނަމަވެސް އެ ހުކުމް ލަސް ކުރުމަށާއި އެހުކުމް ބާތިލް ކުރަން، ކަންތައްތަކެއް ފާހަގަ ކޮށް އެ ހަތަރު މުޖުރިމުންގެ ތެރެއިން ދެ މީހުން ސުޕްރީމް ކޯޓަށް ހުހެޅި އެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުން މެރުމަށް ކުރި ހުކުމް ތައް ބާތިލްކޮށް، އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ކޮށްފައިވާ ކަމަށާއި، ރޭޕް ކޭސްގައި އެމީހުން ބައިވެރިވެފައި ވަނީ އެކި މީހުން އެކި ވަރަށް ކަމުން ހުކުމް އަންނަން ޖެހޭނީ އެމީހަކު ކުރި ކުށެއްގެ ނިސްބަތުން ކަމަށެވެ. އަދި އެ މައްސަލައާމެދު އިތުރަށް ބަލައި އެކަންތައްތަކަށް ރިއާޔަތް ކުރުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.

މި ޕެޓިޝަނާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން އިއްޔެ ވަނީ ފަހު ނިންމުން ނިންމައިފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައި ވަނީ އެ ޕެޓިޝަން ބަލައި ނުގަތުމާއި އޭގައިވާ އެއްވެސް ކަމަކަށް އަމަލް ނުކުރުމަށެވެ. އެއާއެކު ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެމީހުންގެ މައްޗަށް ޑެތު ވޯރެންޓް ނެރެފައެވެ.

16 ޑިސެމްބަރު 2012 ގައި ރޭޕް ކުރުމަށްފަހު މަރައިލި، 23 އަަހަރުގެ ނިރުބަޔާ ކޭސްގައި ފަސް މީހުން ބައިވެރިވެފައިވާއިރު، މިހާރު ދުނިޔޭގައި ތިބި ހަތަރު މުޖުރިމުންނަކީ 26 އަހަރުގެ ވިނޭ ޝަރުމާ އާއި 32 އަހަރުގެ މުކޭޝް ސިންގ އާއި 31 އަހަރުގެ އަކުޝޭކުމާރު ސިންގ އާއި 25 އަހަރުގެ ޕަވަން ގުޕްތާ އެވެ. މި ކަމުގައި ބައިވެރިވާ ފަސްވަނަ މީހާ، ރާމްސިންގ ވަނީ ޖަލުގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.

ހަތަރު މުޖުރިމުންގެ މައްޗަށް ޑެތު ވޯރަންޓް ނެރެފައިވާއިރު އެމީހުން ދަންޖެއްސުމުގެ ހުކުމުން ސަލާމަތްވާނެ ދެން އޮންނާނީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ އިންޑިއާގެ ރައީސް އަށް ލިބިގެންވާ ފުރުސަތެކެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ އެ ފުރުސަތުގެ އުއްމީދުވެސް ނެތް ކަމަށެވެ.

ނޫސްތަކުން ބުނެފައިވަނީ ދަންޖައްސާ މުޖުރިމުން މިހާރު ތިބީ ތިހާރު ޖަލުގައި ކަމަށެވެ. އަދި އެމީހުން ތިބީ ވަކި ވަކިން ކަމަށާއި ގޯހެއް ހަދައިފާނެތީ އެއިން ކޮންމެ މީހެއްގެ ހަރަކާތްތައް ސީސީޓީވީ ކެމެރާއިން 24 ގަޑިއިރު ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވަނީ އެ ހަތަރުމީހުން ދަންޖައްސައި މެރުމަށް ނިންމާފައި ވަނީ ބުދަ ދުވަހު ހެނދުނު 7:00 ގައި އެމީހުން ބަންދުކޮށްފައި ތިބި ތިހާރު ޖެއިލްގައި ކަމަށެވެ.

ދަންޖައްސާ ވާގަނޑު ހެދުމަށް އެމީހުންގެ ބަރުދަން ބަލައި ކަރުގެ މިން ނަގާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި އެމީހުން ދަން ޖެއްްސުމުގެ ކުރިން އެމީހުންގެ ބަރުމިނުގެ ވެލި ބަސްތާތަކެއް ބޭނުންކޮށްގެން ދަންޖައްސާ ވާގަނޑު ޓެސްޓް ކުރާނެ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވަނީ އެމީހުން ދަންޖައްސާއިރު ތަކުލީފު ކުޑަ ކުރުމަށް ވާގަނޑަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި އެމީހުން ދަން ޖެއްސުމުގެ ކުރިން އާއިލާއާ ބައްދަލު ކުރުވާނެ ކަމަށާއި އެންމެ ފަހުގެ ވަސިއްޔަތް އޮޅުން ފިލުވާނެ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

Advertisements