އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ބާންލީ ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް, އާސެނަލްއިން ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ.

ބާންލީގެ ޓާފް މޯރ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތްއިރު އާސެނަލްއިން އޮތީ ވަރަށް ފޯމުގައެވެ. އެޓީމުން އެންމެ ފަހުން ކުޅުނު 5 މެޗުގައި ވަނީ ޖުމްލަ 21 ލަނޑު ޖަހާފައެވެ. އަދި އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 6 ލަނޑު ޖަހާފައެވެ.

ރޭގައި ކުޅުނު މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެކެވެ. އެޓީމުން ވަނީ މެޗު ފެށިގެން ފުލުފުލުން އެތައް ހަމަލާއެއް ބާންލީގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މެޗު ފެށިގެން 4 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ވަނީ ލީޑު ނަގާފައެވެ. އާސެނަލްއިން އެޓީމުގެ ލީޑު ފުޅާކުރީ 41 ވަނަ މިނެޓުގައެވެ. މިލަނޑަކީ ލިބުނު ޕެނަލްޓީ އަކުން އާސެނަލްގެ ޒުވާން ތަރި ބުކާޔޯ ސާކާ ކާމިޔާބުކުރި ލަނޑެކެވެ. ސާކާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ދެގޯލުގެ ލީޑަކާއެކު އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސާކާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އާސެނަލްގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އާސެނަލްއިން އެޓީމުގެ ލީޑު ހަތަރު ގޯލަށް ފުޅާކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ލިއަންޑްރޯ ޓްރޮސާޑެވެ. އާސެނަލްގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ, މިސީޒަނުގައި އާސެނަލްއާ ގުޅުނު ކައި ހަވާޓްޒްއެވެ.

މިލިބުނު މޮޅާއެކު އާސެނަލްއަށް ވަނީ ލީގުގެ ދެވަނައަށް އެރިފައެވެ. އެޓީމު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުނެ ލިބުނު 57 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ތިންވަނައިގައި އޮތީ މިދިޔަ ފަހަރުގެ ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓާ ސިޓީއެވެ. އެޓީމު ވަނީ ކުޅުނު 24 މެޗުން 53 ޕޮއިންޓް ހޯދާފައެވެ.