ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން، މިއަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން އަނބުރާ އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އިންޑިޔާ ސިފައިންގެ އެއް ގްރޫޕް އެ ގައުމަށް ގެންދާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަދި އޭގެ ދެމަސް ފަހުން ބާކީ ހުރިހާ ސިފައިން ރާއްޖެއިން ބާލައި ނިންމާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އެ ގައުމަށް ފޮނުވާނީ ރިވެތި އުސޫލުގެ މަތިން، ޑިޕްލޮމަސީގެ ތެރެއިން، ޕްރޮފެޝަނަލް މިންގަނޑާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ގައުމެއްވެސް ގަބޫލު ކުރާނެ، އަނެއް ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް، މި ބަވަނަވެފަ އޮތް ދުނިޔޭގަ އެނޫން ގޮތަކަށް އޮޕަރޭޓްވާ ގައުމެއް ނޯންނާނެކަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރަހައްދީ ސުލްހަވެރިކަމާއި ހަމަޖެހުން އޮންނަން ބޭނުން ނަމަ، އެ ގައުމުގެ ޑިމޮކްރެޓިކް ނިންމުންތައް އޮތީ ކިިހިނެއްތޯ ބަލާނެ ކަމަށެވެ.