ލިޔުނީ: އަޒްހީން

ރޭ ބޭއްވި ބާފްޓާ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑް "އޯޕަންހައިމާ" އިން ހޯދައިފިއެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި އެޓޮމިކް ބޮން އުފެއްދުމުގެ ވާހަކަ ކިޔައިދޭ ތިން ގަޑިއިރުގެ "އޯޕަންހައިމާ"އިން ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމާއި އިތުރު 5 އެވޯޑެއްވެސް ހާސިލް ކޮށްފައެވެ.

2023 ވަނަ އަހަރު އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އޯޕަންހައިމާއަށް އެމެރިކާގެ ތިއޮރިޓީކަލް ފިޒިސިސްޓް ޖޭ ރޮބަޓް އޯޕަންހައިމާގެ ރޯލު ކުޅެފައިވާ ލީޑިން އެކްޓަރު ސިލިއަން މާފީ، ސަޕޯޓިން އެކްޓަރު ރޮބަޓް ޑައުނީ ޖޫނިއާ، އެޑިޓިން، ސިނެމެޓޯގްރަފީ އަދި އޮރިޖިނަލް ސްކޯ އަށް ވެސް އެވޯޑް ލިބުނެވެ.

ޑައިރެކްޓްކޮށްގެން ފުރަތަމަ ބާފްޓާ ކާމިޔާބުކުރި ނޯލަން ވަނީ އޭނާގެ އެކްސެޕްޝަން ސްޕީޗްގައި އޭނާގެ ކާސްޓާއި ކްރޫއަށް ޝުކުރު އަދާކޮށްފަ އެވެ.

"ހަގީގީ ދުނިޔޭގައި ވެސް ނިއުކްލިއާ ހަތިޔާރު މަދުކުރަން ދިގު އަދި ބުރަ ކޮށް މަސައްކަތް ކުރި ހުރިހާ ބާވަތެއްގެ ފަރުދުންނާއި ޖަމިއްޔާތައް އެބަތިބި... އެކަން ޤަބޫލުކުރެއްވުމުގައި، އަޅުގަނޑު އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރަން ބޭނުންވޭ،" އެވޯޑް ހަފްލާގައި ވާހަކަ ދައްކަމުން ނޯލަން ބުންޏެވެ.

ނޯލަން ފަދައިން މަރްފީއަކީ ވެސް އޭނާގެ ކެޓަގަރީ ކާމިޔާބު ކުރަން ފޭވަރިޓަކަށް ވެފައި، އޭނާ އޯޕަންހައިމާ ސިފަކުރީ "އެޓޮމިކް ބޮމުގެ ބައްޕަ" ގެ ގޮތުގަ އެވެ.