އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަދި ލޫޓޮން ޓައުން ބައްދަލު ކުރި މެޗު 2-1 އަކުން ކާމިޔާބުކޮށް, ޗެމްޕިއަންސް ލީގު ފުޓުބޯޅަ ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނައިޓެޑު މުހިއްމު ތިން ޕޮއިންޓު ހޯދައިފިއެވެ.

ލޫޓޮން ޓައުންގެ ކެނިލްވޯތު ރޯޑު ސްޓޭޑިއަމްގައި ކުޅުނު މެޗު ޔުނައިޓެޑުން ފެއްޓީ ވަރުގަދަކޮށެވެ. އެގޮތުން އެޓީމު ވަނީ މެޗުގެ ފުރަތަމަ މިނެޓުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަސްމުސް ހޮއިލަންޑެވެ. ހޮއިލަންޑްގެ މިލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން 6 ޕްރިމިއާ ލީގު މެޗުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ލަގަބު ލިބިފައެވެ.

މެޗުގެ 7 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ލޫޓޮންގެ ކާލްޓޮން މޮރިސް ކާމިޔާބު ކުރި ލަނޑާއެކު ލޫޓޮންއިން ވަނީ ޔުނައިޓެޑުގެ ލީޑު ކުޑަކޮށްފައެވެ.

ދެޓީމަށް ވެސް ވަނީ މެޗުގައި އިތުރަށް ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޔުނައިޓުގެ ބްރޫނޯ ފާނަންޑޭޒް ގޯލްކީޕަރު ކަޓުވާލުމަށްފަހު ގޯލަށް ޖެހި ބޯޅަ ލޫޓޮންގެ ޑިފެންޑާރ ސަމްބީ ލޮކޮންގާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަނެއްކޮޅުން ލޫޓޮންގެ ރޮސް ބާކްލީ ބޮލުން ގޯލަށް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައެވެ. ނަމަވެސް ލޫޓޮންއަށް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު އެޓީމަށް ވަނީ މެޗު ނާކާމިޔާބު ވެފައެވެ.

މެޗުން ލިބުނު ކާމިޔާބީއާއެކު ޔުނައިޓެޑުން އޮތީ ކުޅުނު 25 މެޗުން ލިބުނު 44 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. 5 ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. 4 ވަނައިގައި އެސްޓޮން ވިލާ އޮތީ ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއެކުގައެވެ. ޗެމްޕިއަންސް ލީގު ކަށަޗަރުކުރެވޭނެ ޖާގައަކަށް ޖެހިލަން ޔުނައިޓެޑަށް މިހާރު ބޭނުންވަނީ އެންމެ 5 ޕޮއިންޓެވެ.