ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިހާރު ހުރި ސްޓޭޓް ހައުސްގެ ބަދަލުގައި ޒަމާނީ ސްޓޭޓް ހައުސްއެއް ހެދުމަށް ބޭނުންވާކަމާއި އަތޮޅުގައި ހުރި ފަޅު ރަށްތަކުން ރަށެއް އަތޮޅު ކައުންސިލަށް ނަފާ ލިބޭގޮތަށް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ހިމެނެއެވެ.
އަދި ފަންނީ މުވައްޒަފުން ހޯދުމުގައި ކުރިމަތިވާ ދަތިތަކާއި، އަތޮޅު ކައުންސިލުގެ އިމާރާތުގެ ދަތިކަމާއި، އަތޮޅު ފިހާރަތަކުގެ ނަފާ އިތުރުކުރެވޭ ގޮތަށް އެތަންތަން ތަރައްގީކުރުމަށް އަތޮޅު ކައުންސިލަށް ލިބޭގޮތަށް އޮންނަން ބޭނުންވާކަން އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލަށް ބޭނުންވާ އިތުރު ކަންކަމާއި މުޅި އަތޮޅުގެ ލާބައާއި މަންފާއަށް ކުރަން ބޭނުންވާ މުހިންމު ކަންކަން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތައް ރޭވިފައިވާ ގޮތް ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ މަންފާ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ލިބޭގޮތަށް ސަރުކާރުން ރާއްވަވާފައިވާ ގޮތުގެ މައުލޫމާތު ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.