ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުންއޮތީ މިއަދު ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާކަންކަމާއި އޭޓީއެމް ހިދުމަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ކަންތައްތައްކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އެހެންތަނަކަށް ބަދަލުކުރުމާއި މަގުތައް ރަނގަޅުފެންވަރަކަށް ހަދަން ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވެސް ވަނީ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.