ގައުމެއްގެ ކުރިއެރުމާއި ތަނަވަސްކަމާއި އަދިވެސް އެފަދަ ހުރިހާ ކަމެއް ފެށެނީ އެ ގައުމަށް ނިސްބަތްވާ ފަރުދުންނާ ހިސާބުންނެވެ. އާއިލާއެއްގައި ހިމެނެނީ ފަރުދުން ތަކެކެވެ. ގެއެއްގައި އުޅެނީ އާއިލާއެކެވެ. އަވަށުގައި ހުންނަނީ އެފަދަ ގެ ތަކެކެވެ. އަވަށްތަކެއް އެކުވުމުން ރަށަކަށްވެއެވެ. އަދި މުޅި ގައުމު ބިނާވެފައި އޮންނަނީ ރަށްތަކެއް އެކުވެގެންނެވެ. ފަރުދެއް ރައްޔިތަކަށް ވަނީ ވަކި ގައުމަކަށް ނުވަތަ ރަށަކަށް ނިސްބަތްވާ ހިސާބުންނެވެ.

ގައުމެއް ވަކިގޮތަކަށް ބައްޓަންކޮށް، ބިނާކޮށް، ނުވަތަ ތަރައްގީ ކުރުމަށް ބޭނުންވާނީ އެގައުމެއްގެ ރައްޔިތުން އެ ގޮތަކަށް ބަދަލުވުމަށެވެ. ގައުމެއް ދަތުރުކުރާ މިސްރާބަކީ އެ ގައުމުގެ ރައްޔިތުންގެ މޫނުތައް އެނބުރިފައިވާ ދިމާއެވެ. ރަނގަޅު ރައްޔިތުންތަކެއްގެ މައްޗަށް ބިނާ ކުރެވޭ ގައުމު ދާނީ ރަނގަޅު މިސްރާބަށެވެ.

ރަނގަޅު ރައްޔިތެއްގައި ހުންނަންޖެހޭ ސިފަތަކަކީ އާދަކާދަތަކުގެ ތެރެއިން މުޖުތަމައުގެ ފައިދާ އާއި ކާމިޔާބީއަށް މުހިންމު ހުރިހާކަމެއްގެ ޖުމުލައެވެ. މިއީ ރަށްވެއްސަކަށް ވުމުގެ ސިފަތަކާ ވަރަށް ގާތުން ގުޅިފައިވާ ސިފަތަކެކެވެ. އަދި އޭގެ ތެރޭގައި އަމިއްލަ އެދުމަށް ތުރެ މުޖުތަމައުގެ ފައިދާ އިސްކުރުން ވެސް ބައެއް ފަހަރު ހިމެނެއެވެ. ސިޔާސީ ފަލްސަފާގެ ބަހުސްތަކުގައި، ރަނގަޅު ރައްޔިތެއްގެ ސިފަތައް ކަނޑައެޅުމަކީ ވަރަށް އާންމު މައުޟޫއެކެވެ. ތަހުޒީބު އުޅުމަކީ ވަކި ކަހަލަ އިޖުތިމާއީ މިންގަނޑުތަކަކަށް ފެތޭގޮތަށް، ދޭދޭމީހުންނާ އަދި ޖަމާއަތްތަކާ ދެމެދުގައި އޮންނަ އަހުލާގެކެވެ.

ރަނގަޅު ރައްޔިތުންގައި ހުންނަ އާންމު ސިފަތައް:

- ގާނޫނާއި ގަވާއިދަށް ތަބާވުން / އިދާރާތަކަށް އިހުތިރާމު ކުރުން

- މުޖުތަމައަށް ހިދުމަތެއް ކޮށްދިނުމާއި، ފަރުދީ ވާޖިބުތައް އަދާކުރުން

- އެހެންމީހުންގެ ހައްގުތަކަށް ކަމޭހިތުމާއި އިހުތިރާމު ކުރުން

- އިތުބާރު ކުރެވުން އަދި ތެދުވެރިވުން

- ކެތްތެރިވުން

- ޖަވާބުދާރީވުން

- ހިތްވަރުގަދަ ޟަމީރެއް އޮތުން

- ޒިންމާދާރުކަން

- އަމިއްލަ އަހުލާގު

ރައްޔިތުންނަކީ، އެ މީހުން އުފަންވީ އެ ގައުމަށްކަމަށް ވީތީ، ނުވަތަ ގާނޫނީ ގޮތުން އެ ގައުމަށް އެ މީހެއްގެ ވަފާތެރިކަން އޮތްކަމަށް ހުވާކޮށްފައިވާތީ، އެ ގައުމުގެ ހިމާޔަތް ލިބިދީފައިވާ، އެއް ގައުމެއްގައި ހިމެނޭ ބައެކެވެ.

ރަށްވެހިކަމަކީ އެ ގައުމެއްގެ ރައްޔިތަކަށްވީތީ ލިބޭ ހައްގުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އެއްކޮށްލުމުން ފުރިހަމަވާ އެއްޗެކެވެ.

ހައްގަކީ އެމީހަކަށް ކަށަވަރުވާ ފައިދާއެއް ނުވަތަ މިނިވަންކަމެކެވެ.

ޒިންމާއަކީ ޟަމީރު ތަންދިނުމާއެކު އިތުބާރުހުރި ގޮތަކަށް ކަންކަން ނިންމުމަށް ލިބިދެވިފައިވާ ބާރެވެ.

އެއްވެސް މީހަކު މި ދުނިޔެއަށް އަންނައިރު އެ މީހަކަށް ރަނގަޅު ރައްޔިތަކަށް ވާކަށް ނޭނގޭނެއެވެ. ރަނގަޅު ރައްޔިތަކަށްވުން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ބައެއް ފިލާވަޅުތައް ތިރީގައި ތަރުތީބުކޮށްލާނަމެވެ.

1- ޕްރައިމަރީ ސްކޫލުކުދިންނަށް ކުލާސް ތެރޭގައި ވާހަކަދެއްކިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން، އެހެންމީހުންނަށް އެހީވުން، ވޯޓުލުން، އެއްވެސް ކަހަލަ ނުރައްކަލަކާ ކުއްޖަކު ކުރިމަތިލައިފިކަމަށް ހީވާނަމަ، އެވާހަކަ އަވަހަށް ބޮޑުމީހަކު ގާތުގައި ބުނުން، އަދި އަމިއްލައަށް ކުރާ ކަންކަމަށާއި އެކަންކަމުން އެހެންމީހުންނަށް ކުރާނެ އަސަރަށް ޒިންމާ އުފުލުން ހިމެނެއެވެ.

2- ރަނގަޅު ރައްޔިތަކަށް ވާން ދަސްވަނީ އެމީހެއްގެ ބެލެނިވެރިންނާއި، މުޖުތަމައާއި، ރައްޓެހިން އަދި ޓީޗަރުންގެ ފަރާތުންނެވެ. ދެވަނަ ފިލާވަޅެއްގެ ގޮތުން، މިކަންކަން ދައްކުވައިދޭ ޕޯސްޓަރެއް ކުރެހުމަށް އެ ކުދިންނާ ހަވާލުކުރެވިދާނެއެވެ.

3- ސެކަންޑަރީ ސްކޫލުކުދިންނަށް، ފުރިހަމަ ރައްޔިތަކަށް ވުމާބެހޭ ގޮތުން މަގުބޫލު ޝަހުސެއް، ރަނގަޅު ރައްޔިތުންނާ ބެހޭގޮތުން ބުނެފައިވާ ބަސްކޮޅެއް ހަވާލުކުރުމަށް ފަހު، ގުރޫޕު މަސައްކަތެއްގެ ގޮތުގައި އެ ބަސްކޮޅުގެ ދޭހައާ ބެހޭގޮތުން މަޝަވަރާކުރަން ހަވާލުކުރެވިދާނެއެވެ. އަދި އެ ބަސްކޮޅުތައް ބޭނުންކޮށްގެން، ކޮންމެ ގުރޫޕަކުންވެސް، "ރައްޔިތެއް"ގެ ފުރިހަމަ މާނައެއް ތައްޔާރުކޮށް މުޅި ކުލާހަށް ހުށަހެޅިދާނެއެވެ.

4- ހައިސްކޫލް ދަރިވަރުންނަށްވެސް މަޝްހޫރުމީހަކު ބުނެފައިވާ އެފަދަ ބަސްކޮޅެއް ދިނުމުން، ކޮންމެ ކުއްޖެއްވެސް ވަކިން، އެ ބަސްކޮޅުން ދޭހަވާ މާނައަށް އަމިއްލަ އިބާރާތުން ބަސްކޮޅެއް ތައްޔާރުކުރުމާއެކު، އެ ބަސްކޮޅުގެ މާނައާ ބެހޭ ޝަރަހައެއް ލިޔަން ހަވާލުކުރެވިދާނެއެވެ. އަދި އެއަށް ފަހު، ފަސްކުދިންގެ ގުރޫޕެއްގައި ކޮންމެ ކުއްޖަކުގެ ޝަރަހަ ހިއްސާކުރުމާއެކު، ގުރޫޕު އެއްވެގެން، އެކި ގައުމުގައި އެކި ނަސްލަށް ނިސްބަތްވާ މަޝްހޫރު މީސްމީހުންގެ އިތުރު ބަސްކޮޅުތަކެއް ހޯދައި ދިރާސާ ކުރެވިދާނެއެވެ. އަދި ރައްޔިތަކަށް ވުމުގެ މާނައެއް ތައްޔާރުކުރެވިދާނެއެވެ.

ރަނގަޅު ރައްޔިތެއްކަން ދައްކުވައިދޭ ދިހަ ގޮތް

އަޅުގަނޑުމެން އެންމެވެސް، މި ގައުމުގެ، އަދި ދުނިޔޭގެ، ރަނގަޅު ރައްޔިތަކަށްވާން އަޒުމު ކަނޑައަޅަންވާނެއެވެ.

ދުނިޔޭގެ ތާރީހުން ފެންނަން އޮތްގޮތުން، ރައްޔިތުންނަކީ ކޮންބައެއްކަން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ގަދީމީ ގްރީސްގެ އެތެންސްގައެވެ. އެ ޒަމާނުގައި ތައުލީމު އުނގަންނައިދިނުން ފަރުމާކޮށް ބައްޓަން ކޮށްފައިވަނީ ރައްޔިތުންނަށް މިނިވަންކަމާއެކު އުޅުމަށް ބޭނުންވާ އަގުވަޒަންކުރުމާއި، ވިސްނުމުގެ ގިއުގަނޑާއި، ވިސްނުމުގެ އާދަކާދަތައް އުގަންނައިދިނުމަށެވެ. އެއީ، އެ މީހުންގެ ދިރިއުޅުން ބައްޓަން ކުރުމާއެކު އެ މީހުންގެ މިނިވަންކަން ކަށަވަރުކޮށްދޭ ސިޔާސީ ނިޒާމުގައި އަމަލީގޮތުން ބައިވެރި ކުރުމަށެވެ.

މިއަދު، ރައްޔިތަކަށްވުމުގެ މާނައަކީ، ގުރޫޕެއްގައި ހިމެނުމެވެ. ޝަރުއީ އަދި ސިޔާސީ ހައްގުތަކެއް އެ ގުރޫޕުތެރޭގައި ލިބެއެވެ. އެއާއެކު ހައްގުތަކަކާއި ވާޖިބުތަކެއް ކުރިމަތިވެއެވެ. އެގޮތުން އެއް ވާޖިބަކީ ރަނގަޅު ރައްޔިތަކަށް ވުމެވެ. ކޮންމެ ގައުމެއްގެ އިޖުތިމާއީ ދުޅަހެޔޮކަމަކީ އެ ގައުމެއްގެ ވަކިވަކި ރައްޔިތުންގެ ދުޅަހެޔޮކަމުގެ ޖުމުލައެވެ.

އެހެންނަމަވެސް، މިޒަމާނުގައި، އާންމުގޮތެއްގައި ރަނގަޅު ރައްޔިތަކަށް ވާނެގޮތަކީ މީހުންނަށް އުނގަންނައިދެވިފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އަޅުގަނޑު އަހާލަން ބޭނުންވަނީ "ރަނގަޅު ރައްޔިތަކަށް ވުމަށް ބޭނުންވަނީ ކޮން ކަންކަމެއް ފުރިހަމަވާންތޯ؟" އެވެ. އަދި "ރަނގަޅު ރައްޔިތަކަށް ވެވޭނީ ކިހިނެއްތޯ؟" އެވެ. މި ދެ ސުވާލަށް ޖަވާބު ދެވޭތޯ ބަލާނަމެވެ.

ތިރީގައި އެވަނީ ރަނގަޅު ރައްޔިތަކަށް ވެވޭނެ ދިހަ ގޮތެވެ.

1. ގައުމު ދެކެ ލޯބިވާ ބަތަލަކަށްވުން

ގައުމު ދެކެ ލޯބިވުމަކީ ގައުމައްޓަކައި ސާބިތުކަމެއްގެ މަތީގައި ދެމިހުރުމެވެ. އޭގެ މާނައަކީ ގައުމީ ސަގާފަތުގެ އަގުވަޒަންކުރުމާއެކު، ވަރަށް ހާއްސަ ވަފާތެރިކަމެއް ގައުމަށް ދެއްކުމެވެ. ގައުމު ދެކެ ލޯބިވާކަން ދައްކުވައިދޭ ބައެއް ގޮތްތަކަކީ:

· ގައުމުގެ ތާރީހު ދެނެގަތުން.

· އިޖުތިމާއީ ތައުލީމު އުނގެނުން.

· ގާނޫނާ ގަވާއިދަށް ތަބާވުން.

· ޓެކުސް ދެއްކުން

· ގައުމީސަލާމް އެނގުން

· ގައުމީ ދިދަ ނެގުން

· އާންމުތަންތަނަށް ކުނި އެޅުމާއި، މުދަލަށް ގެއްލުންދިނުމާއި، މާހައުލު ހަލާކުވާ ފަދަ ކަންތައްތައް ކުރުމުން ދުރުހެލިވުން.

· ގައުމުގެ ތެރޭގައި ދަތުރުކޮށް އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން.

· ގައުމީ ޓީމަށް ސަޕޯޓުކުރުން.

ހަމަ މިއާއެކު، ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، ގައުމުދެކެ ލޯބިވުމާ، ނެޝަނަލިޒްމް އާ އެކައްޗެއްގެ ގޮތުގައި އޮޅުވާނުލުމަށެވެ. ނެޝަނަލިޒްމް އަކީ ތިމާގެ ގައުމަކީ އެހެން ގައުމުތަކަށް ވުރެމޮޅު ގައުމެއްކަމުގައި ހީކުރުމާއެކު އެހެން ގައުމުތަކުގެ މައްޗަށް ބާރު ހިންގުމަކީ ތިމާމެނަށް ލިބިފައިވާ ހައްގެއްކަމުގައި ގަބޫލު ކުރުމެވެ.

ނަމަވެސް ގައުމު ދެކެ ލޯބިވާ މީހުންނަކީ ގައުމުދެކެ ފަހުރުވެރިވާ ބައެކެވެ. އެ މީހުން ގަބޫލު ކުރާގޮތުގައި އެހެން ގައުމުތަކުގެ މީހުންވެސް އެ މީހުންގެ ގައުމު ދެކެ ހަމަ އެފަދައިން ފަހުރުވެރި ވުމުގެ ހައްގު ލިބިގެންވެއެވެ.

ރަނގަޅު ރައްޔިތުން އަމިއްލަ ގައުމުދެކެ ލޯބިވާނެއެވެ. ރަނގަޅު ރައްޔިތުންނަކީ ގައުމު ދެކެ ލޯބިވާ މީހުންނެވެ.

2. ރަނގަޅު ރައްޔިތުންގެ ޒާތީ ސިފަތައް ނަކަލުކުރުން

ރަނގަޅު ރައްޔިތެއްގެ ޒާތީ ސިފަތަކުގެ ތެރޭގައި އަންނަނިވި ސިފަތައް ހިމެނެއެވެ.

· ތެދުވެރިކަން – އަބަދުވެސް ހަގީގަތަށް ވާހަކަދެއްކުން

· ނަޒާހަތްތެރިކަން – ރަނގަޅު ގޮތުގައި ސާބިތުވެހުރުން

· ޒިންމާދާރުކަން – ތިމާއަށާއި ތިމާ ކުރާކަންކަމުގައި ޖަވާބުދާރީވުން.

· އިހުތިރާމުކުރުން – އެހެން މީހުންނަށް ހިތާނީ ތިމާއަށް އެ މީހުން ހިތުމަށް އެދޭ ގޮތަށް.

· ހަމްދަރުދީވުން – ނަސީބު ދެރަ މީހުންނަށް ހެޔޮކޮށް ހިތުމާއެކު، އެހީވެދިނުން.

· އޯގާތެރިވުން – އެކުވެރިކަން ދެއްކުން.

· ކެތްތެރިވުން – ތަފާތު ގޮތަކަށް އުޅޭ ފަރާތްތަކާމެދު ކެތްތެރިވުން.

· ކަމޭހިތުން – އެހެން މީހުންނަށް ކަމޭހިތުން.

· އަމިއްލަ އަހުލާގު – އަމިއްލަ ނަފުސުގެ ހިފެހެއްޓުންތެރިކަމާއި އަމިއްލަ ބަހުގެ އިތުރުބާރު ގާއިމުކުރުމުގައި ސާބިތުވުން.

· ހިތްވަރުގަދަ އަޒުމެއް އޮތުން – ރަނގަޅުނޫންކަމުގައި ދެކޭ ކަންކަމާ ދެކޮޅަށް ތެދުވުމާއި، އަމިއްލައަށް ދިފާއު ނުވެވޭ މީހުން ދިފާއުކުރުމަށް ތެދުވުން.

· އަދުލު އިންސާފަށް ލޯބިކުރުން – ހަމަހަމަކޮށް ހިތުމާއެކު އެހެން މީހުންވެސް އިންސާފުވެރިވުމަށް ބާރުއެޅުން.

ގައުމެއްގެ އެންމެންމެ މަތީގައި އެވާ ގޮތަށް އުޅެފިނަމަ، ގައުމުގެ ހާލަތު ރަނގަޅު ވާނެ މިންވަރާމެދު ނިކަން ވިސްނާލަމާތޯއެވެ. އަމިއްލައަށް އެގޮތްތައް ހިޔާރުކޮށްގެން މިއަދު އުޅެންފަށާށެވެ.

އެކަންކަން ހިޔާރުކުރުމުގައި އެންމެ ފަސޭހަގޮތަކީ، އަބަދުވެސް ރަނގަޅު ގޮތް ހިޔާރު ކުރުމަށާއި ރަނގަޅުނޫން ގޮތާ ދުރުހެލިވުމަށް އަޒުމު ކަނޑައެޅުމެވެ.

3. އުފެއްދުންތެރި ފަރުދަކަށްވުން

ރަނގަޅު ރައްޔިތުން އެ މީހުންގެ ގައުމަށް ފައިދާހުރި ކަމެއް ހިއްސާކުރާނެއެވެ. އެއީ އުފެއްދުންތެރި މުވައްޒަފެއްގެ ގޮތުގައި، ނުވަތަ ވިޔަފާރި ވެރިއެއްގެ ގޮތުގައި، ނުވަތަ ކުރެހުންތެރިއެއްގެ ގޮތުގައި، ނުވަތަ ސަރުކާރު މުވައްޒަފެއްގެ ގޮތުގައި، ނުވަތަ ސިއްހީ އެހީތެރިއެއްގެ ގޮތުގައި، ނުވަތަ އެނޫންވެސް އެފަދަ މީހެއްގެ ގޮތުގައެވެ. ރަނގަޅު ރައްޔިތުން އެ މީހުންގެ ކުޅަދާނަކަމާއި ހުނަރާއި ގާބިލިއްޔަތު އެހެން މީހުންނާ ހިއްސާ ކުރާނެއެވެ. އެ މީހުން ގައުމަށް ކޮންމެވެސް މަންފާއެއް ދޭނެއެވެ.

4. މުޖުތަމައުގައި ހަރަކާތްތެރިވުން

ރަނގަޅު ރައްޔިތުންނަކީ އެ މީހުންގެ މުޖުތަމައުގައި ހަރަކާތްތެރި ބައެކެވެ. ރަށުގައި ހިންގާ އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ ބައެކެވެ. އޭގެ އިތުރުން އެ މީހުންގެ މުޖުތަމައަކީ ދިރިއުޅެން މިހާރަށްވުރެ ހެޔޮ ތަނަކަށް ހެދޭނެ ގޮތެއް އޮތްތޯ އަބަދުވެސް ބަލަބަލާ ތިބޭ ބައެކެވެ. މުޖުތަމައުގައިވާ އެއްވެސް މައްސަލައެއް ފެނިއްޖެނަމަ އެކަމެއް ހައްލުކުރެވޭނީ ކިހިނެއްތޯ ބެލުމަށް އަވަސްވެގަންނަ ބައެކެވެ.

މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

· ހިސާބުގަނޑުގެ ފިހާރައަކުން ބާޒާރުކުރުން.

· އިޖުތިމާއީ ހަރަކާތްތަކަށް ހާޒިރުވުން – އުޅޭ ހިސާބުގަނޑުގައި ހިންގާ އެކިއެކި ކަންކަމަކީ ކޮބާކަން ދެނެގަނެ، އެކަންކަމުގައި ބައިވެރިވުމަށް ސަމާލުކަން ދިނުން.

· އަމިއްލައަށް ޝައުގުވެރިވާ ކަމެއް ކުރުމުގައި އުޅޭ ޖަމިއްޔާއަކާ ނުވަތަ ޖަމާއަތަކާ ގުޅުން.

މުޖުތަމައުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް ކުރެވިދާނެ ބައެއް ކަންކަން:

· މުޖުތަމަ އިން ރާވާ ހިންގާ ސާފުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުން.

· މުޖުތަމައުގެ ބަގީޗާއެއް ދެމެހެއްޓުމަށް އެހީވެދިނުން.

· ކުޑަކުދިން ކުޅޭ ޕާކަކަށް ބޭނުންވާ ސާމާނު ގަތުމަށް ފައިސާ ހޯދުމަށް ކެންޕޭނުކޮށްދިނުން.

· އަވައްޓެރިންނަށް އެހީވެދިނުން.

ކޮންމެވެސް ފަންނީ އާލާތެއްގެ ސްކްރީނުގައި ތަތްލަވާފައިވާ މޫނެއްހެން، އެއަށް ގެއްލިފައި އަބަދު ގޭތެރޭގައި އިނުމުގެ ބަދަލުގައި، ގެއިން ބޭރަށް ނުކުމެ އިޖުތިމާއީ ފައިދާ އެއް ހުރި މަސައްކަތެއް ކުރާށެވެ. އެއިރުން މިހާރަށްވުރެ ރަނގަޅު ރައްޔިތަކަށް ވެވޭނެއެވެ.

5. ކަންކަމާބެހޭ މައުލޫމާތު ހޯދުން

ގައުމަށާއި ރަށަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ކަންކަމާބެހޭ ގޮތުން ކިޔާ އޮޅުންފިލުވާށެވެ. ލިޔަންކިޔަން ދަސްކުރުމުގެ އަސްލު އަސާސްއަކީ މިއީއެވެ. އެހެނީ ކަންކަމާ ބެހޭ ގޮތުން ތަންދޮރު ނުދަނެ ހުރެ ކިހިނެއްތޯ އެކަމަކާ ބެހޭ ގޮތުން އެއްޗެއް ބުނެވޭނީ؟

މިހާރަކަށް އައިސް ކިޔާފައި ނުކިޔާންވީ ކޮންކޮން އެއްޗެއްސެއްކަން ވަރަށް ބޮޑަށް ވަނީ އޮޅިފައެވެ. ވީމާ މުޖުތަމައާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ކިޔުން ރަނގަޅު ބައެއް އެއްޗެތި ތިރީގައި ލިސްޓުކުރަމެވެ.

· ދުނިޔެއާއި ގައުމާއި މުޖުތަމައާ ބެހޭ ހަބަރު ފަތުރާ އެކިއެކި ނޫސް މަޖައްލާ.

· ދުނިޔޭގެ ބޮޑެތި ކަންކަމާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް.

· ދުނިޔޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ހަޔާތުގެ ވާހަކަ ފޮތް (ބައޮގްރަފީ).

· ތާރީހާބެހޭ ފޮތްތައް.

· ޕޮލިޓިކަލް ސައެންސް ފޮތްތައް.

6. ހުޝިޔާރުވެ ހުރުން

ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ސިޔާސީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ގައުމަށް އެންމެ ބޮޑަށް ބޭނުންވާނީ މައުލޫމާތު މުއްސަނދި، މަދަނީ ވިސްނުން ގެންގުޅޭ އާބާދީއެކެވެ. ރަނގަޅު ރައްޔިތުން ތިބެންވާނީ އަންނަނިވި ކަންކަމަށް ދައުލަތުން އިހުމާލުވޭތޯ ބެލުމަށް ހުށިޔާރުވެގެންނެވެ.

· ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި އެކަށީގެންވާ ނަތީޖާ ނެރެދެވޭތޯ.

· އިހުތިސޯސްއިން ބޭރުނުވެ، އަމަލުކުރަމުން ގެންދަނީ ހެޔޮގޮތުގައިތޯ.

· ދައުލަތަށް ލިބިދީފައިވާ ހައްގުތަކުގެ އިމުން ބޭރުނުވާކަން ކަށަވަރުކުރުން.

މިކަންކުރުމަށް، ކޮންމެ ރައްޔިތަކަށް ވެސް، ވިސްނުންތެރިކަމާއެކު ވަކިނުކުތާއަކަށް ބަހުސްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކެއް ލިބިފައި ހުންނަންޖެހޭނެއެވެ.

"އަނިޔާވެރިކަމަށް އެންމެ ބޮޑަށް މަގުފަހިވާ ކަމަކީ އަގުމާތް ސިފައިގެ އަހުލުވެރި ރައްޔިތުން ހިމޭނުންތިބުމެވެ."

7. ގައުމުގެ ސިޔާސީ ކަންކަމުގައި ބައިވެރިވުން

ރަނގަޅު ރައްޔިތަކަށް ވާން ބޭނުންވާނަމަ، ސިޔާސީގޮތުން ހަރަކާތްތެރި ވާންޖެހޭނެއެވެ. އޭގެ މާނައަކީ މުޒާހަރާ ކުރާށެކޭނޫނެވެ. ނުވަތަ އަޑުގަދަކޮށް ނުވަތަ މީހުންގެ އަބުރުކަތިލުން ނުވަތަ ދެބަސްވުން ފާޅުކުރުމެއްވެސް ނޫނެވެ. ތިރީގައި އެވަނީ ސިޔާސީގޮތުން ހަރަކާތްތެރި ވެވިދާނެ ހެޔޮ ކަންކަމެވެ.

· އަމިއްލައަށް ޝައުގުވެރިވާ މައުލޫއުތައް ދެނެގަނެ، އެކަންކަން ކުރުމަށް މަސައްކަތްކުރުން.

· ހުއްދަލިބިގެން ބާއްވާ ސިޔާސީ އެއްވުންތަކުގައި ބައިވެރިވުން.

· ރަށު ކައުންސިލްގެ ބައްދަލުވުންތަކަށް ދިއުން.

· ސިޔާސީ ޖަމިއްޔާ އަކަށް ވަނުން.

· ސިޔާސީ ކެމްޕޭނަށް ވޮލަންޓިއާ ކުރުން.

· ވޯޓުލުން - ކޮންމެ އިންތިހާބެއްގައިވެސް މަދަނީ ވިސްނުމުގެ ހެޔޮ ކެންޑިޑޭޓު ދެނެގަނެ، ވޯޓުދިނުން.

· ސިޔާސީ މަގާމަކަށް ކުރިމަތިލުން.

ރައްޔިތެއްގެ ހައިސިއްޔަތުން، ތިމާގެ އަޑު އިއްވުމަކީ ލިބިފައިވާ ހައްގެކެވެ. އެ ހައްގުގެ ހެޔޮ ބޭނުން ހިފާށެވެ.

8. ނަމޫނާ ދައްކުވައިދިނުން

އަދުގެ ކުޑަކުދިންނަކީ މާދަމާގެ ރައްޔިތުންނެވެ. ގައުމުގެ މުސްތަގުބަލު ރައްކާތެރިކޮށް ބައްޓަން ކުރުމަށް ކުޑަކުދިންނަށް ނަމޫނާ ދައްކުވައިދޭ މީހަކަށްވާށެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:

· އަމިއްލަ ދަރިންނާއެކު ފަރުދީ ޒިންމާ އާއި ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން – އެކުދިންނަށް ރަނގަޅު ރައްޔިތަކަށް ވާން ދަސްކޮށްނދިނުން.

· ސްކޫލެއްގެ "މެންޓޯ ( mentor ) ޕްރޮގްރާމް" ގައި ބައިވެރިވެ، ތައުލީމީގޮތުން ފަހަތުގައި ތިބޭ ކުދިންނަށް ނަމޫނާ ދައްކުވައިދީގެން އެހީތެރިވެދިނުން.

މި ދުނިޔެއަށް ދޫކޮށްދެވޭ ރަނގަޅު ނަމޫނާއަކީ ގައުމުގެ ދުޅަހެޔޮކަމަށް ހިދުމަތްތެރި ރަނގަޅު ރައްޔިތުންތަކެއް އުފެއްދުމުގައި ރޯލެއް ކުޅެދީފައިވުމެވެ.

9. ރޯނު އެދުރަކަށް ނުވެ އެދުރުވުން

ކުރިން ބުނެވިފައިވާނެ ރަނގަޅު ރައްޔިތަކަށް ވާން ބޭނުންނަމަ އުފެއްދުންތެރި ފަރުދަކަށްވާށެވެ. އެހެނީ އަދުގެ ދުނިޔޭގައި ކޮންމެވެސް ހެޔޮ ނަތީޖާއެއް ނެރެވޭނެ ފަންނީ، ގާނޫނީ، ސިއްހީ ފަދަ ހުނަރެއް ދަސްކުރާށެވެ. ނަމަވެސް ރަނގަޅު ރައްޔިތުން ތިބެންވާނީ އޭގެ އިތުރުން ހުރިހާ ދާއިރާއެއްގައިމެ ތަންދޮރު ފިލާވަރަށް އުނގެނިގެންނެވެ.

ހުރިހާ ދާއިރާއަކުންވެސް ތަންދޮރު ދަންނަ މީހުން، އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމަށް އަދި އީޖާދުކުރުމަށް، އެފަދަ ދާއިރާތަކުގެ ތަންދޮރު ނުދަންނަ މީހުންނަށްވުރެ ކުޅަދާނަވާނެއެވެ. އޭގެ އިތުރުން އެ މީހުންނަކީ ގައުމުގެ އިގުތިސާދަށް ފައިދާކޮށްދިނުމުގެ އިތުރުން، ގައުމުގެ ސަގާފީ މުއްސަނދިކަމަށް ވެސް ފައިދާކޮށްދޭ ބައެކެވެ.

ތިރީގައި މިލިޔަނީ އެފަދަ މީހުންގެ ބައެއް ސިފަތަކެވެ.

· އެ މީހުންނަކީ އާދަކޮށް ލިޔެފައިވާ އެއްޗެތި ކިޔުމުގައި އުޅޭ ބައެކެވެ.

· އެ މީހުންނަކީ ޚުލްޤުހެޔޮ، އަހުލާގު ރަނގަޅު ސަގާފަތެއްގެ ވެރިންނެވެ.

· އެ މީހުންނަކީ ރަނގަޅު ތައުލީމެއް ލިބިފައިވާ ބައެކެވެ.

· އެ މީހުން، އެމީހުންގެ ވިސްނުމުގެ އިތުރުން އެމީހުންގެ ހަށިގަނޑާއި، ޝުއޫރުތަކާއި، ރޫހާނީ ކަންކަން ތަރައްގީކޮށް ބިނާ ކުރެއެވެ.

10. އަމިއްލަ ދުނިޔެ ތަރުތީބުކުރުން

ތިމާގެ ގެއަކީ ތިމާގެ ގައުމު ދޭހަކޮށްދޭ މާހައުލެކެވެ. ސާފު، ދުޅަހެޔޮ ސިއްހަތެއްގެ، ތަނަވަސް، އުފާވެރި ގައުމެއްގައި އުޅެން ބޭނުންނަމަ، ތިމާގެ އަމިއްލަ ގޭގައި މިކަންކަން ގާއިމުކުރާށެވެ. ކޮންމެ ފަރުދެއްވެސް އެކަން އެގޮތަށް ކުރުމުން، އެއޮތީ މުޅި ގައުމު އެގޮތަށް ބައްޓަންވެފައެވެ.

މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވަނީ، ކަލޭމެންގެ ގެ (އާއިލާ) ތަރުތީބު ކުރުމަށެވެ. އޭރުން މުޅި މުޖުތަމައު ތަރުތީބުވާނެއެވެ. އޭރުން މުޅި ގައުމު ތަރުތީބުވާނެއެވެ.

ތިމާގެ ގެ ތަރުތީބު ކުރުމަށް ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ.

· ގޭތެރެ ސާފުތާހިރުކޮށް ތަރުތީބުކުރުން.

· ސިއްހީގޮތުން ރަނގަޅު ކާނާ ކެއުން.

· ހަރަދުތައް ބަޖެޓެއްގެ ތެރޭގައި ބެލެހެއްޓުމާއެކު ދަރަނިވެރި ނުވުން.

· ގަވާއިދުން ބިލުތައް ދެއްކުން.

· ކަރަންޓާއި ފެން އިސްރާފު ނުކުރުން.

· ރިސައިކްލް ކުރުން.

· އާއިލާއިން ތަބާވުމަށް ކުދިކުދި ގަވާއިދުތަކެއް ހެދުން.

· އަމިއްލަ ތަރައްގީއަށް އަމާޒުތަކެއް ކަނޑައެޅުމާއެކު، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޒުމު ކަނޑައެޅުން.

ފަށަންވީ ކުޑަކޮށް – ގޭތެރެ ތަރުތީބުކޮށްގެންނެވެ. ރަނގަޅު ގެއެއް ހުރުމުން، އަވައްޓެރި ހިސާބުގަނޑު ރަނގަޅުވާނެއެވެ. އަދި އޭރުން މުޅި ރަށް ރަނގަޅުވާނެއެވެ. އެއަށް ފަހު މުޅި ގައުމު ރަނގަޅުވާނެއެވެ. ރަނގަޅު ގައުމުތަކެއް ހިމެނޭ ދުނިޔެ ރަނގަޅުވާނެއެވެ.

އަޅުގަނޑު މިއަދު މި އަޒުމު ކަނޑައަޅަނީ ރަނގަޅު ރައްޔިތަކަށްވާށެވެ.