ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ކުރެއްވި ބައްދަލުވުގައި ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާ އެރަށު ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށް އެ ކައުންސިލުން އެދެފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

އެގޮތުން އެ ރަށުގައި ހުއްޓިފައިހުރި މަޝްރޫއުތައް ކުރިއަށްގެންދެވުމަށާއި އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާ ކަމަށާއި، 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ރަށުގެ ސިއްހީ މަރުކަޒުތައް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގައި އާޓިފިޝަލް ބީޗެއް ހައްދަވައިދެއްވުމަށާއި، ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ބަޖެޓެއް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީގެ އަންހެނުންގެ ތަރައްގީޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެ ކަނބަލުން ބޭނުންވާ ހަރަކާތްތައް ނުހިންގެނީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމުގައި ވިދާޅުވެ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.