ކަނޑިތީމަށް މި ސަރުކާރުން ވަޢުދުވީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ކަނޑިތީމުގެ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.ހަމަ އެހެންމެ، މަގުތައް ހެދުމާއި، ސްކޫލުގެ ބާރަ ކްލާސްރޫމާއި، އޮފީސް ޖާގަ އިތުރުކުރުމާއި، މިހާރު ކުރިއަށްދާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމާއި، އަދި އެގޮތަށް ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުގައި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ހަމަޖެއްސުމާއި، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ހޯދުމަކީވެސް އެމަނިކުފާނު ފުރިހަމަކޮށްދެއްވާނެ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރަހައްދީ ތަރައްގީއަށް އިސްކަން ދެއްވައިގެން، އުތުރުގެ ހަތަރު އަތޮޅު ތަރައްޤީ ކުރެވިގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.