ލިޔުނީ: އަޒްހީން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ނެޓްވޯކް ސްޕީޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ޔޫއޭއީ ޑިޖިޓަލް އިކޮނޮމީ ކައުންސިލުން ބުނެފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޔޫއޭއީގައި އިންޓަނެޓް ޕްރޮޓޮކޯލް (އައިޕީވީ6) އެޑޮޕްޝަން ރޭޓް ހުރީ %50.7 ކަމަށާއި މޮބައިލް ނެޓްވޯކް ކަވަރޭޖް 100% އަރާފައިވާކަމަށެވެ.

ޔޫ.އޭ.އީ އަކީ ފަސްވަނަ ޖެނެރޭޝަން (5ޖީ) ނެޓްވޯކް ސްޕީޑްގައި ދުނިޔޭގެ އެއްވަނައަށް ގޮސްފައިވާ ޤައުމަކަށްވާއިރު، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެންމެ ހަލުވި ކަމާއެކު 5ޖީ މާކެޓުގެ މަޤާމު އޮކްލާ ސްޕީޑްޓެސްޓް އިންޓެލިޖެންސްގެ ތަފާސް ހިސާބުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ގައުމުގެ މީޑިއަން ޑައުންލޯޑް ސްޕީޑް 557.63 އެމްބީޕީއެސް އަށް އަރާފައިވާއިރު، ދުނިޔޭގެ އެންމެ ހަލުވި 5ޖީ އޮޕަރޭޓަރުގެ ގޮތުގައި އެގައުމުގެ ނެޓްވޯކެއްކަމައްވާ އެޓިސަލެޓް 680.73 އެމްބީޕީއެސްގެ މީޑިއަން ޑައުންލޯޑް ސްޕީޑެއް އޮވެއެވެ.

ޑިޖިޓަލް އިކޮނޮމީ އެޖެންޑާ ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ޔޫއޭއީ ކައުންސިލް ފޯ ޑިޖިޓަލް އިކޮނޮމީ އިންވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ، އީ-ކޮމާސް، ފައިނޭންޝަލް ޓެކްނޮލޮޖީ، އިންވެސްޓްމަންޓް ސްޓިމިއުލޭޝަން އަދި ސްކިލް ޑިވެލޮޕްމަންޓަށް އެހީތެރިވެދޭ ސްޓްރެޓެޖިކް އިނީޝިއޭޓިވްސް ތައް މުރާޖައާ ކުރުމަށް ބައްދަލުވުން ބާއްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ހިދުމަތުގެ ސިޔާސަތުތަކާއި ޑޭޓާ ސެންޓަރު ޑިސްޓްރިބިއުޝަން އާއި ކްލައުޑް ކޮމްޕިއުޓިން ޑިޕްލޮއިމަންޓް އަދި އިންޓަނެޓް ނެޓްވޯކް އިންޑިކޭޓަރުތަކުގެ ވާހަކަވެސް މި ބައްދަލުވުމުގައި ހިމެނުނެވެ.

މި ކުރިއެރުންތަކުގެ ސަބަބުން، ޑިޖިޓަލް އިކޯސިސްޓަމެއް ޤާއިމުކޮށް، އިނޮވޭޝަނަށް މަގުފަހިކުރުމަށާއި، އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް ޔޫ.އޭ.އީ.އިން ދެމުން އަންނަ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.