ޗައިނާ އިން 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި އެކަން އަންގަވާފަ އެވެ.

ޗައިނާއިން ވެކްސިން ހަދިޔާކުރަން ނިންމާފައިވާއިރު، އިންޑިއާ އިން ވެސް ވަނީ ހަމަ އެ އަދަދަށް ވެކްސިން ހަދިޔާކޮށްފަ އެވެ. އިންޑިއާ އިން ހަދިޔާ ކުރީ އެ ގައުމުގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ވެކްސިން ދިނުމުގެ މަސައްކަތް ރާއްޖޭގައި ވަނީ ފަށާފަ އެވެ.

ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ.

އެ ގައުމުން ދަނީ އެގައުމުގެ ސައިނޯފާމް ކުންފުނިން އުފެއްދި ސައިނޯފާމް ކޮވިޑް ވެކްސިން އެ ގައުމުގެ ރައްޔިތުންގެ ގަޔަށް ޖަހަމުންނެވެ.

ހަދިޔާ ކުރަން ނިިންމާފައިވާ ޑޯޒްތައް ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކޮށްފަ އެވެ. ނަމަވެސް އަދި އެ ވެކްސިން ދޭން ފަށާފައި ނުވެ އެވެ.