ފ. ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ މަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 6,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 2367 މީޓަރުގެ އެއްގަމުތޮށި ލުމާއި، 261 މީޓަރުގެ ބޭރުތޮށި ލުމާއި، 75 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޯއީސް ހަރުކުރުމުގެ މަަސައްކަތްވެސް ހިމެނެއެވެ.ސަރުކާރުގެ މި މަޝްރޫއަކީ 61.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.