އަލްއިމާމް އަޙްމަދު ބުނު ޙަމްބަލް – ރަޙިމަހުﷲ- ވިދާޅުވިއެވެ.

އަހުރެން ރަށުގެ މަގު މަތީގައި ހިނގާފައި ދަނިކޮށް މަގުފޭރޭމީހަކު، މީސްތަކުންގެ މުދާތަކުން ވައްކަން ކުރަނިކޮށް އަހުރެންނަށް ފެނުނެވެ.

އަދި ހަމަ އެ ވަގުކަލޭގެ މިސްކިތުގައި ނަމާދަށް ހުއްޓާވެސް އަހުރެންނަށް ފެނިއްޖެއެވެ. އެހިނދު އަހުރެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. [ތިޔަ މުޢާމަލާތް ﷲ ތަޢާލާއާއި އެކު ކުރުމަކަށް އެކަށީގެނެއް ނުވެއެވެ. އެހެނީ ކަލެއަކީ މިފަދަ ނުބައި ޢަމަލުތަކެއް ކުރާ މީހަކީމުއެވެ. އަދި ކަލޭ އެފަދަ ޢަމަލުތަކެއް ކުރަމުންދާއިރު، ﷲ ތަޢާލާ ކަލޭގެ ކިބައިން ތިޔަ ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ.]

އޭނާ ބުންޏެވެ. [ އޭ އެއިމާމެވެ! އަހުރެންނާއި ﷲ އާއި ދެމެދު ވަރަށްގިނަ ދޮރުތަކެއް ބަންދުވެފައި އެބަ ވެއެވެ. އެހެންކަމުން އަހަރެންނާއި އެއިލާހާ ދެމެދު އެއް ދޮރު ހުޅުވިފައި ހުރުމަށް އަހަރެން ލޯބިކޮށް އެދެމެވެ.]

އޭގެ މައްސަރުތަކެއް ފަހުން، އަހުރެން މައްކާއަށް ޙައްޖަށް ގޮސް، ޠަވާފުކުރުމުގެ ތެރޭގައި، ކަޢުބާގެ އުރަކޮޅުގައި އެލިގެން އޮވެ މީހަކު ރޮއެ ދުޢާ ކުރާތީ އަހުރެންނަށް ފެނިއްޖެއެވެ. އޭނާ ދުޢާގައި ބުންޏެވެ. [ އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! މިއަޅާ އިބައިލާހަށް ތައުބާ ވެއްޖައީމުއެވެ. މިއަޅާއަށް ރަޙުމަތް ލައްވާނދޭވެ! މީގެފަހުން ދުވަހަކުވެސް އިބައިލާހަށް ނުއުރެދޭނަމެވެ.]

އަހުރެން ތަންކޮޅެއް ކައިރިއަށްޖެހި އެއީ ކާކުތޯ ބަލާލިއިރު، އެއީ އެއްކަލަ ވަގުކަލޭގެއެވެ. އެހިނދު އަހުރެން ހިތާހިތާ ބުނެލީމެވެ. [އޭނާ، ﷲ އާ ދެމެދު އެއް ދޮރު ހުޅުވާފައި ބެހެއްޓުމުން، ﷲ ތަޢާލާ ހުރިހާ ދޮރެއް އޭނާއަށްޓަކައި ހުޅުއްވައި ދެއްވީއެވެ.]

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތެވެ! ﷲ އާއި ތިބާއާ ދެމެދުގައިވާ ހުރިހައި ދޮރެއް ބަންދު ނުކުރާށެވެ! ކިތަންމެ ގިނަ ފާފައެއް ކުރެވުނު ކަމުގައި ވީނަމަވެސް، ތައުބާވެ އަސްތަޣުފާރު ކުރާށެވެ! ފަހަރެއްގައި ހުޅުވާފައިވާ އެއް ދޮރުގެ ސަބަބުން، ހުރިހާ ދޮރެއް ތިބާއަށްޓަކައި، އެއިލާހު ހުޅުއްވަވާ ދެއްވާފާނެއެވެ.

ނޯޓު: މިއީ ނޫރުލް އިސްލާމް ވެބްސައިޓުން ނަގާފައިވާ ވާހަކައެެކެެވެ.