ޗެލްސީގެ ދަށް ނަތީޖާތަކުގެ ޒިންމާ އޭނާ ނަގާކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޕޮޗެޓީނޯ މިހެން ބުނެފައިވަނީ, ޗެލްސީގެ ފަރާތުން ފެނިގެންދާ ދަށް ނަތީޖާގެ ސަބަބުން ޗެލްސީގެ ސަޕޯޓަރުން އެޓީމުގެ ކުޅުންތެރިންނަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ޕޮޗެޓީނޯ ވަނީ, ޗެލްސީގެ ދަށް ނަތީޖާތަކަށް ކުޅުންތެރިން ކުއްވެރި ކުރުމުގެ ބަދަލުގައި އޭނާ ކުއްވެރިކުރުމަށް ބުނެފައެވެ.

"އަހަންނަށް އެނގޭ ސަޕޯޓަރުން ނުރުހޭކަން ޓީމުގެ ނަތީޖާތަކާ މެދު. އެކަމަކު ވެސް ނަތީޖާތައް ދަށް ވަނީ ޓީމުގެ ކުޅުންތެރިންގެ ސަބަބުން ކަމަށް ސަޕޯޓަރުން ބުނާކަށް އަހަރެން ބޭނުމެއް ނޫން. ނަތީޖާތައް ރަނގަޅު ނޫންވީމަ މީހަކު ކުއްވެރިކުރަން ބޭނުންނަމަ އަހަރެން ކުއްވެރި ކުރޭ. ޓީމެއްގެ ނަތީޖާތައް ރަނގަޅު ނޫންނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޯޗު. ކުޅުންތެރިންނެއް ނޫން" ޗެލްސީގެ ސަޕޯޓަރުންނަށް އަމާޒުކޮށް ޕޮޗެޓީނޯ ދިން މެސެޖެއްގައި އޭނާ ބުންޏެވެ.

ޗެލްސީއަށް މިސީޒަނުގައި މިހާތަނަށް އެހާ އެދެވޭ ފަދަ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ނަމަވެސް ޕޮޗެޓީނޯ އަންނަނީ ތަކުރާރުކޮށް ޓީމުގެ ކުޅުން ރަނގަޅުކަމަށާއި ނަތީޖާތައް ވެސް އަދި ރަނގަޅުވާނެ ކަމަށް ބުނަމުންނެވެ. ޕޮޗެޓީނޯ މިހެން ބުނިކަމުގައިވިއަސް އެޓީމުން މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައެވެ. އަދި އެޓީމު ވަނީ މިދިޔަ މަހު, ލިވަޕޫލާ ދެކޮޅަށް ކުޅުނު ކަރަބައޯ ކަޕުގެ ފައިނަލުގައި ނާކާމިޔާބުވެފައެވެ.