ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ %72 މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އިން ވިދާޅުވެއްޖެއެވެ.

އާރުޑީސީއިން މައުލޫމާތު ދެއްވި ގޮތުގައި ކުޅުދުއްފުށީ ސިޓީގެ 4 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ތާވަލު ކުރެވިފައިވާ ގޮތަށް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން މަގުތަކުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށް އާރުޑީސީއިން މައުލޫމާތު ދެއްވިއެވެ. އެގޮތުން މަގުތައް ކޮމްޕެކްޓް ކުރުމާއި ތާރު އެޅުމުގެ ކުރިން ކުރިން ޖަހާ ބިޓްމެން (އެމްސީ-30) ސްޕޭ ޖެހުމާއި އެނޫންވެސް ކަންކަން ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އާރުޑީސީއިން މައުލޫމާތު ދެއްވިއެވެ.

އާރުޑީސީއިން މައުލޫމާތު ދެއްވި ގޮތުގައި ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ޕޭވްމަންޓްތައް ހެދުމާއި ސްޕީޑް ބްރޭކަރސްތަކާއި ޒިބްރާ ކްރޮސްތައް ހެދުމާއި މަގުތަކުގައި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމް ކުރުންވެސް ހިމެނެއެވެ.

މާލެ ސިޓީ ފިޔަވަހައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވެހިކަލް ދުއްވާ އަދި ރާއްޖޭގެ އުތުރުގެ އިޤްތިސާދުގެ މައި ހަބުގެ ގޮތުގައި ބެލެވޭ ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ 2021 ވަނަ އަހަރުއެވެ. މިމަޝްރޫއަކީ 100,700,048.55 ރުފިޔާ ޚަރަދު ކުރައްވައިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.