‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ގޮތުގައި އެއަރޓެކްސީގެ ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައިވާ ކަމަށް ‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"‏ރައީސުލްޖުމްހޫރިއްޔާ ⁦‪Dr Mohamed Muizzu‬⁩ ގެ ވަޢުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޑީ.އެޗް.ސީ 6 "ޓުވިން އޮޓާރ" ސީޕްލޭނުން ޚިދުމަތް ފެށުމަށް މިވަނީ ތައްޔާރުވެފަ. މާތްالله ގެ އިރާދަފުޅާއެކު، މިއީ ސިއްޙީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ" ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނައިބްރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ހަރުދަނާ އުސޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ހިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ.