ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ތަރި ޖަމާލް މުސިއާލާގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް އެކްލަބުން ފަށައިފިއެވެ.

ޖަމާލް މުސިއާލާއާ ބަޔާނާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ދެއަހަރު އެބައޮތެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން މުސިއާލާއަށް ފާރަލަމުން އަންނާތީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ބަޔާނުން މިވަނީ ވަރަށް ދުރާލައި މަސައްކަތް ފަށާފައެވެ.

މުސިއާލާއަކީ ބަޔާނުގެ ކުރިމަގަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް ކަމަށް އެކްލަބުގެ ޑިރެކްޓަރު މެކްސް އެބާލް ވަނީ ބުނެފައެވެ.

"މުސިއާލާގެ ކޮންޓްރެކްޓް އާކުރުމަކީ ބަޔާނުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް. ބަޔާނުގެ ކުރިމަގަށް ޓަކައި މުސިއާލާ އާކޮންޓްރެކްޓުގައި ސޮއި ކުރުމަކީ ވަރަށް މުހިއްމު ކަމެއް" މުސިއާލާއާ ބެހޭ ގޮތުން ވާހަކަދައްކަމުން މެކްސް ބުންޏެވެ.

މުސިއާލާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެންމެ 21 އަހަރުގެ މުސިއާލާ އަންނަނީ އޭނާގެ ހުނަރުވެރި ކަމާއެކު މުޅި ފުޓުބޯޅަ ދުނިޔެ އާޝޯހުކުރަމުންނެވެ. އޭނާ ވަނީ މިސީޒަނުގައި ބަޔާނަށް 31 މެޗު ކުޅެދީ 12 ލަނޑު ކާމިޔާބު ކޮށްދީފައެވެ.