ދުވަސް ވަރަކީ މާލޭގައި އަތޮޅުފިހާރަތަކުގެ ވިޔަފާރި އެންމެ ފޯރީގައި ކުރިޔަށް ދިޔަ ދުވަސްވަރެވެ. ބުނެވޭ ގޮތުގައި ކޮންމެ އަތޮޅުފިހާރައެއްވެސް ހިންގަނީ އެ އަތޮޅެއްގެ އަތޮޅު އޮފީހުންނެވެ. ފިހާރަ ހުންނަ ބިމަށް ކުލި ދެއްކުމާއި އެހެނިހެން ކަންކަމުގެ ޒިންމާ ނަގަނީ އަތޮޅުއޮފީހުންނެވެ.

މި ދުވަސްވަރަކީ އަތޮޅު އޮފީސްތަކުގައި އަލަށް ފެކްސް މެޝިން ބެހެއްޓި ދުވަސްވަރެވެ. އެހެންކަމުން މަސައްކަތްތައް އަވަސްވެ ހަލުވި ބާރު މިނުގައި ކަންކަން ނިންމާލެވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޕޯސްޓުން ދެ ހަފުތާއިން ފޮނުވާ ސިޓީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އޮފީސް ތަކަށް ފޮނުވާލެވެއެވެ.

މިދުވަސްވަރު އަތޮޅެއްގެ އަތޮޅުވެރިޔަކު ސެކެއްޓެރީ ގެންނަވައި ސުވާލު ކުރެއްވިއެވެ. މި މަހު ނުދެއްކި ހުރީ ކޮން ބިލު ތަކެއް ހެއްޔެވެ؟ ސެކެއްޓެރީ ޖަވާބުގައި ދެންނެވިއެވެ. އަތޮޅު ފިހާރައިގެ ބިލު ނުދެއްކިއްޖެނަމަ ޖެހިގެން އަންނަ ދުވަހު ޖޫރިމަނާ ވާނެއެވެ. އަތޮޅުވެރިން ޖޫރިމަނާ ވުމުގެ ކުރިން ކުލި ދައްކަން ވާނޭ ވިދާޅުވުމުން ސެކެއްޓެރީ ދެންނެވީ އަތޮޅު ދޯނިވެސް މާލެ ދާން އޮތީ އަންނަ ހަފުތާގައި ކަމަށެވެ. އެހެނަސް ޖޫރިމަނާވުމުގެ ކުރިން އަޅުގަނޑު ތިޔަ ލާރި ދައްކާނަމޭ ސެކެއްޓެރީ ދެންނެވިއެވެ. އެ ހިސާބުން އަތޮޅުވެރީން އެންމެ ރަނގަޅޭ ވިދާޅުވެ ސެކެއްޓެރީ ފޮނުވައި ލެއްވިއެވެ.

އަނެއް ހަފުތާ އަތޮޅު ދޯނި މާލެ ގޮސް ޓްރޭޑް މިނިސްޓްރީއަށް ލާރި ދައްކަން ދިޔުމުން ލާރި ބަލައި ގަނެވޭނީ ޖޫރިމަނާ އާއެކުގައި ކަމުގައި އެންގި އެވެ. އަތޮޅު ދޯނި ކެޕްޓަން މިކަން އަތޮޅު ވެރިޔާ އަށް އެންގުމުން އަނެއްކާ ވެސް ސެކެއްޓެރީ ގެނެސް ސުވާލު ކުރިއެވެ. އަތޮޅު ފިހާރައިގެ ކުލި ދައްކާނަމޭ ބުނީމެއް ނޫން ހެއްޔެވެ؟ ސެކެއްޓެރީ ދެންނެވެވިއެވެ. ލައްބައެވެ. އަޅުގަނޑު 500 ރުފިޔާ ފޮނުވީމެވެ. އަތޮޅުވެރިޔާ ވިދާޅުވިޔެވެ. ދެން ޖޫރިމަނާ ވީ ކީއްވެ ހެއްޔެވެ؟ ފައިސާ ފޮނުވީ ކިހިނެއް ކާކު އަތުގައި ހެއްޔެވެ؟ ސެކެއްޓެރީ ދެންނެވިއެވެ. އަޅުގނޑު 500 ރުފިޔާ ޓްރޭޑް މިނިސްޓްރީ އަށް ފެކްސް ކޮށްލީއެވެ. އަދި ނޯޓެއްވެސް ފޮނުވީމެވެ. އޮރިޖިނަލް ފަހުން ފަނުވާނެ ވާހަކަ ލިޔެފައެވެ. އަތޮޅުވެރިޔާ ވިދާޅުވާނެ އެއްޗެއް ނޭނގި އިސްޖެއްސެވިއެވެ.