ރަޝިޔާގައި ކްރޮކަސް ސިޓީ ހޯލުގައި ހިނގި ޓެރަރިޒަމް ހަމަލާ ތަހުގީގު ކުރަން ހުރީ ތައްޔާރަށް ކަމަށް އދގެ ކައުންޓާރ ޓެރަރިޒްމް އިދާރާގެ އަންޑާރ ސެކެޓަރީ ޖެނެރަލް، ވްލެޑެމިއާ ވޮރޮންކޮވް ވިދާޅުވެއްޖެއެވެ.

ވޮރޮންލޮވް މިހެން ވިދާޅުވީ ރަޝިޔާގެ ނޫސް އޭޖެންސީ ޓާސް އިން ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުންނެވެ. ވޮރޮންކޮވް ވިދާޅުވީ މޮސްކޯއިން މި ހާދިސާ ތަހުގީގު ކުރުމުގައި އެއްވެސް އެހީއެއް ބޭނުންވާ ކަމަށް އިރުޝާދު ދީފި ނަމަ، އެ ތަހުގީގުގައި ބައިވެރި ވާނެ ކަމަަަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްއާއި ހަނގުރާމަ ކުރުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެކެވެ. އަދި އދ އަށް މި ހާދިސާ ތަހުގީގު ކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، ހުރިހާ ކަމެއް ވެސް ބިނާވެގެން ވަނީ ރަޝިޔާއިން މި ކަމުގައި އެދޭ ގޮތެއްގެ މައްޗަށެވެ.

މިދިޔަ ހުކުރު ދުވަހު އައިސިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133 އެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.