މި ސަރުކާރަށް ހުރަސް އެޅި ބަޔަކަށް ކުރިއަށް އޮތް ފަސް އަހަރަށް މަޖިލީހުގެ ގޮނޑިތައް ދިނުމަކީ މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތި ވުން ކަހަލަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުރިއަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ އަތް މައްޗަށް މަޖިލީހުގެ ސުޕަމެޖޯރީޓީ ގޮސްފި ނަމަ، އެއީ މާލޭގެ ރައްޔިތުން އަމިއްލަ އަށް މަގުމަތިވާނެ ވަރުގެ ކަމެއް ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

'' މި ދިޔަ ހަތަަރު މަސްތެރޭގައި، މަޖިލީސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް ކުރިމަތި ކުރިގޮތަށް، ހުރަސް ކުރިމަތިކުރަން ފަސް އަހަރު ދީގެން މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށްވެދާނެ.''
ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ފަސް އަހަރު ވެސް އެ ބޭފުޅުންނަށް މަޖިލިސް ލިބިއްޖިއްޔާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އިތުރަށް އެމަނިކުވަނީ އެ ދާއިރާގައި އެތައް ގެއެއް އެބަހުރި ކަމަށާއި ގިނަ ގެތަކަށް އެމަނިކުފާނު ވަދެ ވަޑައިގަންފައި ހުންނާާނެކަމަށެވެ.

އަދި ވަރަށް ހާލުގައި އުޅޭ ރައްޔިތުން އެބަ ތިބިކަށާއި ހާލުގައި އުޅޭ ރައްޔިތުންނަށް ބޭނުންވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ނަގަން ޖެހޭ ލޯންތައް ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.