އޮފީސްތަކާއި ހަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހި ބަހުގެ އިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ.

ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ބަޔާން ކުރައްވާފައިވެއެވެ.

މި ސަރުކާރުން ފަށައިފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ހުސައިން ސަލާހހުއްދީނަށްކަން ބަޔާން ކުރައްވައި ރައީސް ވަނީ، ފަޟީލަތުއްޝައިޚް އަލްމަރްހޫމު ހުސައިން ސަލާހުއްދީނުގެ ޙަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން އިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ އިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި ްިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.