ކަނޑުއަޑިއަށް ފީނަންފެށި ހަމައެކަނި ދިވެހި އަންހެން ޕައިލެޓު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދަނީ

0

މާލެއަށް އުފަން ޢާއިޝަތު އާމިރާއަކީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން އޮޕަރޭޓުކުރާ ވޭލް ސަބްމެރިންގެ ޗީފް ޕައިލެޓެކެވެ.

އޭނާއަކީ ރާއްޖޭގައިހުރި މިދާއިރާގެ ހަމައެކަނި އަންހެން ޕައިލެޓެވެ. އޭނާ ވޭލްސަބުމެރީންނާ ގުޅުނީ އައްމިއްލަ ޝައުގުވެރިކަން އުފެދިގެންނެވެ. އެއީ 2002 ވަނަ އަހަރެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ ސަބްމެރީން އެޓެންޑެންޓެއްގެ ގޮތުގައެވެ. އެ ކަމުގައި އުޅޭތާ ދެ އަހަރަށްފަހު ޕައިލެޓަކަށްވުމުގެ ޝައުގުވެރިކަން އާމިރާ (މިރާ) ގެ ހިތުގައި އުފެދުނެވެ. އެއަށްފަހު ޕައިލެޓަކަށްވުމުގެ އަޒުމް ކަނޑައެޅިއެވެ.

Advertisements

ޕައިލެޓަކަށްވުމުގެ ކުރީން ޑައިވްކުރަން ދަސްކުރިއެވެ. ޕައިލެޓު ޓްރޭނިންއަށް ފަހު އޭނާ ޕައިލެޓެއްގެ ގޮތުގައި ސަބްމެރީންގައި މަސައްކަތް ކުރަން ފެށީ 2010 ވަނަ އަހަރު އެވެ. އެދުވަހުން ފެށިގެން އަދާހަމައަށް އޭނާ ވަނީ ތިން ހާސް އެއްސަތޭކަ އެތައް ޑައިވްކޮށްފައެވެ.

ޕައިލެޓެއްގައި ޒިންމާ ކޮނޑުގައި އަޅައިގެން އެތައް ބަޔަކާއެކު އޭނާ ކަނޑުއަޑިއަށް ފީނަންފެށީ އިތުބާރާ އެކީގައެވެ. ހުރިހާކަމެއް ދަސްކޮށްގެންނެވެ. “ޕައިލެޓުގެ ޒިންމާއަކީ ހަމައެކަނި ދުއްވުމެއްނޫން. ޓެކްނިކަން ކަންކަން ވެސް އެނގެންޖެހޭނެ. މެއިންޓަނަންސް މަސައްކަތްތައް ވެސް އެނގެންޖެހޭނެ. އަޑީގައި ކަމެއް ދިމާވެއްޖެއްޔާ ކަންކުރާނެ ގޮތްވެސް އެނގެންޖެހޭ. މިހުރިހާ ކަމަކާ އެއާގުޅުންހުރި އެހެން ކަންކަން ދަސްކޮށް އެނގިގެން މިމަސައްކަތުގައި މިއުޅެނީ،” އާމިރާ ބުންޏެވެ.

އޭނާ އެވްރެޖުކޮށް ދުވާލަކު ދެ ޑައިވް ކުރެއެވެ. އެހެންނަމަވެސް ސީޒަން ތެރޭގައި ދުވާލަކަށް 6 ޑައިވް ވެސް ކޮށްފައި ވެއެވެ. އެއީ އެންމެ ގިނައިން އެއްދުވަހަކަށް މިހާތަނަށް ކޮށްފައިވާ އަދަދެއެވެ.

ޕައިލެޓެއްގެ ގޮތުގައި ފީނަން ފެށި ފަހުން މިހާތަނަށް ޖުމްލަ ތިންހާހަށްވުރެ ގިނަ ޑައިވް ކޮށްފައިވާއިރު އޭނާ ދުއްވާ ސަބްމެރީން އަށް މިހާތަނަށް ކުރެވިފައިވަނީ ދިހަހާސް ދުއިސައްތައަށްވުރެ ގިނަ ޑައިވެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އޮޕަރޭޓުކުރާ ފަސިންޖަރ ސަބްމެރީންގެ ތެރެއިން ދިހަ ހާހަށްވުރެ ގިނަ ޑައިވްކުރެވިފައިވަނީ ތިން ސަބްމެރީނަކަށެވެ. އޭގެ ތެރޭގައި މިރާ އޮޕަރޭޓު ކުރާ ވެލްސަބްމެރީން ހިމެނެއެވެ.

މިރާ އަކީ ފިރިހެނަކަށް ދޫކުރާނެ ޕައިލެޓެއް ނޫނެވެ. އޭނާގެ ދާއިރާގައި ފިރިހެނުންކުރާ ހުރިހާ މަސައްކަތެއް ކުރަން އޭނާ ތައްޔާރެވެ. މިހާރުވެސް އެކަން ކުރެއެވެ. އެހެންނަމަވެސް ބައެއްކަހަލަ ފިޒިކަލް މަސައްލަތުގައި ދަތިތަކެއް ކުރިމަތިލާން ޖެހުނަސް އެއީ މައްސަލައެއް ކަމަށް އޭނާ ނުދެކެއެވެ.

ދެންއޮތީ އޭނާގެ ވަރަށް މުހިންމު އުންމީދެކެވެ. ސަބްމެރީންގައި އެންމެ ގިނައިން ފީނި ނުވަތަ އެންމެ ގިނައިން ޑައިވްކުރި އަންހެން ޕައިލެޓުގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމެވެ. އެމަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އޭނާ ބުނިގޮތުގައި އެއީ ސަބްމެރީންގެ ވެރިޔާ އުމަރު ނަސީރުގެ އިސްނެންގެވުމުގެ މަތީން ކުރިއަށްދާ ކަމެއް ކަމަށެވެ. އެކަން ކާމިޔާބު ވެއްޖެނަމަ އެއީ މުޅިރާއްޖެއަށް ލިބޭނެ ޝަރަފެކެވެ.

މިރާ އަދިވެސް ބޭނުންވަނީ ފީނާށެވެ. ވީހާ ވެސް ގިނައިން ފީނާށެވެ. އިތުރު ސަބްމެރީންތައް ގެނެސް ރާއްޖޭގައި އޮޕަރޭޓު ކުރަން ފެށުމަކީ މިރާ ފަދަ އެތައް ޕައިލެޓުންނެއް އުފެދިގެންދާނެ ކަމެކެވެ.

Advertisements