ޓްވިޓަރ ކުންފުންޏާއި، އިންޑިއާ ސަރުކާރާ ދެމެދު ވަރުގަދަ އަރާރުމެއް ފެށިއްޖެއެވެ.

އަރާރުން ފެށުނީ، އިންޑިއާ ސަރުކާރުން ހެދި ދަނޑުވެރިކަމުގެ ގާނޫނާ ދެކޮޅުހަދައި ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ދިގުލައިގެންދާ މުޒާހަރާ ގުޅުންހުރި ޓްވީޓްތައް ކުރާ އެތައްސަތޭކަ އެކައުންޓްތައް ބްލޮކްކުރަން އިންޑިއާ ސަރުކާރުން ޑިމާންޑްކުރަން ފެށުމުންނެވެ.

މުޒާހަރާއާ ގުޅުންހުރި ޓްވީޓްތައް ކުރާ އެކައުންޓްތަކުގެ ސަބަބުން އާންމު ހަމަޖެހުމަށް ވަރަށްބޮޑަށް ނުރައްކާ ފޯރަމުންދާ ކަމަށް ބުނެ، އެފަދަ ޓްވީޓްތައް ކުރާ އެކައުންޓުތައް ބްލޮކްކުރަން އިންޑިއާ ސަރުކާރުގެ އޮފިޝަލުން ޑިމާންޑް ކުރަން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ.

ޓްވިޓަރ ކުންފުނިން ބުނެފައިވަނީ، މުޒާހަރާ ގުޅުންހުރި ޓްވީޓްތައް ކުރާ ބައެއް އެކައުންޓުތައް މިހާރު ބްލޮކްކޮށްފައިވާ ކަމަށެވެ.

ޓްވިޓަރއިން މިހާތަނަށް ބްލޮކްކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި، މަޝްހޫރު ބޮޑެތި ނޫސްމަޖައްލާތަކާއި، ދަނޑުވެރިންގެ ގްރޫޕްތަކުގެ އެކައުންޓުތައް ހިމެނެއެވެ.

ނަމަވެސް، ފަހުން ޓްވިޓަރއިންވަނީ އޭގެ ތެރެއިން ބައެއް އެކައުންޓުތައް އަންބްލޮކް ކޮށްފައެވެ. އެހެން ބައެއް އެކައުންޓުތައް ބްލޮކްކުރަން ވަނީ ދެކޮޅުވެސް ހަދާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ ސަރުކާރު އިތުރަށް ރުޅިގަދަވެ، ޓްވިޓަރ ކުންފުންޏާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އިންޑިއާ ސަރުކާރުން ފާސްކުރި ދަނޑުވެރިކަމާބެހޭ އާ ގާނޫނު އުވާލަން ގޮވައި، އެތައްހާސް ދަނޑުވެރިން، ވެރިރަށް ނިއުދިއްލީއަށް ދާން އޮންނަ މައި ހައިވޭއެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ތިބީ ކޭމްޕް ޖަހައިގެންނެވެ.

ދަނޑުވެރިންގެ މުޒާހަރާ ވެފައިވަނީ، އިންޑިއާގެ ވެރިކަމަށް 2014 ވަނަ އަހަރު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރަށް ކުރިމަތިވި އެންމެ ވަރުގަދަ ގޮންޖެހުމަށެވެ.