އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 56 އަށް އަރައިފިއެވެ.

ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓާއިން ކޮވިޑް-19 އަށް ޕޮޒިވްވި މީހުންނާ އެކު އެ ކްލްސްޓާއި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.

މިހާތަނަށް އައިއިރު، މި ކްލަސްޓާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަދި ޔޫރޯސާޖަން ޑރ. އަބްދުﷲ އަދުސާރު ވިދާޅުވީ މިހާތަނަށް އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި ޑައިރެކްޓު ކޮންޓެކްޓްސްގެ ތެރެއިން ފާހަގަ ކުރެވިފައިވާ އެންމެންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މި ކްލަސްޓަރއިން ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވެފައިވާ ފަރާތެއް ހުރި ނަމަ ހޮސްޕިޓަލްގެ ރެޕިޑު ރެސްޕޮންޑު ޓީމަށް ގުޅައި، ނުވަތަ ރަށްރަށުގެ އެސްއެސްޑީތަކަށް ގުޅައި އެންގެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އޭވިއޭޝަން ކްލަސްޓަރ އުފެދިފައިވަނީ އެޗްޕީއޭގެ ގައިޑުލައިން އާއި ހިލާފަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންތަކެއް ގ. ގަމަށް އައިސް ބޭއްވި ޓްރެއިނިންއަކަށް ފަހު އުފެދުނު ކްލަސްޓަރ އެކެވެ. މި ކްލަސްޓަރ ގެ އެއްބައި ގދ. ތިނަދޫގައި އޮތް އިތުރު ބޮޑު ބައި މިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ގުޅިފައެވެ.