ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ކުޅިވަރު ޝަހްސިއްޔަތު އަލީ އަޝްފާޤް (ދަގަނޑޭ) އާއި އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އަކީ "ނިރުބަވެރިން" (ޓެރަރިސްޓިން) ކަމަށް ސިފަކޮށް ދިވެހި އަންހެނަކު ޓްވިޓާގައި އެދެކުޅުންތެރިންނަށް ފުރައްސާރަ ކޮށްފިއެވެ.

ސޫޒަން އިބްރާހިމްގެ ނަމުގައި ފުރަތަމަ އެމީހާ ޓްވީޓް ކުރީ ދަގަނޑޭ އާއި އަކޫގެ ފޮޓޯއަކާއެކު "ރައްޓެއްސަކު ބުނީ، ސީރިއާއަށް ޖިހާދުވާންދާން ތިބި ބައެއް، ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެހޯ...ޓީމު ބަލިވެއްޖެއްޔާ، ދަނޑުވެސް ގޮއްވާލަފާނެޔޯ...ކާކުހޯ ސިޑިބަރީގަ އިންނަން ދާނީ".

ސޫޒަން އިބްރާހިމް ނަމުގައި ޓްވީޓް ކުރި އެމީހާ އޭގެފަހުން ވަނީ އެދެކުޅުންތެރިންގެ ތުނބުޅިއާ ގުޅޭ ގޮތުން ހުތުރު ބަހުން ގިނަ ޓްވީޓްތަކެއް ކޮށްފައެވެ. ޓްވިޓާގައި ހަރަކާތްތެރިވާ އެތައްބަޔަކު ވަނީ ސޫޒަން އިބްރާހިމްގެ ޓްވީޓް ކުއްވެރިކޮށް އޭނާއަށް ރައްދުދީފައެވެ.

ތުނބުޅި ދިގު ކުރުމަކީ މާތް ނަބިއްޔާ ސުންނަތުން ސާބިތުވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމްގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފުކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)".

ދަގަނޑޭ އާއި އަކޫއަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެން އުޅެމުންދާ ދެކުޅުންތެރިންނެވެ. އިސްލާމް ދީނުގައި ފިރިހެނާގެ އައުރަކީ ކަކުލާއި ފޫޅާއި ދެމެދުކަމަށް ވީއިރު، މިދެކުޅުންތެރިން ފުޓްބޯޅަ ކުޅެމުންދަނީ ކަކުލާއި ހަމައަށް ނިވާކޮށްގެންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ސައްތައިން ސައްތަ މުސްލިމް މިގައުމުގައި އިސްލާމް ދީނުގެ އަސްލުތަކާއި ކީރިތި މާތް ނަބިއްޔާގެ ސުއްނަތަށް ފުރައްސާރަ ކުރުން ވަނީ ލަދު ގަންނަ މިންވަރަށް އިތުރުވެފައެވެ. އެފަދަ މީހުންނަށް ހައްގު އަދަބު ދިނުމަށް ރާއްޖޭގެ އެކިރަށްރަށުގައ މީގެ ކުރިން ވަނީ ދިވެހި ރައްޔިތުން އަޑު އުފުލާފައެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނެފައި ވަނީ، ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގައި ހިޔާލު ފާޅުކުރަންވާނީ އިސްލާމް ދީނާއި އިސްލާމް ދީނުގެ އަސްލަކާއި ހިލާފް ނުވާ ގޮތުގެ މަތިން ކަމަށެވެ.