އެއީ 1996 ވަނަ އަހަރެވެ. މުޅި ކޮޅުމަޑުލު ތައްޔާރުވަމުން ދިޔައީ މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވަމުންދިޔަ މަދަރުސާ ދަރިވަރުންގެ އަތްތެރި މަސައްކަތު މައުރަޒަށެވެ.
މައުރަޒަށް ފުންކޮށް ނަޒަރު ހިންގައި އެކަމަށް ތައްޔާރުވަމުން ދިޔަ އެއްދަރިވަރަކީ ތ.ހިރިލަންދޫ، މަލަމަތި އަހްމަދު ހުސައިން މަނިކް (އެންޑޯ) އެވެ. ކުޑައިރު، މަންމަ ފަރާތު ކާފަ މަސައްކަތްކުރާތަން ވަރަށް ކައިރިން ފެނުމުގެ ނަސީބު ލިބުނު އެންޑޯގެ ހިތް އޭރު ދަމައިގަނެފައި އޮތީ ކާފަ އެކަމެއްގެ ހުނަރު ދައްކަމުންދިޔަ ވަޑާން ކުރުމާއި އަތްތެރި މަސައްކަތުގެ ތެރައަށެވެ. އެމައުރަޒަށް އޭނާ ނާށިން ތައްޔާރު ކުރި އައިޓަމަށް 3 ވަނަ ލިބުނެވެ. އަހްމަދު ބުނާ ގޮތުން މިމަސައްކަތުގެ ފެށުމަކީ އެއީއެވެ.
މަސައްކަތުގެ ތެރެއަށް ވަދެވުނީ ކިހިނެއް؟
"މަންމަ ފަރާތު ކާފަ، އަލް މަރްޙޫމް ޢަބްދުﷲ ރަޝީދު (ބާބު) އަކީ އާންމުކޮށް މިކުރާ މަސައްކަތްތައް، މިސާލަކަށް ވަޑާން އަދި ރޭނުންކަހަލަ މަސައްކަތްތަކުގައި ވަރަށް ހުނަރުވެރި ބޭފުޅެއް. ކާފަގެ އެންމެ ދޮށީ ކާފަ ދަރިއަކީ އަޅުގަނޑު. ކާފަ ކުރާ މަސައްކަތްތަކުގައި ވަރަށް ގިނައިން އަޅުގަނޑު ބައިވެރިކުރާނެ. ކާފަ މަސައްކަތް ކުރާތަން ބަލައިގެން ޢުމުރާއި އެކަށީގެންވާ ކަހަލަ ކުދި ކުދި ކަންކަން ދަސްވި. ހިރިލަންދޫ ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުގައި ކޮޅުމަޑުލު އަތޮޅު އޮފީހުން އިންތިޒާމު ކޮށްގެން ކޮޅުމަޑުލުގެ މަދަރުސާތަކުގެ މެދުގައި 1996 ވަނަ އަހަރު މަސައްކަތްތެރިކަމުގެ މައުރަޒެއް ބޭއްވި. މި މައުރަޒުގައި ބައިވެރިވެ، ނާށީގެ މަސައްކަތް ތަކުން 3 ވަނަ އަޅުގަނޑަށް ލިބުނު. މިއީ އަތްތެރި މަސައްކަތް ފެށުނު ގޮތޭ ބުނެވިދާނެ" އެންޑޯ ބުންޏެވެ.
އަމިއްލަ ރަށުން ގްރޭޑް 7 އާއި ހަމައަށް ކިޔެވުމަށްފަހު ދެން އެންޑޯ ބަދަލުވީ މާލެއަށެވެ. އޯލެވެލް ނިންމުމަށްފަހު ވަޒީފާއެއް ނުލިބި ހުރި ދުވަސްތަކުގައި މަންމަ ފަރާތު ބޮޑުބޭބެ (ޙުސައިން ޢަރީފާ) އެކު ރަށު މަސައްކަތްތަކުގައި އުޅެން ފެށީއެވެ. "މި ދުވަސްތަކުގައި ޕަވަރ ޓޫލްސްތައް ބޭނުން ކުރަން ދަސްވި. މި ގޮތުން ރަސްމީ ސިފައެއްގައި އަތްތެރިމަސައްކަތާއި ވަޑާމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނީ" އެންޑޯ "ހަލިނިއުސް" އަށް ކިޔައި ދިނެވެ.
އަތްތެރި މަސައްކަތަކީ ދިރިއުޅުމަށް ކުރާ މަސައްކަތެއްތޯ؟
ރަށު ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އެންޑޯ، އަތްތެރި މަސައްކަތާއި ވަޑާމުގެ މަސައްކަތް ކުރަނީ ލިބޭ ހުސްވަގުތު ތަކުގައެވެ. އެއީ އޭނާގެ ހިތުން ހާއްސަ ލޯތްބެއް ދެވިފައި އޮތް މަސައްކަތަކަށްވާތީ މަސައްކަތަށް ހުސްވަގުތު އޭނާ ހޯދަންވެސް ހޯދައެވެ.
"އަޅުގަނޑުގެ ރަސްމީ މަސައްކަތަކީ މުދައްރިސްކަން. އަތްތެރިކަމުގެ މަސައްކަތާއި ވަޑާމުގެ މަސައްކަތަކީ ހުސްވަގުތުތަކުގައި އަޅުގަނޑު ކުރާ ކަމެއް. މި މަސައްކަތަށް އެއްކޮށް ހުސްވެހުރެ ކުރާނަމަ މި މަސައްކަތުންވެސް ހަމަ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭނެ" އެންޑޯ ބުންޏެވެ.
އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރަން ފުރުޞަތު ލިބިފައި ވޭތޯ؟
"އަމިއްލައަށް މަސައްކަތް ފަށައިގެން އައިއިރު މަސައްކަތް ކުރީ ވަރަށް ކުޑަ ތަންކޮޅެއްގައި. ނަމަވެސް މިހާރު މަސައްކަތަށް އެކަށީގެންވާ ތަނެއް އެބަހުރި. މިއާއި އެކުވެސް މަސައްކަތަށް ބޭނުންވާ ވަރަށް މުހިންމު ޓޫލްސްތަކެއް ނެތް. އުންމީދަކީ ދުރުނޫން މުސްތަޤުބަލެއްގައި ޒަމާނީ މެޝިނަރީސް ތަކާއި އެކު މަސައްކަތް ކުރުން" މަސައްކަތް ކުރަމުން އަންނަ ގޮތް ކިޔައި ދެމުން އެންޑޯ ބުންޏެވެ.
މަސައްކަތް އިތުރަށް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟
"މިހާރުން މިހާރަށް ބަލާނަމަ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ރައްރަށުން މިކޮޅަށް ލިބޭ އޯޑަރުތަކަށް ތަކެތި ހަދައި، އެތަކެތި އެފަރާތްތަކަށް ފޯރުކޮށްދިނުން. އަދި މީގެ އިތުރުން، ފަތުރުވެރިންނާއި ހަމައަން އެމީހުންނަށް ކަމުދާ ޒާތު ތަކެތި ފޯރުކޮށްދިނުން. ގިނަފަހަރަށ ސްވެނިއަރ ޝޮޕްތައް ހިންގަވާ ފަރާތްތަކުން ތަކެތި ގެންނަނީ ބޭރުން. އޭގެ ބަދަލު ރާއްޖޭގައި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދިނުމަކީ ރާއްޖޭގެ އިޤްތިޞާދައްވެސް ނުހަނު ހެޔޮ އަސަރެއް ކުރާނޭ ކަމެއް ކަމުގައި ދެކެން" މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ތިލަ ކޮށްދެމުން އެންޑޯ ބުންޏެވެ.
މިމަސައްކަތުގައި އެންޑޯ ދެކެމުން އަންނަ އެހެން ހުވަފެނެއްވެސް މިހާރު އެބައޮތެވެ. އެއީ ޒުވާން ކުދިންނަށް މިމަސައްކަތް ދަސްކޮށްދިނުމަށް ކުރާ އުއްމީދެވެ. ބޭނުމަކީ މިސައްކަތްތައް ދިރުވައި އާލާކުރާނެ ޒުވާން ޖީލެއް އުފެއްދުމެވެ.
އައިޓަމްސް ތަކަށް އޯޑަރު ދޭން ބޭނުންވާނަމަ ކިހިނެއްތޯ ހަދަންވީ؟
"އަޅުގަނޑު އުފައްދާ ތަކެތި އިޝްތިހާރުކޮށް ވިއްކުމަށްޓަކައި ވާނީ ANDO’S CRAFT ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދާފައި. މި ޕޭޖް މެދުވެރިކޮށް އައިޓަމް ތަކަށް އޯޑަރު ދެއްވޭނެ. އައިޓްމް ތައްޔާރު ކުރާނީ އޯޑަރ ދެއްވުމުން. إن شاء الله ، އޯޑަރު ދެއްވާތާ 7 ދުވަހާއި 15 ދުވަހާއި ދެމެދު އައިޓަމް ނިންމަން. ނަމަވެސް ބޯޓްތައް ފުރާވަގުތާއި ދިމާނުވެ ބައެއްފަހަރު 15 ދުވަހަށް ވުރެ ލަސްވެފަ އެބަހުރި" އެންޑޯ ބުންޏެވެ.