ކީރިތި ޤުރުއާންގެ ޢިލްމީ އިޢުޖާޒު

0

އިތުރު އިރަވީ ނިޒާމު

މިލްކީވޭގައިވާ ތަރިތަކުގެ ތެރޭގައި އިރަވީ ނިޒާމުތައް ވާކަމުގެ ހެކިތައް ވަނީ ފެނިފައެވެ. އެއިން ކޮންމެ ނިޒާމެއްގައިވާ ތަރީގެ ވަށައިގެން ދައުރުކުރާ ގުރަހަތައް ވެއެވެ. ދުނިޔެ ހިމެނޭ އިރަވީ ނިޒާމު ފަދަ އެހެން އިރަވީ ނިޒާމެއް ހޯދިއްޖެ ކަމަށް 15 ޑިސެންބަރު 2017 ގައި ބީބީސީ އިން ވަނީ ޚަބަރު ފަތުރާފައެވެ. އެ ޚަބަރު ބުނާ ގޮތުގައި، އެމެރިކާގެ ޖައްވީ އިދާރާ، “ނާސާ” އިން ވަނީ، “ކެޕްލަރ-90” އެވެ، ކިޔާ ތަރީގެ ވަށައިގެން ދައުރުކުރާ 8 ގުރަހެއް ހޯދާފައެވެ. އެ ތަރިއާއި އޭގެ ވަށައިގެން ދައުރުކުރާ އެ ގުރަހަތަކުގެ މައްޗަށް އެކުލެވޭ ނިޒާމަކީ ވެސް، ދުނިޔެ ހިމެނޭ އިރަވީ ނިޒާމާ އެއްގޮތް ނިޒާމެކެވެ. އެއީ ދުނިޔެ ހިމެނޭ އިރަވީ ނިޒާމު ފިޔަވައި، މިހާތަކަށް ކަޝްފުވެފައިވާ އެންމެ ގިނަ ގުރަހަތައް ހިމެނޭ އިރަވީ ނިޒާމެވެ.

Advertisements

ފަލަކީ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، އިރުގެ ހޫނުކަމަށްވުރެ، “ކެޕްލަރ-90” އެވެ، ކިޔާ ތަރީގެ ހޫނުކަން ބޮޑެވެ. އެ ތަރީގެ ވަށައިގެން 7 ގުރަހަ ދައުރުކުރާކަން ކުރިން ވެސް ވަނީ އެނގިފައެވެ. 8 ވަނަ ގުރަހަ ހޯދުނީ ގޫގުލްއިން އީޖާދުކޮށްފައިވާ ފަހުގެ ޞިނާޢީ ބުއްދިންނެވެ. އެއަށް ކިޔަނީ “އާލަތުގެ އުނގެނުން” (Machine Learning) އެވެ. މި ހޯދުން ބިނާވެފައިވަނީ، ކެޕްލަރ އެވެ، ކިޔާ ފަޒާގެ ޓެލެސްކޯޕުން ޖަމާކޮށްފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށެވެ. އެއީ، ނާސާގެ ޓެލެސްކޯޕެކެވެ.

މިއީ، ކެޕްލަރ އެވެ، ކިޔާ ފަޒާގެ ޓެލެސްކޯޕްގެ ތަޞްވީރެކެވެ.

“ކެޕްލަރ- 90” އެވެ، ކިޔާ ތަރިއާ ދުނިޔެއާ ދެމެދުގައިވާ ދުރުމިނަކީ، 2545 އަލިއަހަރެވެ. އެ ތަރީގެ ވަށައިގެން ދައުރުކުރާ ގުރަހަތައް، އިރަވީ ނިޒާމުގެ ގުރަހަތަކާ ދާދި އެއްގޮތެވެ. އެހެނީ، އެ ނިޒާމުގައި ވެސް އެތެރެވަރީގެ ކުދި ގުރަހަތަކާއި، ބޭރުދުނީގެ ބޮޑެތި ބިޔަ ގުރަހަތައް ހިމެނެއެވެ. ފަހުން ހޯދުނު ގުރަހައަށް ކިޔަނީ، “ކެޕްލަރ- 90 އައި” އެވެ. ތަރީގެ ވަށައިގެން އެ ގުރަހަ ދައުރެއް ފުރިހަމަކުރަނީ،14.4 ދުވަހުންނެވެ. އެ ގުރަހައިން ތަރިއާ މުޤާބިލުވާ ފަޅީގެ ހޫނުމިނަކީ، ގާތްގަނޑަކަށް 425 ޑިގްރީ ސަލްސިއަސްއެވެ.

މިއީ، އަލަށް ހޯދުނު ގުރަހަ ހިމެނޭ އިރަވީ ނިޒާމުގެ ތަޞްވީރެކެވެ.

“އާލަތުގެ އުނގެނުން” (Machine Learning) އެވެ، ކިޔާ ޓެކްނޮލޮޖީގެ ޒަރީޢާއިން އެހެން ތަރިއެއްގެ ވަށައިގެން ދައުރުކުރާ، ދުނިޔެއާ އެއްވަރުގެ ގުރަހައެއް ވެސް ހޯދިފައި ވެއެވެ. އެ ގުރަހައަށް ދެވިފައިވާ ނަމަކީ، “ކެޕްލަރ 80 ޖީ” އެވެ. އިރަވީ ނިޒާމުގެ ބޭރުން، މިހާތަނަށް ހޯދިފައިވާ ގުރަހަތަކުގެ ޢަދަދު، 3500 އާ ގާތްކުރެއެވެ. އެ ގުރަހަތައް ވެސް ދައުރުކުރަމުންދަނީ، ތަރިތަކުގެ ވަށައިގެންނެވެ.

ޚިތާމް

މާތް ﷲ ކައުނު އުފެއްދެވީ، ފެށުމަކުންނެވެ. ކައުނަކީ، ފިލޯސަފަރުންނާއި މުލްޙިދުން ހީކުރާ ފަދައިން ފެށުމެއް ނެތް އެއްޗެއް ނޫނެވެ. ކައުނު އުފެދުނު ގޮތް ބުނެދޭ މިޒަމާނުގެ އެންމެ މަޤުބޫލު ނަޒަރިއްޔާއަކީ، ބިގް ބޭންގ ނަޒަރިއްޔާއެވެ. ކައުނު ހެއްދެވުމާބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތާ، އެ ނަޒަރިއްޔާ އިއްތިފާޤުވެއެވެ.

ނެތުމުގެ ތެރެއިން މާތް ﷲ ހެއްދެވި މި ކައުނަކީ މިހާރު މާސިންގާ ބިޔަ ތަނެކެވެ. އެތާނގައި މަޑިކިލަނބުތަކުގެ އެތައް ބިލިއަން ކޯންޏެއް ވެއެވެ. އެއިން ކޮންމެ ކޯންޏެއްގައި މަޑިކިލަނބުތަކުގެ އެތައް ގްރޫޕްތަކެއް ވެއެވެ. އެއިން ކޮންމެ ގްރޫޕެއްގައި އެތައް މަޑިކިލަނބެއް ވެއެވެ. އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ތަރިތަކެއް ވެއެވެ. އެއިން އެތައް ތަރިއެއްގެ ވަށައިގެން ގުރަހަތައް ދައުރުކުރަމުންދެއެވެ.

މިލްކީވޭ މަޑިކިލަނބަކީ، (Virgo Supercluster) މަހާ ކާންޏަ ކޯންޏެވެ، ކިޔާ މަޑިކިލަނބުގެ ކޯންޏެއްގައި ހިމެނޭ މަޑިކިލަނބުގެ ގްރޫޕެއްގައިވާ އެއްޗެކެވެ. އިރަކީ، އޭގައި ތަރިތައް މަދު ހިސާބެއްގައިވާ އާދައިގެ ތަރިއެކެވެ. ދުނިޔެއަކީ، އިރުގެ ވަށައިގެން ދައުރުކުރަމުންދާ ގުރަހައެކެވެ. އިންސާނާއަކީ، ދުނިޔޭގައި ދިރިއުޅޭ އެތައް މިލިއަން މަޚުލޫޤެއްގެ ތެރެއިން މަޚުލޫޤެކެވެ. ފޮސިލްސްތަކާބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތައް ބުނާ ގޮތުގައި، ދުނިޔޭގައި އިންސާނުން ދިރިއުޅެން ފަށާފައިވަނީ، ގާތްގަނޑަކަށް މީގެ 2.5 މިލިއަން އަހަރު ކުރިން ފެށިގެންނެވެ. މިހާތަނަށް ހޯދިފައިވާ އެންމެ ދުވަސްވީ އެންމެ މަޝްހޫރު އެއް އިންސާނީ އޮނިގަނޑުގެ ޢުމުރަކީ، 1.5 މިލިއަން އަހަރެވެ. އިންސާނީ ޙަޔާތުގެ މި ޢުމުރާ، ކައުނުގެ ޢުމުރުން ފާއިތުވެފައިވާ 10 ނުވަތަ 20 ބިލިއަން އަހަރާ އަޅާބަލާއިރު، ކައުނީ ޙަޔާތުގެ ދޮށިކަމާއި، އިންސާނީ ޙަޔާތުގެ ޅަކަން މޭރުންވެއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ!

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here