ވާރޭކަނި [15 ވަނަބައި]

އަލީނާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ނަފްރަތެވެ. އެންމެ ފަހުން އެ ދެމެދަށް ނަވާރު ވެސް ވެއްދީއެވެ.

"މިތާގަ ނެތް މީހުންގެ ވާހަކަ ނުދައްކާ! އެހެންނޫނަސް އެއީ އަހަރެންގެ ދޮންމަންމަގެ ދަރިއެއް! އެ ނޫން ނަޒަރަކުން އަހަންނެއް އޭނައާ މެދަކު ނުވިސްނަން!" މިފަހަރު ފާޒިލްގެ އަޑު ވަރަށް ރަނގަޅަށް ނަވާރަށް އިވުނެވެ.

"އެންމެ ރަނގަޅުވާނީ އަލީ މިވަގުތު މި ކޮޓަރިން ދިއުން! އަދި .... އަދި ދެން މި ކޮޓަރިއަށް ނުވަނުން އެދެން!" ފާޒިލްގެ އަޑާ އެކު ދެން ހުޅުވޭއަޑު އިވުނީ އެ ކޮޓަރީގެ ދޮރެވެ. ނަވާރު ދުއްވައިގަތެވެ.

"ފާޒިލް، ޕްލީޒް، ތިހެންނުބުނޭ!" އަލީނާ ހިފީ ފާޒިލް ދޮރު ހުޅުވަން ހިފި އަތުގައެވެ. ފާޒިލް އެއަތް ފޮޅުވާލާފަ އެއްފަރާތަކަށް ޖެހިލީ އަލީނާ ނިކުންނަން ތަންދިނުމަށެވެ. އެހެންނަމަވެސް އަލީނާ އިރުކޮޅަކަށް މަޑުކޮށްލިއެެވެ. ފާޒިލްގެ ޚިޔާލު ބަދަލުވޭތޯއެވެ. އިސްޖަހާލައިގެން ހުރި ފާޒިލް އިސް އުފުލާ ނުލުމުން އަލީނާ ނިކުމެގެން ދިޔައީއެވެ. ދެރަވެ ލަދު ގަނެފައި ހުރެއެވެ.

ނަވާރު އެރީ ސިޑިއަށެވެ. ސިޑިން ތިރިއަށެވެ. ދެތިން ހަރުފަތަށް ތިރިއަށް ފޭބުމަށްފަހު ސިޑިމަތީ އިށީނދެލެވުނީ ބޮނދައިގެންނެވެ. މާނޭވާ ލެވިފައި ހުރުމުން އަނގަމަތީ އަތްއަޅައިގެން އިށީން ނަވާރު މަޑުކުރީ އަލީނާ ދަންދެނެވެ.

ނޭވާ ހަމައަކަށް އެޅި ކަންތައް ވުމުން ނަވާރު ހިނގައިގަތީ އަނެއްކާވެސް ފާޒިލްގެ ކޮޓަރިއާ ދިމާއަށެވެ.

ދޮރާ ހަމައަށް ދެވުމުން ނަވާރު ވިސްނައިލިއެވެ. މިއީ ނަވާރު ނިންމި ގޮތް ހާމަކުރަން އެންމެ ރަނގަޅު ވަގުތުހެއްޔެވެ! ނަވާރާމެދު އަދި އެހެންމީހަކާމެދުވެސް ފާޒިލްގެ ހިތުގައި ލޯތްބޭމިކިޔާ އިހުސާސް ނުހިނގާކަން އެނގުމުން ނަވާރު ހިތްހަމަ ޖެހުނެވެ. އަދި މަންމައަށް ފާޒިލް ކަމޭހިތާވަރު އެނގުމުން ފާޒިލްއަށްޓަކައި ނަވާރުގެ ހިތުގައި ތަޢުރީފް އުފެދުނެވެ. އެހެން ދޮންދަރިންގެ ހިތުގައި ދޮންމަންމައިންނަށް އޮންނަނީ ނަފުރަތެވެ. ފޫއްސެވެ. އެކަމަކު ފާޒިލް އެއާ ތަފާތެވެ.

ފާޒިލްގެ ކޮޓަރި ހުޅުވަން އުޅެފައިވެސް ނަވާރު ފަސްޖެހުނެވެ. އަދި ފޯނު ނަގައި ގަޑި ބަލައިލިއެވެ. ގަޑިން އެގާރަ ޖަހައިފިއެވެ. ލަހެއް ނުވެއެވެ. އެކަމަކު މިރޭ ދެން ފާޒިލްގެ މޫނަށް ބަލައިލާކަށް ނަވާރަކަށް ނުކެރޭނެއެވެ. އަލީނާ ބުނިގޮތުން ރޭގައި އަލީނާ އެ ޖެހި ސަކަރާތް ވެސް ފާޒިލްއަށް އޮތީ ފެނިފައެވެ. އެކަމުގައިވެސް އަލީނާ ހެދީ ދޮގެވެ. ބަދުނާމް އެވީ ނަވާރެވެ. މަކަރުވެރި ކުއްޖެކެވެ. ނަވާރު ދަތްކުނޑި ވިކައިގަތެވެ.

މަޑުހިނގުމެއްގައި ހިނގާލާފައި ގޮސް ކޮޓަރިއަށް ވަން ނަވާރަށް އިންތިޒާރުުރަމުން ދިޔަ ހަފީޒާ އުންމީދުކޮށްގެން ހުރީ އުފާވެރި މޫނަކައިގެން ނަވާރު އަންނާނެ ކަމަށެވެ. އެހެންނަމަވެސް ނަވާރުގެ މޫނުމަތިން އެއްވެސް އަސަރެއް ދެނެގަންނާކަށް ހަފީޒާއަކަށް ނޭނގުނެވެ.

"ދަރިފުޅު ކޮންތާކުން!" ނޭނގޭކަމަށް ހެދެމުން ހަފީޒާ ސުވާލުކުރިއެވެ.

"ކުޑަކޮށް ބޭރަށް ނިކުމެލާފަ!" ނަވާރު ހެދީ ދޮގެވެ. އެކަމަކު މަންމަ ނަވާރުގެ ބަސް ގަބޫލުކުރިއެވެ.

އަލީނާއާ މެދު ކަންތައް ކުރެވުނު ގޮތުން ފާޒިލް ހުރީ ދެރަވެފައެވެ. އޭނަގެ ހިތުގައިވެސް އަލީނާއަށް ޚާއްސަކަމެއް ދެވުނެވެ. އެހެންނަމަވެސް އޭނަގެ ބައްޕަގެ ފަރާތުން ދޮންމަންމަ އެ އެދުނުކަންތައް ކޮށްދޭން ވެސް ފާޒިލް ބޭނުމެވެ. އެކަމަކު މި ހުރިހާ ދުވަސް ދިޔައިރުވެސް ނަވާރުގެ އެއްވެސް އިޝާރާތެއް ފާޒިލްއަކަށް ނުވެއެވެ. ދޮންމަންމަ ނުވަތަ ނަވާރު ވިޔަސް އޭގެ ވާހަކައެއް ފަހަކުން ނުދައްކައެވެ. އެހެންވިޔަސް އަދިވެސް ފާޒިލް މަޑުކުރާނެއެވެ.

ފާއިތުވާ ކޮންމެ ދުވަހަކީ ވެސް ފާޒިލްއާ ބައްދަލުކުރަން ނަވާރު ނިންމައިގެން ހުންނަ ދުވަހެކެވެ. ކުރީ ރޭ ނިދާނީ ޖެހިގެން އަންނަ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ފާޒިލްއާ ބައްދަލުކުރުމަށް އަޒުމުކަނޑައަޅައިގެން ހުރެއެވެ. މިހެން ދުވަސްތައް ފާއިތުވަމުން ގޮސް ހަފުތާއެއްވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް އެރޭވީ ވަރަށް ވިއްސާރަ ވައިބާރު ރެއަކަށެވެ.

ފާޒިލް ނިދަން އޮށޯތީ ވިއްސާރަ ވުމުގެ ސަބަބުން އެރޭ އޮތް މީޓީންގ ކެންސަލްވި ވާހަކަ ވައިބަރ އިން މުވައްޒަފުންނަށް އެންގުމުންނެވެ. ކިތަންމެ އިރާކޮޅަށް ވިޔަސް އައިޝާ ވެސް ނިދަން ބާއްވާފަ ފާޒިލް އޮށޯތީއެވެ. އެހެންނަމަވެސް މާގިނަ އިރަކު ނިދާފައި ފާޒިލްއަކަށް ނޯވެވުނެވެ. ފޯން ރިންގވުމުން ކަންނެތްކަމާ އެކު ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ގުޅަނީ ދޮންމަންމައެވެ. ނަވާރު ގެއަށް ނައިސްގެންނެވެ. އޭރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ.

ދޮންމަންމަ އެދުނީ ކާރެއް ނުލިބި ގެއަށް ނާދެވި ހުރި ނަވާރު ގެއަށް ގެނެސް ދިނުމަށެވެ. ދަމުން ނަވާރުގެ ވިއްސާރަކޯޓް ހިފައިގެން ދާންވެސް އެދުނެވެ.

ދޮންމަންމަގެ ފޯނު ނިންމާލިއިރު ފާޒިލް ހުރީ ތެދުވެ ހެދުން ހަރުގަނޑު ކައިރީގައެވެ.

ހޮސްޕިޓަލުގެ މައިގޭޓްގެ އެއް ފަރާތަށް ވާގޮތަށް ސައިކަލް މަޑުކުރިއިރު ވާރޭ ވަނީ ތުނިކޮށްލާފައެވެ. އެހެންވިޔަސް މަގުތައް ވަނީ ފަޅުވެފައެވެ. ދުއްވާފައިދާ ކާރެއް ފެންނަނީ ހާލަކުން ފަހަރަކުއެވެ. ވިއްސާރަކޯޓް ލައިގެން ތިބެ ދުއްވާފަ ދާސައިކަލް ފުދޭ ވަރަކަށް ގިނައެވެ. ހިނގާފައިދާ އެންމެ މީހެއްވެސް އެމަގަކުން ފާޒިލް ނުދެކެއެވެ.

މަގުގެ ދެ ފަރާތަށް ރަނގަޅަށް ބަލައިލުމުން ބޭސްފިހާރައެއްގެ އަސްކަނިދޮށުގައި މަޑުކޮށްލައިގެން ހުރި ނަވާރު ފާޒިލްއަށް ފެނިއްޖެއެވެ. އޭރުވެސް ފިންޏާ ހެދި އެފަކީރު ހުރީ މަރުވާވަރުވެފައެވެ. ދެއަތުން އަމިއްލަ ހަށިގަނޑު ވަށައިލަން މަސައްކަތް ކުރަމުން ބައެއް ފަހަރު ދެއަތް ދެއަތާ އުނގުޅަމުން އަނެއްބައި ފަހަރު އެއް ފަރާތު ކޮނޑުގައި އަޅުވާފައިވާ ދަބަހުގައި ބައްދާލާތަން ފާޒިލްއަށް ފެނުނީމާ ހިތަށް ތަދުވިއެވެ. ތަންކޮޅަކަށް ކުރިއަށް ސައިކަލު ދުއްވާލާ ނަވާރާ އަރާ ހަމަކުރަމުން ބަރުގޮނު އަޅައިލިއެވެ. ނަވާރު ބަލައިލިއރު އެ ދެ ލޮލުން އެކަނިވެސް ގެއަށްދާން ނަވާރު ބޭނުންވާވަރު ފާޒިލްއަށް ފެނުނެވެ.

"އަވަހަށް އާދޭ!" ސައިކަލުގެ ފަހަތަށް އިޝާރާތްކުރަމުން ފާޒިލް ގޮވައިލިއެވެ. ނަވާރަށް ލިބުނީ ޝޮކެކެވެ. މިގަޑީގައި ފާޒިލް އޭނާ ބަލާ އައިސްދާނެކަމަކަށް އެއްގޮތަކަށްވެސް އުންމީދު ނުކުރާކަން އެ ބެލުމުން އެނގެއެވެ. ޔަގީނެވެ. ފާޒިލް ފޮނުވާނީ މަންމައެވެ.

ކުޑަކޮށްފަސްޖެހިލުމަށްފަހު ފުރަތަމަ ފިޔަވަޅު ނަވާރު ކުރިއަށް އެޅިއެވެ. ލަސްލަހުންނެވެ. ފަހަރެއްގައި ފާޒިލް ބަލަހައްޓައިގެން އިނދެފިއްޔާ ނަވާރަށް އުނދަގޫ ވެދާނެތީ ފާޒިލްގެ ނަޒަރު ބެހެއްޓީ ކުރިމަތީ އޮތްމަގަށެވެ. ނަވާރުގެ ދެވަނަ ފިޔަވަޅު ކުރީ ފިޔަވަޅަށް ވުރެ އަވަހެވެ. އަދިންމެ ފަހުން ދުވެލާފަ އައިސް ސައިކަލު ކައިރީ މަޑުކޮށްލިއެވެ. ދެވަނަ ފަހަރަކުވެސް ފާޒިލްގެ ހުއްދައަށް އެދިއެވެ.

"އަން! މިއޮތީ ކޯޓްް! މިވަގުތު ކުޑަކޮށް މައިތިރިކޮށް އޮތަސް އަދި ވެސް ވެހިގަންނާނެހެން ހީވަނީ!" ވައަތުން ހިފައިގެން އިން ނަވާރުގެ ވިއްސާރަކޯޓް ދިއްކޮށްލަމުން ފާޒިލް ބުންޏެވެ.

ނަވާރު ކޯޓް އަތުލިއެވެ. ނަމަވެސް އެ ލުމުގެ ޚިޔާލެއް ނުކުރިއެވެ. ފާޒިލް ވެސް ކޯޓެއް ލައިގެން ނެތުމުން ކަމަށް ވެދާނެއެވެ. އޭރު ފާޒިލް އިނީވެސް ކުޑަކޮށް ތެމިފައެވެ. ބޮލުގައި ކޮންމެެވެސް ވަރަކަށްް ފެންތިކި ހަރުލާފައިވެސް ހުއްޓެވެ.

އިތުރަށް ބަލާކަށް ނުހުރެ ނިކަން އަވަހަށް ނަވާރު އަރާ އިށީނީ ފާޒިލްގެ ސައިކަލަށެވެ. އެއީ ނަވާރަށް ތަފާތު އިހުސާސެއް ކުރެވުނު ވަގުތެކެވެ. ހިތަށް ސިފަވީ އަލީނާ އެ ސައިކަލުގެ ފަހަތުގައި އިންނަ ގޮތެވެ. އެ ޚިޔާލު އައުމުން ފާޒިލްއާ އޭނައާ ދެމެދުހުރީ ކިހާ ދުރުމިނެއްކަން ރަނގަޅަށް ބަލާލެވި ދުރުމިން ވަޒަން ކުރިއެވެ. އަދި އިތުރަށް ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ.

"ރަނގަޅަށް ހަމަޖެހިލައިގެން އިށީނދޭ! މަގުމަތި ވަރަށް ފެންބޮޑު!" ފާޒިލްއަށް އޭނަގެ ހިތުގައި ހިނގި ޚިޔާލު އެނގުނީހެއްޔެވެ!

"އޯކޭވާނެ!" ކުރު ޖަވާބަކުން ނަވާރު ފުއްދައިލިއެވެ. ފެންހެދިފައި ހުރި މަގުތަކުން ދުއްވަން ޖެހުމުން ބައެއްފަހަރު ސައިކަލުގެ ހުންގާންޏަށް ގެންނަންޖެހޭ ހަރަކާތުގެ ސަބަބުން ސައިކަލަށް އެކިވަރުގެ ލޮޅުން އާދެއެވެ. އެފަދަ ބައެއް ފަހަރުތަކުގައި ނަވާރުގެ ހަށިގަނޑު މަޑުމަޑުން އައިސް ފާޒިލްގެ ބުރަކަށީގައި ބީހިލާފައި އަނެއްކާވެސް އިހު އިންނަ ގޮތަށް ރުޖޫއަވެއެވެ. ނަވާރަށް އެނގެއެވެ. ފާޒިލް އެ ދުއްވަނީ ވެސް ވަރަށް ބަލައިގެންނެވެ. ފަހަރެއްގައިވެސް މަގުގެ ގާތައް އަޑިގުޑަންވެފައި ހުރުުމުގެ ސަބަަބުން ސައިކަލް އަރިއަޅާލައި ދެމީހުން ވެއްޓި ހާނީއްކައެއް ނުވާނެ ގޮތް ފާޒިލް ވިސްނާނެއެވެ. އެ ޔަގީންކަން ނަވާރަށް އޮތެވެ. ހަގީގަތަކީވެސް އެއެވެ.

ގެއާ ހަމައަށް ދެވުނުއިރުވެސް އިތުރަށް ވާރޭކަނި ބޯކުރާކަށް ނޫޅުނެވެ. އެހެންކަމުން ނަސީބަކުން ވިއްސާރަކޯޓް ނުލާ ފަރުޖެހުނެވެ. ދަތުރު ފެށި ހިސާބުން ކޮންމެހެން ބުނަން ޖެހުނު ވާހަކައެއް ބުނެލުން ފިޔަވާ ދަތުރު ނިމުނުއިރުވެސް އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ކޮންމެ މީހަކުވެސް އިނީ އަނެކާ ވާހަކަދެއްކުމުގެ އިންތިޒާރުގައެވެ. އެ އިންތިޒާރު ނިމުނީ ހުސްކޮށެވެ.

ސައިކަލް ޕާކުކުރުމަށްފަހު ފާޒިލް އަންނަންދެން ލިފްޓަށް ނުވަދެ ނަވާރު މަޑުކުރިއެވެ. ލިފްޓްގެ ފިތަށް ފިތާލީ ފާޒިލް އައިސް ފާޒިލްއެވެ.

"ދެންވެސް ލިފްޓެއް ބޭނުންވަންޏާ މާ ލަސްނުކޮށް ގުޅާތި! އޭރުން ބަލާދާން އެނގޭނީ!" ފާޒިލް ވާހަކަދެއްކީ ދެމީހުންނަށް ވެސް ލިފްޓަށް ވަދެވުނީމައެވެ. ވާހަކަ ދެއްކިޔަސް ފާޒިލް ނަވާރަކަށް ނުބަލައެވެ. ނަވާރު ބަލައިލީ ފާޒިލްގެ މޫނުން އެއްވެސް ތަފާތު އަސަރެއް ފާހަގަ ކުރެވޭތޯއެވެ. ނުވަތަ އެ ދެލޮލާ ހަތަރުކަޅި ހަމަކުރެވޭތޯއެވެ. އެކަން އެހެން ނުވުމުން ނަވާރަށް ހުރެވުނީ ފާޒިލްއަށް ބަލަހައްޓައިގެންނެވެ.

ދެވަނަ ފަންގެފިލާއަށް ލިފްޓް މަޑުކުރުމަށް މާގިނަ ވަގުތެއް ނުނަގައެވެ. ލިފްޓް ހުޅުވުމުން ދަނީކަމަށް ބުނެ ފާޒިލް ހިނގައިގަތީ ވެސް ނަވާރާ ދިމާއަށް ބަލައި ވެސް ނުލާ ހުރެއެވެ.

އަނެއްކާވެސް ފާޒިލް ދެކެ ނަވާރު ރުޅިއަތުވެއްޖެއެވެ. އެ މަޑުމަތިރިކަމާ ހަމަ ހިމޭންކަން ނަވާރު މާނަކުރީ އެހެންގޮތަކަށެވެ. ފާޒިލްއަކީ ހަމަ ބޮޑާ ފިރިހެނަކީއެވެ. ތަންކޮޅެއް ސިފަ ރީތިވީމަ ތިމާ ތިމާ އޮޅިފަހުރި މީހަކީއެވެ. ބަލަންހުންނައްޗެވެ. އަހަރެން ތިކަން މައިތިރިކޮށްލާނަމެވެ.

ހިތާ ހިތާ ފާޒިލްއަށް އެތިވަރުގޮވަމުން ގެއަށް ވަން ނަވާރަށް ހުއްޓެވުނީ ދޮރު ހުޅުވައިލިތަނުން ކުރިމަތިން މަންމަ ފެނުމުންނެވެ.

"މަންމަ މިހިރީ ވަރަށް ބިރުން! ... ނޭނގޭނެނު މިއީ މާލެ ވިއްޔަ! ދެންވެސް އެއްޗެއް ކާލައިގެން ނިދަން އާދޭ!" މަންމަ ވަނީ ގޮސް ކޮޓަރިއަށެވެ. ނަވާރުވެސް ވަނީ ނުކާނެ ކަމަށް ބުނަމުން ކޮޓަރިއަށެވެ. މަންމަ ނިދިއިރު ވެސް ނަވާރަކަށް ނުނިދުނެވެ. ނޭފަތުގައި ހިފާފައިހުރި ފާޒިލް ބޭނުންކޮށްފައިވާ އާފްޓަރޝޭވްގެ ވަސް އަދިވެސް ނޭފަތުން ފިލާ ނުދެއެވެ. މިރޭ ފާޒިލް އޭނާ ބަލާ އެ ދިޔަ ދިޔުން، އޭނަގެ ނަމުން ފާޒިލް އެ ގޮވައިލި ގޮވައިލުން ތަކުރާރުވެގެން ނަވާރުގެ ސިކުނޑީގައި ތަމްސީލްވަމުންދަނީއެވެ. ހަމަ އެއާއެކު ކުރީ ރޭ އަލީނާއާ ފާޒިލް އާ ދެމެދު ދެކެވުނު ވާހަކަތައް ވެސް ނަވާރުގެ ސިކުނޑީގައި އެނބުރެމުންދަނީއެވެ. އެންމެ ފަހުން ނަވާރު ނިންމީ ފާޒިލްއަށް މެސެޖްކޮށް ބައްދަލުކުރުމަށެވެ.

"އަހަރެން ބޭނުން ފާޒިލްއާ ވާހަކައެއް ދައްކާލަން! މެސެޖުން ވެސް ބުނެވިދާނެ! އެކަމަކު ބޭނުމީ ކުރިމަތީ ހުރެގެން އެ ވާހަކަ ދައްކަން!" ވަރަށް ވިސްނުމަށްފަހު ގޮތް ކަނޑައަޅައި ނަވާރު ފާޒިލްއަށް މެސެޖް ފޮނުވިއެވެ. އަދި ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ނިދީއެވެ. އެ މެސެޖު ލިޔެވުމުން ބޮލުން ޓަނެއްގެ ބަރުދަން ލުއިވެ ނިދަން ފަސޭހަ ވެސް ވިއެވެ.

ފާޒިލްއަށް އެ މެސެޖް ފެނުނެވެ. ނަވާރުގެ މެސެޖަކަށްވުުމުން އެހާ އަވަހަށް މެސެޖް ނުހުޅުވަން ފާޒިލް ނިންމިއެވެ.

-ނުނިމޭ-