ބޮލީވުޑްއަކީ ދުނިޔޭގެ އެންމެ ގިނައިން ފިލްމު އުފައްދާ މަރުކަޒެވެ. އަދި ނައިޖޭރިއާކީ މަހެއްގެ މައްޗަށް އެއްސަތޭކައަށް ވުރެން ގިނަ ވީޑޯ އުފައްދައި ދުނިޔޭގެ ފިލްމު އުފެއްދުމުގެ ދެވަނަ މަރުކަޒެވެ. ނައިޖޭރިއާގެ ފިމްމީ ތަރިންނާއި އިންޑިއާގެ ފިލްމީ ތަރިން ގުޅިގެން އުފެއްދި ފުރަތަމަ ފިލްމު ނަމަސްތޭ ވަހަލާ ވަނީ ވެލެންޓްއިންސް ޑޭ ގައި ރިލީޒް ކޮށްފައެވެ.

މިފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ގިނަ ދުވަސް ވަންދެން ނައިޖޭރިއާގައި އުޅެފައިވާ އިންޑިއާގެ އަންހެނެކެވެ. ހަމީޝާ ދަރިޔާނީ އަހޫޖާ އަކީ ނައިޖޭރިއާގެ ވެރިރަށުގައި އިންޑިއަން ރެސްޓޯރެންޓެއް ހިންގާ މީހެކެވެ.

އޭނާގެ ފިލްމުގައި އިސް ރޯލް ކުޅެފައި ވަނީ އިންޑިއާގެ ރަސްލާން މުމްތާޒްއާއި ނައިޖޭރިއާގެ ފިލްމީ ތަރި، އިނީ ދިމާ އަކޯޖީއެވެ.

މި ފިލްމުގެ ސްޓޯރީއަކީ ނައިޖޭރިއާގެ އަންހެނަކު އެ ގައުމުގައި މަސައްކަތް ކުރާ އިންޑިއާގެ އިންވެސްޓްމެންޓް ބޭންކަރަކާ ހިތާވުމުން ދިމާ މައްސަލަތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ސްޓޯރިއެކެވެ.

އަހޫޖާ ބުނާ ގޮތުން މި ފިލްމުގެ ސްކްރިޕްޓް ލިޔެފައި ވަނީ 80 ގެ އަހަރުތަކުގެ ލަވަ ކިޔާ ފިލްމުތަކުގެ ސްކްރިޕްޓްތަކާ އެއް ގޮތަށެވެ.

ދެ ގައުމުގައި 60 އަށް ވުރެން ގިނަ މީހުން މި ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅެފައި ވެއެވެ.