"ކައިވެނި ހަފްލާއަށް ހެދުން ފަހަން ފޮތިގަނޑު ހަވާލުކުރެވުންތަ ދެން؟ ކޮން ދުވަހަކަށޯ ނިމޭނީ ހައްޖައްތަ ބުނީ؟" ބޮޑު ކޮޓަރީގެ ސޯފާގައި ފޯނަށް ގެއްލިފައި އިން ޔުމްނާގެ ކައިރިއަށް ބަދިގެއިން ނިކުމެގެން އަންނަމުން ޔުއާނާ އަހާލިއެވެ.
"ދެ ދުވަސްތެރޭ ނިންމަދޭނަމޭ ބުނީ. މާދަމާ ނޫން އަނެއްދުވަހު ރަންކިޔުމުގެ ހަފްލާ. ރަންކިޔާ ހަފްލާ އަށް ލާ ހެދުން ބަލައި ހައްޖައްތަމެން ގެއަށް އިޝާ ކޮށްގެން ދާނަމޭ ޔޫނުސް ބުނި"
"އެހެދުން ނިމުނީތަ މިހާރު؟ ދެން ވެޑިން ޑްރެސް ހެޔޮވަރުކުރަން ދާނީ ދެ ދުވަސް ފަހުން ދޯ އެހެންމަ... މިހާރު ޔޫޙް ކޮބައިތަ؟" ޔުމްނާއަށް ދޯ އެއްލަމުން ބޮޑު ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގާލަމުން ޔުޢާނާ ބުނެލިއެވެ.
"ޔޫޙް މަންމައާއެކީ އެ ކޮޓަރިީގަ ވެއްޖެ. މަންމަ އެކީ ނަމާދު ކުރަންވިއްޔޯ" ކައިރީ އިށީން ޔުއާނާއަށް ޖަވާބުދެމުން ޔުމްނާ ފޯނުގެ ސްކްރީން ދައްކާލިއެވެ.
"ބަލާބަ ތިތަނުން ރީތި ފޮންޓެއް. ދޮންތައަށް ރީތި ތިތަނުން ފުރަތަމަ ތިން ފޮންޓު ވެސް. މިހާރު ލަސްވެގެން ޔޫނުސް ކިޔައިފި މި އަންހެންވެރިން ގޮވައިގެން ނުވާނެޔޯ އަވަހަކަށް ކަމެއް" ޔުމްނާގެ ވާހަކައިން ޔުޢާނާގެ ކައިރިއަށް ހިނިއައެވެ.
"ތިޖެހުނީ ކަންކަން ވާކަން ދައްކާކަށްނު. ދެވަނައަށް މީނަ ފޮންޓު މާ ގުޅޭނެ ކަންނޭނގެ ކާޑުގެ ޑިޒައިނާ" ޔުއާނާގެ ޚިޔާލާއި ޔުމްނާ ގަޔާވިއެވެ. ފާސްވި ފޮންޓު ޔޫނުސްގެ ނަންބަރަށް ފޮނުވާލަމުން ޔުމްނާ އެނބުރިލިއިރު ޔުޢާނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.
"ދޮންތަ ދެން ދުވަސްކޮޅަކުން ދާނެ ދޯ މިގެއިން." ޔުމްނާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޔުއާނާ ބުނެލި ޖުމްލައިން ޖަޒުބާތީވާގޮތްވި ނަމަވެސް ނުހަނު އަވަހަށް ޔުމްނާ ހީލައިފިއެވެ.
"ދޮންތަ އަދި ޒަވާޖީ ޙަޔާތެއް ފެށުމަކުން އާނާ އާއި ދެމެދު އޮތް ގުޅުމަކަށް އެއްވެސް އުނިކަމެއް ނާންނާނެއޭ. އެހެންނޫނަސް ތަފާތު ގެއެއްގައި އުޅުމަކުން މާބޮޑު ބަދަލެއް ނާންނާނެ އެއްނެ. އުޅޭނީ އެއް ރަށެއްގައި. ދޮންތަ އަންނާނަމޭ ގިނަގިނައިން މިގެއަށް އާނާމެން ކައިރިއަށް." ޔުޢާނާގެ ދެ އަތުގައި ހިފާލައިގެން އިނދެ ޔުމްނާ ބުނެލިީ ލޯތްބާއެކުއެވެ.
"ދޮންތަ ހިތްނުތަނަވަސްވޭތަ؟" ހިނިތުންވެލުމާއެކު ޔުޢާނާ ބުނެލީ ދިމާކުރާ ނަޒަރަކުން ބަލަހައްޓައިގެން އިނދެއެވެ. އެ ވަގުތު ޔުމްނާ ރަކިވިގޮތް ފެނި ޔުއާނާއަށް އޭނާގެ ކައިވެނި ކުރެވުނު ދުވަސް މަތީން ހަނދާންވިއެވެ.
"ދެން ތި ވާހަކައެއްނޫނޭ. އިޝާ ކޮށްގެން ނިކުންނާތި. އެގަޑީ އަންނާނެ ޔޫނުސްމެން ހެދުން ހިފައިގެން. ހެދުމަށް ގޮތްކިޔަން ހުރި މީހަކީ ތިއެއްނު." ފުޅާ ތަނަވަސް ބޮޑުކޮޓަރީގެ ކަނައަތްފަރާތުން ފެންނަންހުރި ކޮޓަރިބަރީން ދެވަނައަށްހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ޔުމްނާ ބުނެލިއެވެ. އެ ވަގުތު ޔުމްނާގެ ބަހަށް އެއްބަސްވުމަށް ބޯޖަހާލަމުން އެއާ ޖެހިގެންހުރި ކޮޓަރިއަށް ވަންނަން ދިޔަ ޔުއާނާގެ ހިތުގައި ސުވާލު އުފެދުނީ ޔޫނުސްމެނޭ ޔުމްނާ ބުނުމުންނެވެ.
"އަނެއްކާ ކާކު ޔޫނުސް އެކީ އަންނަނީ" ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން އަމިއްލަ ނަފްސަށް ޔުއާނާއަށް ބުނެވުނެވެ.
އިޝާ ނަމާދުން ފައިބައިގެން ހައްޖައްތަގެ ގެއިން ހެދުން ނަގައިގެން ސައިކަލުގައި ޔޫނުސްއާއެކު އަޒިކިޔަލް ނައްޓާލީ ޔުއާނާމެން ގެއަށް ދިއުމަށެވެ.
"އަވަހޭ ދޯ ދުވަސްތައް ދާލެއް. މަ ހީކުރީ ސީދާ ރަންކިޔާ ދުވަހަށް ކަމަށް ޔޫނުސް އަންނާނީ" ދެ ސައިކަލުގައި ޖެހިޖެހިގެން ދުއްވަމުން އަޒިކިޔަލް ބުނެލިއެވެ. "މަ ނައިސް ކުރަންހުރި ކަންކަން ކުރާނީ ކާކު. އަޒިކިޔަލްއަށް ވެސް ތިއުޅެނީ ކަމެއް ނުވެގެން. މިހާރު އާނާ އާއި ވާހަކަދެއްކިއްޖެތަ؟"
ޔޫނުސްގެ ސުވާލުން އަޒިކިޔަލް ބޯހުރާލި މާޔޫސީ ގޮތްފެނި އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. "އަޒިކިޔަލްއެއް ނޫންތަ ބުނީ އާނާގެ ހިތްރުއްސަން މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެޔޭ. ދެން އަވަހަށް ވާހަކަދައްކައިގެން ކަންކަން ހައްލުކުރަންވެއްޖެއެއްނު. އަންބެއް ހުރެމެ އޭނާއާއި ދުރުގައި ހުންނަން ފަސޭހަ ނުވާނެކަން އަހަންނަށް އެނގޭ. އަޒިކިޔަލް އަވަހަށް އެކަމާ އުޅޭ."
ޔުއާނާމެންގެ ގޭ ދޮރުމަތީ ސައިކަލު ޕާކުކުރި އަޒިކިޔަލްއަށް އިނދެވުނީ ފުން ވިސްނުމެއްގައެވެ. ޔޫނުސް ދެއްކި ވާހަކައާއި އެއްބަސްވި ނަމަވެސް އެކަން ކުރާނެ ގޮތެއް އަޒިކިޔަލްގެ ޚިޔާލަކަށް ވެސް ނާދެއެވެ.
ހެދުން ހިފައިގެން ގެއަށް ވަތް ޔޫނުސްއަށް ހިނިތުންވެލި ޔުއާނާ ހުއްޓުންއަރާގޮތްވީ ޔޫނުސްގެ ފަހަތުން ވަތް އަޒިކިޔަލް ފެނުމުންނެވެ. އަތްދިގު ކަޅު ޓީޝާޓަކާއި ކަޅު ޖިންސެއްގައި ހުރިއިރު އެ ފިރިހެންވަންތަކަމަށް ޔުއާނާއަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.
ހެދުން ހިފައިގެން ދެ އަންހެންކުދިން ހެދުން ހެޔޮވަރުކުރަން ވަނުމާއެކު އަޒިކިޔަލްމެން ޖައްސާލީ ބޮޑުކޮޓަރީގެ ސޯފާ ގޮނޑިތަކުގައެވެ. އެ ވަގުތު ސަބާނާގެ ކޮޓަރީން ނިދާ ހެދުންކޮޅުގައި ނިކުމެގެން މަޑު ހިނގުމެއްގައި އައި ޔޫހް ފެނި އަޒިކިޔަލްއަށް ހިނިތުންވެވުނެވެ.
"އަކޫބޭ." އަތުގައި އޮތް އައިޕެޑާއެކު ޔޫހް އައިސް އެރީ އަޒިކިޔަލްގެ އުނގަށެވެ. އޭނާގެ މޭގައި ބޯ އަޅައިގެން ރީތިކޮށް އުނގުގައި ހަމަޖެހިލި ޔޫހްގެ ލޯ މެރެނީ އެވެ. އަތުގައި އައިޕެޑް ކިރިޔަކިރިޔާ ހަރުލާކަމެވެ.
ކުލުނުން ފުރިފައިވި ދެ ލޮލުން ޔޫހްގެ މޫނަށް ބަލަހައްޓައިގެން އިން އަޒިކިޔަލް ޔޫހްގެ އަތުން އައިޕެޑް ނެގީ ވެއްޓިދާނެކަމުގެ ބިރަށެވެ. އަޅުވާފައިހުރި ކުޑަކުދީންގެ ކާޓޫނު ނިއްވާލުމަށް ފިތަކަށް އޮއްބާލި ވަގުތު ލޮލުގައި އަޅައިގަތީ ފޯލްޑަރ އެކެވެ.
އެއީ ހަމަ އަޒިކިޔަލްގެ ލެޕްޓޮޕްގައި ވެސް އިން ފޯލްޑަރގެ ނަމެވެ. ހަމަ އެއް ޕާސްކޯޑަކުން ހުޅުވިއްޖެއެވެ. އަޒިކިޔަލްގެ ހިތުގެ ތެޅުން އިތުރުވިއެވެ. ޔުއާނާ ވެސް އެ ދެމީހުންގެ ޒަވާޖީ ޙަޔާތުގެ އުފާވެރި ދުވަސްތައް މަތީން ހަނދާންވޭތާއެވެ. ހަމަ އޭނާ ފަދައިން އެ ހަނދާންތައް އާކުރަނީ ކަންނޭނގެއެވެ.
ހެދުން ހެޔޮވަރުކޮށް ނިމިގެން ޔުއާނާމެން ކޮޓަރީން ނިކުތްއިރު ސިޓިންރޫމުގައި ސަބާނާ ވެސް އިނެވެ. "ވަރަށް ބަރާބަރު ހެދުން. ހައްޖައްތަ ފަހާ ހެދުމެއްގަ މައްސަލައެއް ޖެހިގެން އުޅޭ ކަށް ނުޖެހޭނެއޭ ޔޫންބެ ބުންޏެއްނު" ޔޫނުސް އަށް ނިތް އަރުވާލަމުން ޔުއާނާ ބުނެލިއެވެ. ފަހަތުން އައި ޔުމްނާ ވެސް ހެދުމާއިމެދު ހިތްހަމަޖެހިފައި ހުރި މިންވަރު ފާޅުކުރިއެވެ.
ހައްޖައްތަ އަކީ ޔޫނުސްގެ މަންމަ ފަރާތު ބޮޑުދައިތައެކެވެ. ރަށުގައި ތިބި އެންމެ ނަން ހިންގާ ފެހުންތެރީން ތެރޭ ހިމެނޭ އެކަކެވެ.
"އާނާ ދޭބަ އަޒިކިޔަލްއަށް ޔޫހް ބާއްވަން ތަން ދައްކަން. އިރުކޮޅަކުން އަންނާނެ ޔޫނުސްގެ މަންމަމެންގޭ މީހުން ވެސް." މާބޮޑު ވިސްނުމެއް ނެތި ސަބާނާ ބުނެލީ ޔޫނުސް ދެއްކި ރަންކިޔާ ހަފްލާ ގެ ސައިގެ ލިސްޓަށް ގެއްލި އިނދެއެވެ.
ހިނދުކޮޅަކަށް ހުއްޓުންއަރާގޮތްވީ ނަމަވެސް ނިދިފައި އޮތް ޔޫހް ކޮނޑުމަތީގައި ބާއްވައިގެން ތެދުވި އަޒިކިޔަލްއަށް ބަލާލުމަށްފަހު ޔުޢާނާ ހިނގައިގަތީ ސަބާނާގެ ކޮޓަރިއާއި ދިމާލަށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލަމުން ފަހަތުން އައި އަޒިކިޔަލްއަށް ޔޫހް ބާއްވަން އެނދު ތައްޔާރުކޮށްދިނުމަށްފަހު ޔުއާނާ ދުރަށްޖެހިލިއެވެ. ޖައްސާފައިހުރި އޭސީގެ ފިނި މަޑުކޮށްލަމުން އެނބުރިލިއިރު ޔޫޙް ބޭއްވުމަށްފަހު އަޒިކިޔަލް ހުރި ގޮތަށް ހުރީއެވެ. އެ ތޫނު ދެ ލޮލާއި ހަތަރުކަޅި ހަމަވުމާއެކު ޔުޢާނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ.
އަޒިކިޔަލް ޔުއާނާގެ ކައިރިއަށް އައުމާއެކު ދިއްކޮށްލީ ޔޫހް ގެންގުޅުނު އައިޕެޑެވެ. ވާނުވާ ނޭނގިހުރި ޔުއާނާގެ މޫނުން ހައިރާންކަމުގެ ކުލަވަރު ފިލާ, ލަދުވެތިކަމުގެ އަސަރުތައް މޫނު މަތިން ފާޅުވީ ސްކްރީނުން ހުޅުވާފައިވި ފޯލްޑަރގެ ފޮޓޯތައް ފެނުމުންނެވެ.
"އާނާ... އަހަރެން ބޭނުން އަލުން ތިފަދަ ރީތި ހަނދާންތަކެއް އަހަރެންގެ އަނބިމީހާއާއެކު ރައްކާކުރަން. ވެދިޔަތަނުގައި ފުއްދައިނުދެވުނު ވައުދުތައް އާނާއަށް ފުއްދައިދިނުމުގެ ފުރުސަތު އަހަންނަށް ދޭނަންތަ؟" އަޒިކިޔަލްގެ ދެ ލޮލުން ފެނުނު އަސަރުގަދަ ޖަޒުބާތުތަކުން ޔުއާނާގެ ހިތް ވިރިއްޖެއެވެ. ނެތް ހިތްވަރުން ހިތުގެ އަޑު ދުލާއި ހަމައަށް ގެނައުމަށް ޔުއާނާ ބާރުލިއެވެ.