ކޮވިޑް-19: މިފަދަ ޙާލަތެއްގައި އެންމެ މުހިންމުވާނީ ސަރުކާާރުގެ އޯގާތެރިކަން

0

މީލާދީ ސަނަތުން 2020 ވަނަ އަހަރު ފެށިގެން އައީ އުންމީދީ ފާގަތި އަހަރަކަށް މި އަހަރުވާނެ ކަމަށް ރައްޔިތުން އެދިގެން ތިއްބައެވެ.

ނުސިޔާނުމަގުން ގޯޅިއަޅައިގެން ދިޔަ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރި ސަރުކާރެއް ވޯޓުފޮށިން ބަދަލުކުރިއެވެ. އެއަށްފަހު އިއްތިހާދީ އައު ސަރުކާރެއް ގެނެސް ގައުމު ހަމަ މަގަށް އެޅުވުމުގެ ޒިންމާ ޙަވާލު ކުރިއެވެ. އެކަންކުރީ ރައްޔިތުންނެވެ.

Advertisements

ފެންނަމުންދިޔައީ ގައުމު ބިނާކުރާނޭ ގޮތުގެ މަޝްވަރާތައް ކުރެވި ތަސައްވަރުތައް އެކުލަވާލެވެމުން ދިޔަތަނެވެ. ޅަފަތުގެ ފިޔަވަޅުތައް ކުރިޔަށް އަޅަން ފެށުމާއެކު ގައުމަށް ވެރިވެފައި އޮތް ސިޔާސީ ހަލަބޮލިކަމަށްވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މުޅިދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގެ ގޮނޑުދޮއްތަކާ ހިސާބަށް ތިލަވިއެވެ. އެހެންކަމުން، މި ނުރައްކާތެރި ހާލަތު ކާރިސާއަކަށް ބަދަލުވިޔަ ނުދިނުމަށް ހަލުވި މިނުގައި ސަރުކާރުން ކުރަންޖެހޭ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައެވެ.

މި ޙާލަތުން އަރައިގަތުމަށް ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާނޭ ކަންތައްތައް މައިގަނޑު 3 ބަޔަކަށް ބަހައި ލެވިދާނެއެވެ.

ސިއްހީ ފަރުވާ: ރާއްޖޭގައި ޒަމާނުއްސުރެ ސިއްހީ ހިދުމަތް ހޯދުމުގައި ދަތިތަކެއް ހުރެއެވެ. އެންމެ ފުރަތަމަ ފަރުވާއާ ހަމައަށް ވާސިލްވުމުގެ ދަތިކަމެވެ. ދެވަނަޔަށް ފަރުވާގެ އަގުބޮޑުވުމެވެ. ތިންވަނަ ކަމަކަށް ނަތީޖާ ނުނެރެވުމެވެ. މި ޙާލަތު ދެމިއޮތުމުގެ ސަބަބެއްކަމުގައި ވަންހަނާވެފައި އޮތީ ސިއްހީފަރުވާ ފޯރުކޮށްދިނުމުގެ މުހިއްމު ގިނަ ބައިތައް ‘އައުޓްސޯސް’ ވެފައިއޮތުން ކަމަށް ބެލެވިދާނެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ދިމާއަކަށް ވާސިލްވެ އެ ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވާތީ ބޭރުން ހޯދޭ ޚިދުމަތްތަކަށްވުރެ ރާއްޖޭގެ މަސްދަރުތަކުން ފޯރުކޮށްދެވިދާނެ ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފައެވެ. އެހެންކަމުން، މިދަނޑިވަޅުގައި ސަރުކާރުން އަދާ ކުރަން އޮތް އެންމެ މަތީ ޒިންމާ އަކީ ސިއްހީފަރުވާގެ ކެޕޭސިޓީ ބިލްޑް ކުރުމެވެ. ކޮވިޑް19 އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު މުޅިންހެން ކަނޑުވާލާ ފަދަ ބައްޔެކެވެ. އަދި އެހާމެ ހަލުވި ކަމާއެކު ފެތުރިގަންނަ ބައްޔެކެވެ. އެހެން ކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބައްޔަށް ޓެސްޓްކުރަމުން ގެންދިޔުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެހެންކަމުން ބޭސްފަރުވާގެ ގައުމީ ނިޒާމު އާސަންދައިގެ ތެރޭން ދިވެހި ކޮންމެ ރައްޔިތަކު ބައްޔަށް ޓެސްޓްކުރުމުގެ މަގު ފަހިވެފައި އޮންނަންޖެހެއެވެ. މިބަލިމަޑުކަމުން ދައްކުވައިދެނީ، ސިއްހީ ޚިދުމަތަކީ ހަމައެކަނި ބޭސްސިޓީ އެއް ލިޔެ ބޭސް ފިހާރައާ ދިމާއަށް ފޮނުވާލުން ނޫންކަމެވެ. ވުމާއެކު ‘ޕްރިވެންޓަޓިވް މެޑިސިން’ގެ ވިސްނުން އިސްކޮށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭން ބަލިތަކުން ދުރުވެއުޅެވޭނެ ނިޒާމެއް ވުޖޫދުކުރަންޖެހެއެވެ.

ސީދާ އެހީ: މި ބަލިމަޑުކަމުގެ އަސަރު ސިއްހީ ތަރަހައިން ބޭރަށް ދެއެވެ. މި ކަން ދަލީލުކޮށްދޭ އެންމެބޮޑު އެއް ހެއްހަކީ އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ދިވެހިން އުޅެމުން އައިގޮތަށް ކުއްލި ބޮޑު ބަދަލުތަކެއް އައުމެވެ. އާމުދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތަކާއި ބުރަ މަސައްކަތުން ކޮޅަށްޖެހި ވިޔަފާރިތައް އިނދަޖެހުމެވެ. އަދާކުރަމުން ދިޔަ ވަޒީފާތަކުން ލިބޭ ފުރާގު އެކީއެކަށް ހުއްޓެން ދިމާވުމެވެ. ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން މުސާރަޔާއި އިނާޔަތްތައް ކެނޑިގެންދިޔައީ ‘ފަތުއަޑުކިޔާފައިހާ’ އަވަސްމިނުގައެވެ. މި ކަމުގައި ގިނަދުވަހު ވަފާތެރިކަމާއެކު ޚިދުމަތްކުރި ގިނަ ދިވެހި މަސައްކަތްތެރިން ބިކަ ވާނެކަމަށް ބެލެވެއެވެ. އަދި މި ކަމުގެ ނޭދެވޭ އަސަރު ހުރިހާ ފަންތިއެއްގެ ގިނަ ދިވެހިންނަށް ކުރާނެކަން ޔަގީންވެއެވެ. ކާބޯތަކެއްޗާއި، އަސާސީ ޚިދުމަތްތަކާއި ކުލި ދެއްކުމުގެ ތެރެއިން ދަރަނީގެ އަނދަވަޅަކަށް ރައްޔިތުން ވެއްޓުނަނުދީ އިޖްތިމާއީ އަދާލަތު ދެމެހެއްޓޭނެ އިންތިޒާމެއް މިއާއެކު މިވަނީ ވަކީން އަވަހަށް ބޭނުންވެފައެވެ. ވުމާއެކު މިދަނޑިވަޅުގައި ސަރުކާރުން އަވަސްވެގަންނަންޖެހެނީ ރައްޔިތުންނަށްޓަކައި ‘ސޭފްޓީ ނެޓެއް’ އަޅައިދިނުމަށެވެ. މިކަންކުރެވޭނީ ސިދާގޮތެއްގައި ރައްޔިތުމީހާގެ ޖީބަށް ފައިސާ ވަންނާނެ އަދި ދެމި ހުންނާނެ ގޮތެއް ހަމަޖެހިގެންނެވެ. މިކަމަކަށްޓަކައި މިހާރު ރޭވިފައި އޮތްގޮތަށް ފަރުދުންގެ އާމްދަނީއިން ނެގޭ ޓެކުސް މަޑުޖައްސާލައި ކެޕިޓަލް ޚަރަދުތައް ހިފަހައްޓާލަންޖެހެއެވެ. ކުޅޭތަންތަނާއި ފަތާތަންތަނާއި ދުވާތަންތަނަށް މިލިއަނުން ރުފިޔާ ޚަރަދުކުރުމަށްވުރެ މިވަގުތު މުހިއްމީ ދިރިއުޅޭ ވެއްޓެވެ. އާއިލާއާއި ގާތްމީހުންގެ ރައްކާތެރިކަމެވެ.

އިގްތިސާދީ ދުޅަހެޔޮކަން: ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އެންމެ އިހުގައި ބިނާކުރެވުނީ މަސްވެރިކަމާއި ދަނޑުވެރިކަމަށެވެ. މަސްބޭރުކުރުމާއި ދަޅުގައި މަސް ބަންދުކުރެވެން ފެށުމުން ދިވެހި އެކްސްޕޯޓް ކުރުމެއް ފެށިގެންދިޔައެވެ. ނަމަވެސް 80 ގެ އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަން ތަޢާރަފް ވުމުން މަސްވެރިކަމުގެ ބަދަލުގައި އިގްތިސާދީ މައިނާރުކަމުގައި ވެގެންދިޔައީ ފަތުރުވެރި ކަމުގެ ސިނާއަތެވެ. އޮޑިދޯނިފަހަރު ބަނުމާއި ކަނޑާއި ވައިގެދަތުރު ކަމުގެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިކަމަށް ބެލެވުނަސް، އެފަދަ ގިނަ މަސައްކަތްތައް ގުޅިލާމެހިފައިވަނީ ފަތުރުވެރިކަމާއެވެ.

ހަމައެއާކު އިމްޕޯޓްކުރެވޭ މުދާގިނަވެ އާއްމު ދިރިއުޅުމުގެ ހުރިހާ ކަމެއް ބޭރުންގެނެވޭ މުދަލާއި ތަކެއްޗަށް ބަރޯސާވަމުންދިޔައެވެ. މީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް ފަދަ އަސާސީ ކާބޯތަކެތި ވެސް ހިމެނެއެވެ. އަދި ބޭހުން ފެށިގެން އެންމެ ފަހުގެ ފޯނާއި އައިނުވެސް ހިމެނެއެވެ. އެހެންކަމުން ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް އަޅާކަނޑާލުމުން ޑެފިސިޓް ގޮތުގައި އަހަރަކަށްފަހު އަހަރެއް ތަކުރާރުވާންފެށިއެވެ. ބޭރުގެ އެކިއެކި ޖާމާއަތްތަކާއި މާލީ އިދާރާތަކުގެ އެހީއާއި މަދަދުވެރިކަން އެކިސިފަސިފައިގައި ހޯދަން ސަރުކާރަށް ޖެހުނީ މިސަބަބަށްޓަކައެވެ. ވުމާއެކު، ލޯނު ނަގައި ދަރަނިވެރިވެގެން ޚަރަދުބަރަދު ހަމަޖެއްސުމުގެ ސަގާފަތެއް އުފެދި އާލާވަމުންދިޔައެވެ.

ކޮވިޑް19 ގެ މިޙާލަތުގައި އެންމެ ބޮޑަށް ފާޅުވި އެއް ހަގީގަތަކީ އެއްވެސް  ސިނާއަތެއް ރަންބިސް އަޅާކުކުޅުގެ ގޮތުގައި ހަދައިގެން ތިބެވެންނެތް ކަމެވެ. ބޮޑެތި ވިޔަފާރީގެ ހަގީގީ ބަލަދުވެރިކަން ރާއްޖޭން ބޭރަށް ގޮސް އޮބާލާފައިވުމުން ދިވެހިންނަށް އެ މަސައްކަތްތަކުން ލިބިދޭންޖެހޭ ލާބަޔާއި މަންފާ އަދި ރައްކާތެރިކަން ޔަގީންވެފައި ނެތްކަންވެސް ސާފުވިއެވެ. އަދި އަމިއްލަ އުފެއްދުންތެރިކަން ދޫކޮށްލައިގެން އަމުދުން ތިބެވެންނެއްކަން މިވަނީ ކަށަވަރުވެފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ނެތްކަމުގެ އިހްސާސް ކުރަންޖެހެނީ ކާބޯތަކެތީގެ ޔަގީންކަމާމެދު ސުވާލުއުފެދި، ތެލުގެ އަގު ބޮޑުވެދާނެ ކަމުގެ ނުތަނަވަސްކަން ވެރިވެ އިގްތިސާދީ ހުއްޓުމަކަށް ގައުމުދާން ޖެހިދާނެ ކަމުގެ ބިރުހީވުމުންނެވެ.

މި ހާލަތުގައި އިތުރު ލޯނު ނަގައި ކުރިޔަށް އޮތްޖީލު ތަކާ ހަމަޔަށް އެކަމުގެ ބުރަ ވާރުތަ ވިޔަނުދިނުމުގެ ވިސްނުން އިސްކުރަންޖެހެއެވެ. މިކަން ކުރެވޭނީ މިހާރު ކުރާތަން ފެންނަ 2 ބާވަތެއްގެ ޚަރަދެއް ހުއްޓުވިގެންނެވެ. އެއީ އިސްރާފު ޚަރަދާއި ނަތީޖާ ނުނެރެވޭ ޚަރަދުތަކެވެ. މީގެ ތެރޭގައި ގިނައީ ހިތްހަމަޖައްސައި ދިނުމުގެ (ވޯޓު ހޯދުމުގެ ބޭނުމަށް ކުރެވޭ) އުފެއްދުންތެރިނޫން ޚަރަދާއި، ދައުލަތް މަތިބަރުކޮށް ހިނގުމުން ކުރެވޭ ޚަރަދުތަކެވެ. ވައްކަމާއި ފަސާދަޔާއި ކޮރަޕްޝަނުގެ ތެރެއަށް ވަދެ ގެއްލިގެންދާ ފައިސާވެސް މީގައި ހިމެނެއެވެ. މި ހިސާބުގެ އަނެއްފުށަކީ ދައުލަތަށް ލިބެންޖެހޭ އެކަމަކު ނުލިބިވާ ފައިސާއެވެ. މި އަދަދުތައްވެސް “ދޭންޖެހުމުން ދޭން” ތިބި އިއްޒަތްތެރީން އަތުން ހޯދުމަށް މިޔަށްވުރެ ވަކި މުނާސިބު ވަގުތެއް ނުވެއެވެ. ދަރަނިވެރިވުމަށްވުރެ މިގޮތުގެ ފައިދާ މާ މޮޅުއިތުރެވެ. ‘ބޮޑުބޭބެ’ އެއްގެ ސިފައިގައި އައި.އެމް.އެފް. އައިސް ދިނަސް ބަލައިގެން ކެއުން އޮތީ ކާމީހާގެ އަތްމަތީގައެވެ. ސަބަބަކީ “ހިލޭ ލިބޭ ނާސްތާއެއް” މި މުޅިދުނުޔޭގައި ނުވެޔޭ ބުނާ ބުނުމެއް މުޅިދުނިޔެ އިސްތިއުމާރުކުރި ބައެއްގެ މުހާވިރާގައިވެސް އައިސްފައިވުމެވެ.

އެއްއިރެއްގައި މި ދިވެހިރާއްޖެއަކީ މީސްކޮޅާއި ވަސީލަތް މަދު ތަނެއްގޮތުގައި ސިފަކުރެވުނަސް ހަގީގަތަކީ ދިވެހިރާއްޖޭއަކީ ނަސީބުވެރިންނަށް ނޫނީ މިންވަރުނުވާނެ ޚާއްސަ އެތައް ވަސީލަތްތަކެއް ލިބިފައިވާ ގައުމެއް ކަމެވެ. އޭގެ ތެރެއިންވެސް އެންމެ ޚާއްސައީ ދިވެހިންގެ އެއްބައިވަންތަކަމާއި ހިތްވަރެވެ.  ޖުމްލަގޮތެއްގައި މި ކަންތައްތައް ކުރުމުގެ ކުޅަދާނަކަން ދިވެހި ދައުލަތަށް ލިބިގެންވެއެވެ. އިތުރު ކުރަންޖެހޭ މާއްދާއަކީ ސިޔާސީ ހިއްވަރެވެ.

Advertisements