ލިޔުއްވީ: އައްޝައިޚް ޢަބްދުﷲ ޙާމިދު
މާތް ﷲ ވަނީ ބައެއް މަސްތައް އެހެން މަސްތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި ބައެއް ދުވަސްތައް އެހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އެގޮތުން މާތް ﷲ ވަނީ ހުކުރުދުވަސް، ހަފްތާގެ އެހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވާފައެވެ.
އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ" (ޞަޙީޙް މުސްލިމް) މާނައީ: "އިރު އެދުވަހެއްގެ މައްޗަށް އަރާ އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު ހެއްދެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި ހަމައެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ. އަދި ހުކުރުދުވަހުގައި މެނުވީ ޤިޔާމަތް ޤާއިމްނުވާހުއްޓެވެ".
އަދިވެސް އެތައް ޙަދީޘްފުޅުތަކެއްގައި އެދުވަހުގެ މާތްކަން ބަޔާންވެގެން އައިސް ފައިވެއެވެ. އައުސް ބިން އައުސް(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ". (ރިވާކުރެއްވީ އަބޫދާއޫދު 1047- އަލްއަލްބާނީ ޞައްޙަކުރައްވާފައި) މާނައީ: "ހަމަކަށަވަރުން ދުވަސްތަކުގެ ތެރެއިން އެންމެމާތް ދުވަހަކީ ހުކުރުދުވަހެވެ. އެދުވަހު އާދަމުގެ ޢަލައިހިއްސަލާމް ހެއްދެވުނެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ހަމަ އެދުވަހުއެވެ. އަދި ތާޅަފިލި ފުއްމެވޭނީވެސް އެދުވަހުއެވެ. އަދި ޤިޔާމަތްވާނީ ވެސް ހަމަ އެދުވަހުއެވެ".
ނޯޓް: ލިޔުމުގެ އަސްލު ނެގިފައި ވަނީ "އިލްމް.ކޮމް" އިންނެވެ.