ކޮވިޑް-19 ގެ މި ޙާލަތުގައި މާލީވުޒާރާގެ ދައުރު

0

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ދެމުން ގެންދިޔަ ނަސޭހަތްތަކާއި އިންޒާރުތަކުގެ ރަނގަބީލު ކެނޑި ފުރަބަންދުގެ ނާއުއްމީދީ ހަމަހިމޭންކަން މިވަނީ ގައުމު ވަށައިލައިފައެވެ.

މާލޭއާއި ރާއްޖޭގެ އެކިހިސާބުތަކުގައި ވައިރަސް ފެތުރެން ފެށުމާއެކު ‘ކޮމިއުނިޓީ ސްޕްރެޑް’ އެއް މައިތިރިކުރުމަށް އޮންނަ ހަމައެކަނި ގޮތަކީ މުޅީން އެކަހެރިކަމުގައި ގޭގައި ތިބުން ކަމަށްވާތީ، އެ އުނދަގޫ ނިންމުން އެޗް.ޕީ.އޭ އިން ނިންމީ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރު އެނގިތިބެއެވެ. އިތުރު އެހެންގޮތެއް ނެތިގެންނެވެ.

Advertisements

މިކަން އެންމެ ރަނގަޅަށް ދެނެވަޑައިގެން ހުންނެވީ ގައުމުގެ ވަލިއްޔުލް އަމްރެވެ. އެމަނިކުފާނު ގައުމާ މުޚާތަބް ކުރެއްވުމުގައި އަޑުގައި ހުރި މާޔޫސްކަމާ މޫނުފުނުގައި ހުރި ނުތަނަވަސްކަން ފެނި ރައްޔިތުންގެ ގިނަބަޔަކުވެސް ހިތާމަކުރިއެވެ. އެހެނަސް ވައިގެ ބަނދަރު ބަންދުކުރިނަމައޭ، ފަތުރުވެރިން ހުސްކުރެވުނު ނަމައޭ، ގައިދުރުކަން ދެމެހެއްޓުނު ނަމައޭ ހިތާހިތުން ކިޔާލެވުނަސް ވަގުތުމިވަނީ ފާއިތުވެފައެވެ. މިހާރުމިވަނީ ފުރަބަންދުގައެވެ. ފުރަބަންދުގައި ތިބެން ޖެހުމަކީ ވެސް ކޮރޯނާ ވައިރަސް ޖެހުމަށްވުރެ ވަކި ސަހަލު ކަމެއްނޫނެނެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވަނީ އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ވިޔަފާރިތައް ވަނީ އިނދަޖެހުމަކާ ކައިރިވެފައެވެ. މި ދަތިކަމުން އަރައިގަތުމުގެ މަސްއޫލިއްޔަތު މަތިވެފައިމިވަނީ ސަރުކާރުގެ މާލީ ވުޒާރާއަށެވެ.

މާލީ ވަޒީރު އިބްރާހިމް އަމީރުގެ ވިސްނުންފުޅު ހުރިގޮތާއި އަމަލުކުރަން ގަސްތުކުރައްވާ ގޮތް ވަރަށްގިނަ މީހުން އެނގެން ބޭނުންވެފައި ތިއްބެވެ. މަސައްކަތްތެރިންގެ ޙައްގު އުޖޫރަ ލިބޭނެތޯ އާއި ވަގުތީ އެހީ ލިބޭނޭކަމާ މެދުގައެވެ. ބެންކުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްގެންވެސް ގެދޮރުގެ ކުލިކުޑަކުރެވޭނެ ކަމާމެދުގައެވެ. އަދި އެކިކަންކޮޅުތަކުގައި ފެށެންހުރި ތަރައްގީގެ މަޝްރޫއުތަކަށްވާނެ ގޮތަކާމެދު ގައްޔާއި ސަރުކާރުގެ ބިލްތައް ދެއްކޭނެކަމާ މެދުގައެވެ. މި ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައީ ދައުލަތުގެ ޚަރަދުބަރަދު ބަލަހެއްޓުމާބެހޭ ގާނޫނުގެ ބަޔަކަށް ވަގުތީގޮތުން އަމަލުކުރުން ހުއްޓާލުމަށް އެދި މި ހިނގާ އޭޕްރީލް މަހުގައި އެމަނިކުފާނު ރައްޔިތުންގެ މަޖްލީހުގައި އެދުނު ހިސާބުންނެވެ. އަޑުއަހަން ކިތައްމެ ބޭނުންނުވިޔަސް އެނގިގެންދިޔަ ހަގީގަތަކީ ދައުލަތްއޮތީ ވަރަށްބޮޑު ފައިސާގެ ތާށިވުމެއްގައި ބަނދެވިފައިކަމެވެ. ޚަރަދުތައް ބޮޑުވެފައިވަނިކޮށް ލިބޭނޭކަމަށް އަންދާޒާކުރި އާމްދަނީވެސް ނުލިބި، މިއަދާ މާދަމާ ހޭދަކުރާނެ ފައިސާވެސް އަތްމަތީ ނެތްހާ ކަމުން “ކޭޝްފްލޯ” ހޯދުމަށް ޖެހިފައިވާ ކަމެވެ.

މި ހިސާބުން ކިޔުންތެރިންނަށް ސާފުވާންޖެހޭ ކަމަކީ މި ހޯދަންއުޅޭ ‘ކޭޝްފްލޯ’ އަކީ އޭގެ ޒާތުގައި ޒަވިއެއްޗެއް ނޫންކަމެވެ. އެހެނީ ކޭޝްފްލޯއަކީ އެކި ބޭނުންތަކަށް އަތްމަތީ ގެންގުޅޭ ފައިސާއެވެ. ޚަރަދުކުރުމުން މަދުވެފައި އާއްމުދަނީ ލިބުމުން އިތުރުވާ އެއްޗަކީ އެޔެވެ. ނަމަވެސް ހަގީގީ އަސްލު މާލީ ޙާލަތު އެކަށައެޅެނީ ދަރަންޏާއި، ނަގާފައިވާ ލޯނުތަކަށް ކުރިޔަށް އޮތްތާނގައި ދައްކަންޖެހޭ އަދަދުތަކާއި، އިގްތިސާދި ކުރިމަގު އޮތްނެތްގޮތް ވެސް ކޭޝްފްލޯއާއި އެކު ކިރާލުމުންނެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި މާލީވަޒީރު އެދިލައްވާ ގޮތަކަށް ހިފެހެއްޓުމެއް ނެތް “ބްލޭންކް” ޗެކެއް ދިނުމުގައި މަޖްލީހުން ފާރަވެރިވާންޖެހެއެވެ. އަދި ރައްޔިތުން ސަމާލުވާންޖެހެއެވެ. ސަބަބަކީ އިތުރުވާ ބަޔަށް ދައްކަންޖެހޭ ފައިސާ ފަހުން އެކި ސިފަސިފައިގައި ދައްކަންޖެހޭނީ ޓެކްސްދައްކާމީހުން ކަމުންނެވެ. ނުވަތަ ވާރުތަވާނީ ރައްޔިތުންގެ ފަހުގެ ޖީލުތަކަށް ކަމުންނެވެ.

މި އޭޕްރީލް މަހު މާލީ ވުޒާރާއިން އެކުލަވާލި ކަރުދާހުގެ އެކި ސިނާރިއޯތަކުގައިވެސް ޔަގީންވާކަމަކީ ރާއްޖޭގެ އިގްތިސާދީ ގޮތުން ދަށަށްދާނެކަމެވެ. މިކަމަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ދިމާވާނެ ޙާލަތަކަށްވިޔަސް ރާއްޖެފަދަ ގައުމަކަށް ކުރާ އަސަރު ބޮޑުތަނުން އިތުރުވާނެކަމަށް ވަޒީރު ލަފާކުރައްވައެވެ. ފަތުރުވެރިކަންފަދަ ސިނާއަތްތަށް އަޑިއަޅާލުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ކުޑަވިޔަސް ބިޔަބޮޑު ޑެފިސިޓް ބަޖެޓެއް އޮތުމުންނާއި ދަރަނި އަނބުރާ ދެއްކުމާއި “އެހެނިހެން” ޚަދަރުތައް ކުޑަނޫން ކަމުން، އުފެއްދުންތެރިކަމުގެ ނިސްބަތް %12.3 އާއި %17.3 ގެ މިނެއްގެ އަދަދުން ދައްވާނެއެވެ. މިކަން މިގޮތަށް އޮތްނަމަވެސް ކުރިޔަށް އޮތް 3 މަހު ދައުލަތުގެ ޚިދުމަތްތައް ދަމަހައްޓަން 4.2 ބިލިއަން ރުފިޔާ ބޭނުންވެފައިވެއެވެ.

ސުވާލަކީ އާއްމުދަނީއާއި ޚަރަދުގެ ފަރަގު މިހާބޮޑަށް އޮއްވާ ދެން ހެދޭނެގޮތެކެވެ. ލޯނުނަގަނީ ސީދާގޮތުން އުފެއްދުންތެރި ނޫން ބޭނުމަކަށްނަމަ އިންޓްރެސްޓާއެކު ދައްކަން ތަކްލީފަކަށްވެއެވެ. މިހާރުވެސް ޓީ-ބިލުވިއްކަމުންދާ އިރު، މަރުކަޒީ ބޭންކުގައިވާ ރިޒާވުން އޯވާޑްރާފްޓް ކޮށްފިނަމަ އިންފްލޭޝަން (ތަކެތީގެ އަގު އުފުލޭމިންވަރު) މަތިވެ ފައިސާގެ އަގުދައްވެދާނެ ކަމުގެ ސީދާ ނުރައްކާވެސް އެބައޮތެވެ. އޯވާޑްރާފްޓް ކުރުމީ ނުރަސްމީ ސިފައެއްގައި ފައިސާ ޗާޕުކޮށްގެން ނެރުމާއި އެތްގޮތްކަމެއް ކަމަށް ސިފަކުރެވެނީ އެއްކަހަލަ ނަތީޖާތައް އެކަމުން ނިކުންނާތީއެވެ. އެގޮތުން ޒިންބާބްވޭ ފަދަ ގައުމުތަކުގައި އެގައުމުގެ ހަގީގީ ކެރިފޯރުންތެރިކަމާ ގުޅުން ނެތްމިންވަރަށް ފައިސާޗާޕުކޮށް ނެރި “އަޅާލުމުން” ހަގީގީ މާނައިގައި ފައިސާގެ އަގުވީދަށެވެ. އާފަލެއް އެކަނި ގަންނަން ވީލްބަރޯއަކަށް އަޅައިގެން ފައިސާ ގެންދަންޖެހޭހާ އަގުވެއްޓިފައިވެއެވެ.

އެހެންކަމުން މާލީ ސިޔާސަތު ކަނޑައެޅުމުގައި ފަރުވާތެރިވުމުގެ ގޮތުން ރިސްކް އެސެސްމަންޓު ނުވަތަ ނުރައްކާއޮތް މިންވަރު ބަލަންޖެހެއެވެ. ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެ މަތިހަށިދަމާލުމަށް ސީދާ އެހީ މެދު ރާސްތާގައި ބޭނުންވެއެވެ. ރައްޔިތުން ކާރިސާގެ މިދަނޑިވަޅުގައި އެދިގޮވަނީ މަސައްކަތް ކުރެވޭނޭ މަގު ހޯދައިދިނުމަށެވެ. ފުރުސަތު ލިބިއްޖެނަމަ ކުރަން ކެރޭނެކަމަކެވެ. އެހެންކަމުން މާލީއިދާރާއިން ތަފާތު ފިޔަވަޅުތަކެއް އެޅުމީ ކުރެވިދާނެ ކަމެކެވެ. 3 މަހަށް 4.2 ބިލިއަން ރިޒާވުން ނެގުމުގެ ބަދަލުގައި ތިރީގައިވާ ގޮތްތައްވެސް އަޖުމަ ބެލިދާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ މިވަގުތު އަޑިއަޅާލައިފައި އޮތް ނަމަވެސް އެކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކަކީ ޖީބުފުން، ބޮޑެތި އިންވެސްޓްކޮށް، ހަރުމުދަލެއްގެ ގޮތުގައި ތަންއަގުކޮށް ފައިނޭންސިންގް ހޯދާ، ފައިތިލަ ސާބިތުކޮށްފައިވާ ކުންފުނިތަކެވެ. ފަތުރުވެރިކަމަށް ރާއްޖެއަށް އޮތް ޑިމާންޑް ނުގެއްލޭ ކަމުން، އެ ކުންފުނިތައް މި ގައުމުގެ ވަސީލަތްތައް ބޭނުންކުރަމުން ގެންދަން އެދެއެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިމެޖަންސީ ސީ.އެސް.ރު ގާނޫނެއްގެ ދަށުން އެ ވަސީލަތްތައް ބޭނުންކުރުމުގެ މުގާބިލެއްގޮތުގައި އިގްތިސާދަށް ‘އިންޖެކްޓް’ ކުރުމަށް ފައިނޭންސިންގް ހޯދިދާނެއެވެ. އެވަރު ކުރެވެން ނެތް ނަމަ، މިގާނުނުގެ ދަށުން އެފަދަ ވަސީލަތްތައް ‘ނެޝަނަލައިޒް’ ކުރެވެން އޮންނަންޖެހެއެވެ.

އިމްޕޯޓު ކުރެވޭ މުދަލަށް ބަރޯސާ ކުރުން ރެއާދުވާލެއް ތެރޭގައި ހުއްޓާލެވެން ނެތަސް، އިމްޕޯޓު މުދާ އެތެރެކޮށް ބޭނުންކުރާ ގޮތާ މިންވަރަށް ބަދަލުގެނައުމަށް ‘ލަގްޒަރީ ގުޑްސް’ ނުވަތަ ‘ނޮންއެސެންޝަލް އައިޓެމް’ ޓެކުހެއް އިމްޕޯޓު ޑިއުޓީގެ އިތުރުން ހިމެނިދާނެއެވެ. އެގޮތުން ފެންވަރުމަތީ ކާރާއި ސީސީމަތި ސައިކަލާއި، ޔޮޓު ސަފާރީ  ފަދަ އުޅަނދުތަކާއި ފެންވަރުމަތީ އެލެކްޓްރޯނިކްސް އާއި ފަރުނީޗަރުން މި ޓެކްސް ނެގުމުގެ ނަތީޖާއަކަށްވާނީ ދައުލަތަށްލިބޭ އާމްދަނީ އިތުރުވުން ނުވަތަ އެފައިސާ އުފެއްދުންތެރި ބޭނުމަކަށް މިސްރާބު ބަދަލުކުރެވުމެވެ.

އިމްޕޯޓު ކުރާ މުދަލަކީ އުފެއްދުންތެރިކަމުގެ ބޭނުމަކަށް މިސާލަކަށް ކާރުޚާނާ ހިންގުން، ދަނޑުގޮވާންކުރުން، އިމާރާތްކުރުން ފަދަ ސިނާއީ މަސައްކަތަށް ގެންނަ އާލާތެއްނަމަ އަދި އެކަމުގެ ސަބަބުން ވަޒީފާ އުފެދި އުފެއްދުންތެރިކަން އިތުރުވާނަމަ، ހަމަޖައްސާ އުސޫލެއްގެ ދަށުން ޑިއުޓީ މާފުކުރެވިދާނެއެވެ.

ސަރުކާރުން ހިނގާ އެއްފަސްކުރުމާއި، ބަނދަރުހެދުމާއި، ބުރިޖު އެޅުމާއި، އުސް އިމާރާތް ކުރުން ފަދަ ބޮޑެތި އުމްރާނީ ތަރައްގީ ގެ މަޝްޜޫޢުތައް މިވަގުތަށް މަޑުޖައްސާލައި އެފައިސާ ޒަރޫރީކަންކަމަށް ހޭދަކުރެވިދާނެއެވެ. ކޮންމެހެން އެފަދަ މަޝްރޫޢެއް ހިންގަންޖެހިއްޖެ ޙާލަތެއްގައި ދިވެހި މަސައްކަތްތެރީންނަށް އެކަމުގެ ސީދާނަފާ ލިބޭ އުސޫލާކުން ކުރެވިދާނެއެވެ. މިސާލަކަށް ބިދޭސީ ލޭބަރުން ބޭނުންކުރުމުގެ ބަދަލުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާނޭ ދިވެހިންގެ އިންތިޒާމް ހަމަޖައްސަން ކޯޕަރޭޓިވް އެއް އުފެއްދިދާނެއެވެ.

ސަރުކާރުގެ ހިންގުމުގެ ޖުމްލަ ޚަރަދަކީ ކުޑަގައުމަކަށް އެކަށީގެންނުވާ އިތުރަށް ކުރެވެން ނެތް ޚަރަދެއްކަމަށްވާތީ މަޖްލީސް މެންބަރުންނާއި ސިޔާސީ މަގާމްތަކުގެ މުސާރަ %35-%30 ގެ އަދަދަކުން ކުޑަކޮށް ޙާލަތާގުޅޭ ގޮތުން އާއްމު މަސައްކަތްތެރިންނާ އެއްހަމަ ކުރެވިދާނެއެވެ.

މި ފަދަ ފިޔަވަޅުތަކެއް އެޅުމުގައި ވިސްނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ގައުމީ ޚިދުމަތެއްކުރުމެވެ. މި އަސާސްގެ ދަށުން ގާނޫނުވެސް، ގަވާއިދެއްވެސް އަދި އުސޫލެއްވެސް ހިނގޭނަމަ ކުރުމުއްދަތުގައި ތަކްލީފުތަކެއް ހުއްޓަސް ކުރިޔަށް އޮތް މުސްތަގްބަލް އުޖާލާކުރެވިދާނެއެވެ.

Advertisements