ރަސޫލާ ﷺ ގެ ސީރާ

0

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ ‘ރަހުމަތައްލިލްޢާލަމީން’ ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހަށް ތަރުޖަމާކުރީ އަޙުމަދު ފަޔާޟު ޙަސަންއެވެ.

 

Advertisements

ދެން ރަސޫލުﷲ ހަދީޘްކުރެއްވިއެވެ. ‘ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު ކުރިން މަނާކުރެއްވީމެވެ. އެކަމަކު ތިމަންކަލޭގެފާނުގެ މަންމަގެ މަހާނައަށް ޒިރާތްކުރަން ތިމަންކަލޭގެފާނު ﷲ ގެ އިޒުނަފުޅަށް އެދުނީމެވެ. އަދި މައިކަމަނާގެ މަހާނައަށް ޒިޔާރަތްކުރައްވުން ﷲ އެކަލޭގެފާނަށް ހުއްދަކުރެއްވިއެވެ. ވީމާ ތިޔަބައިމީހުން މީގެފަހުން މަހާނައަށް ޒިޔާރަތްކުރަން ތިމަންކަލޭގެފާނު ހުއްދަކޮށްފީމެވެ. އެއީ އެކަމުން މަރު މަތިން ހަނދާންކޮށްދޭނެތީއެވެ. މިކަމުން ލިބޭ ފިލާވަޅަކީ ﷲ ގެ ރުހިވޮޑިގަތުމާއި ނުލާ އެކަލޭގެފާނު އަމިއްލަފުޅަށް ކަންކަން ނުކުރައްވާކަމެވެ. އަދި މަހާނައަށް ޒިޔާރަތްކުރުން ހުއްދަވީ އެކަލޭގެފާނުގެ މައިކަމަނާގެ މަހާނައަށް އެކަލޭގެފާނު ޒިޔާރަތްކުރައްވަން ބޭނުންފުޅުވެގެންކަމެވެ.

ޢުމުރުފުޅުން ހައަހަރުގައި މައިކަމަނާ އަވަހާރަވުމުން ރަސޫލުﷲ މުޅިން ޔަތީމްވެވަޑައިގަތެވެ. އެހިސާބުން އެކަލޭގެފާނާއި ހަވާލުވެވަޑައިގަތީ ކާފައިކަލުން ޢަބުދުލްމުއްޠަލިބުއެވެ. ރަސޫލުﷲ އެކަލޭގެފާނުގެ ކާފައިކަލުން އަރިހުގައި ހޭދަކުރެއްވި ދުވަސްތަކުގެ މާގިނަ ވާހަކަތަކެއް ތާރީޚުން އެނގޭކަށްނެތެވެ. ބުނެވޭގޮތުގައި ގެފުޅާއި ޖެހިގެން ބިމަށްވުރެ އުސްކޮށް ޢަބުދުލްމުއްޠަލިބަށް ތައްޔާރުކޮށްފަ ހުންނަ ޚާއްޞަ ޖަގަހައެއްހުރެއެވެ. އެކަލޭގެފާނަކީ ޤުރައިޝުންގެ އެންމެ އިސްވެރިޔާކަމުގައިވާތީ އެކަލޭގެފާނު ހުރިހާ ބައްދަލުވުންތަކެއްގައި އިންނަވަނީ އުސްކޮށް ހުންނަ މިކުޑަކުޑަ ޕްލެޓްފޯމްމަތީގައެވެ. ކޮންމެ ދުވަހަކު ހަވީރު އެކަލޭގެފާނު މީސްތަކުންނާއި ބައްދަލުކުރައްވާނީ އެކަލޭގެފާނަށް ޚާއްޞަ ޖަގަހައިގައި އިންނަވައިގެންނެވެ. ރަސޫލުﷲ ފިޔަވައި އެހެން ކާފަ ދަރިކަލަކަށް އެކަލޭގެފާނުގެ ޖަގަހައިން ޖާގައެއްނުދެއްވައެވެ. އެއްދުވަހު ރަސޫލުﷲ ދުވެވަޑައިގެން އެތަނަށް އެރުއްވުމުން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން ޒުބައިރު އެކަލޭގެފާނު އެތަނުން ދުރުކުރަން އުޅުއްވުމުން އެކަލޭގެފާނު އެތަނުގައި ބޭންދުމަށް ޢަބުދުލްމުއްޠަލިބު އެންގެވިއެވެ.

ރަސޫލުﷲ އެކަލޭގެފާނުގެ ކާފައިކަލުން އަރިހުގައި ހުންނެވިއިރު ގެއްލުނު ޖަމަލުތަކެއް ހޯދަން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން އެކަލޭގެފާނު ފޮނުއްވިއެވެ. އިބުނު ސަޢުދު ބަޔާންކުރައްވާގޮތުގައި އެހާތުއްޕުޅު ބޭކަލަކު އެފަދަ ބޮޑުކަމެއްގައި ފޮނުއްވުނު މައިގަނޑު ސަބަބަކީ އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއްގައި އެކަލޭގެފާނު ކާމިޔާބު ހޯއްދަވާފައިވުމެވެ. ޔަޢުނީ އެކަލޭގެފާނާއި ހަވާލުކުރެވުނު ކޮންމެ ކަމެއް ފުރިހަމައަށް ކުރައްވާފައިވުމެވެ. އެދުވަސްވަރު ޖަމަލަކީ ވަރަށް އަގުހުރި މުދަލެކެވެ. ޖަމަލެއް ގެއްލުމަކީ އޭގެ ވެރިންނަށް ދޫކޮށްލައިގެންތިބެވޭވަރަށްވުރެ ބޮޑުކަމެކެވެ. އެހެންވެ ރަސޫލުﷲ ގެ ބޮޑުބޭބޭކަލުންނަށް ޖަމަލުތައް ނުފެނުމުން އެކަލޭގެފާނާއި މިކަން ހަވާލުކުރެއްވީއެވެ.

ރަސޫލުﷲ ޖަމަލު ހޯއްދަވަން ވަޑައިގަތްގޮތަށް އެނބުރި ވަޑައިނުގަނެ ވަރަށްގިނަ އިރުވިއެވެ. މިކަން ޢަބުދުލްމުއްޠަލިބަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަރަށްބޮޑަށް ކޯފާވިއެވެ. އަދި ދަރިދަރިކަލުންނަށް އެންގެވިގޮތުގައި އެބޭކަލުންކުރެއްވި ކަމަކީ ކޮށްގެންވާޒާތުގެ ކަމެއްނޫނެވެ. ރަސޫލުﷲ އެނބުރި ވަޑައިގަތް އިރު އެކަލޭގެފާނު ލަސްވެގެން އިންތިޒާރުގައި ކާފައިކަލުން އިންނެވިއެވެ. ރަސޫލުﷲ ފެނިވަޑައިގަތުމާއެކު އެކަލޭގެފާނު ގައިކޮޅުގައި ބައްދަވާފައި ވިދާޅުވީ ދެން އެކަލޭގެފާނުގެ ލޯމަތިން ކާފަދަރިކަލުން ގެއްލިގެން ނުވާނެކަމަށެވެ. މިކަމުން އެނގެނީ ޢަބުދުލްމުއްޠަލިބުގެ ހިތްޕުޅުގައި އެކަލޭގެފާނަށް އޮތް ލޯތްބެވެ.

މާގިނަ ދުވަހެއް ނުވެ ޢަބުދުލްމުއްޠަލިބު އަވަހާރަވެއްޖެއެވެ. އޭރު ރަސޫލުﷲ ގެ އުމުރުފުޅަކީ އަށް އަހަރެވެ. މިއީ އެކަލޭގެފާނު ޔަތީމުވީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޔަތީމުވީ ބަފައިކަލުން ނެތުމުންނެވެ. ދެވަނަ ފަހަރަށް ޔަތީމުވީ މައިކަމަނާ އަވަހާރަވުމުންނެވެ. އިބުނު ސަޢުދު ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ގެ ޙަދީޘްފުޅެއްގައިވެއެވެ.

ރަސޫލުﷲ އަރިހުގައި، ކާފައިކަލުން ހަނދުމަފުޅުގައި ހުރޭތޯ ޞަހާބީއަކު އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘ތިމަންކަލޭގެފާނުގެ ހަނދުމަފުޅުގައި ކާފައިކަލުން އެބަަހުރި. އެކަލޭގެފާނު އަވަހާރަވީ ތިމަންކަލޭގޭފާނުގެ އުމުރުފުޅުން އަށް އަހަރުގަ’.

ޢަބުދުލްމުއްޠަލިބު އަވަހާރަވުމުގެ ކުރިން ރަސޫލުﷲ ބެލެހެއްޓެވުން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން އަބޫޠާލިބާއި ހަވާލުކުރައްވައި އެކަމަށް ވަސިއްޔަތްކުރެއްވިއެވެ. ބޮޑުބޭބޭކަލުންގެތެރެއިން އަބޫޠާލިބާއި އެކަލޭގެފާނު ހަވާލުކުރެވުނު ސަބަބެއްކަމުގައި ބެލެނީ އަބޫޠާލިބަކީ އެކަލޭގެފާނުގެ ބަފައިކަލުން ޢަބުދުﷲ ގެފާނާއި އެއްބަނޑު ބޭކަލަކަށްވުމެވެ. ރަސޫލުﷲ ބޮޑުފުޅުވީ އަބޫޠާލިބުގެ އަރިހުގައި ހުންނަވައެވެ. އަބޫޠާލިބު އަވަހާރަވީއިރު ރަސޫލުﷲ ހުންނެވީ އުމުރުފުޅުން ފަންސާހުން މަތީގައެވެ.

ވިސަނައިލުންހުއްޓެވެ. ﷲ އިރާދަފުޅުން ރަސޫލުﷲ ތިން ފަހަރަށް ޔަތީމުވެވަޑައިގަތެވެ. ޅަފަތުގައި މިހާގިނަ އިމްތިހާންތައް އެކަލޭގެފާނާއި ﷲ ކުރިމަތިކުރެއްވީސަބަބުތަކާއިލައިގެންނެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކަމުގެ ޙިކުމަތްތައްގިނައެވެ.

ކީރިތި ޤުރްއާނުގައި މޫސާގެފާނާއި ގުޅޭގޮތުން ﷲ ވަޙީކުރައްވައެވެ.

އާޔަތް ވަސްތަނައުތުކަ ލިނަފުސީ …

ކަލޭގެފާނު ބެލެހެއްޓެވީ ތިމަން ﷲ. …

އެގޮތަށް ރަސޫލުﷲ ޔަތީމްވުމުން އެނގެނީ އެކަލޭގެފާނު ބެލެހެއްޓެވީ ﷲ ކަމެވެ. ޔަތީމުވުމުން ވަރަށްގިނަ ރިވެތި މާތް ސިފަތައް މީހާއަށް ލިބެއެވެ. އެފަދަ ސިފަތައް އެންމެ މުހިންމުވާ ބޭކަލަކީ ރަސޫލުﷲ އެވެ. ޔަތީމުވުމުން މީހާއަށް މިނިވަންކަމާއެކު އުޅެން ދަސްވެއެވެ. މީހާ ތަޞައްރަފުފުދޭލެއްއަވަހެވެ. އަދި އެމީހަކަށް އަވަހަށް ބުއްދިލިބެއެވެ. ރަސޫލުﷲ ޔަތީމުވުމުން މިހުރިހައި ސިފަތަކެއް އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here