ރަސޫލާ ﷺ ގެ ސީރާ

0

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ ‘ރަހުމަތައްލިލްޢާލަމީން’ ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހަށް ތަރުޖަމާކުރީ އަޙުމަދު ފަޔާޟު ޙަސަންއެވެ.

 

Advertisements

ރަސޫލުﷲ ތުއްޕުޅުއިރު ބޮޑުބޭބެ އަބޫޠާލިބު އަރިހުގައި ޝާމް ކަރައަށް ދަތުރުފުޅެއްކުރެއްވިއެވެ. މިދަތުރުކުރެވުނީ އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް އެގާރަ އަހަރުގައެވެ. މިދަތުރުފުޅުގައި އަބޫބަކުރުގެފާނާއި ބިލާލުގެފާނުވެސް ބައިވެރިވެވަޑައިގަތެވެ. ޝާމްކަރައަށް ކުރެއްވި ދަތުރުގެ މަގުމަތީގައި އެބޭކަލުންގެ ގާފިލާ ފައްޅިއަކާއި ހަމަކުރިއެވެ. މިފައްޅީގައި ރާހިބަކު ދިރިއުޅުނެވެ. އޭނާގެ ނަމަކީ ބުޙައިރާއެވެ. މިރާހިބު ދުވަހަކުވެސް ގާފިލާއެއްގައި ދަތުރުކުރި މީހަކާއި ބައްދަލެއްނުކުރެއެވެ. އެކަމަކު މިފަހަރު އޭނާ އިސްވެ މިގާފިލާއާއި އިސްތިގުބާލުކޮށް ޖާފަތަކަށް ދައުވަތުދިނެވެ. މިކަމާ ކޮންމެވެސް ވަރަކަށް ހައިރާންވެ އެބެއިކަލުންނަށް ބުޙައިރާ އިސްތިގުބާލުކުރި ސަބަބު އެބޭކަލުން އައްސަވައިފިއެވެ. ޖަވާބުގައި ބުޙައިރާ ބުނީ ގާފިލާގައި ހުންނެވި ކުޑަ ކުއްޖަކީ ނަބީ ބޭކަލަކަށްވާނެ ކުއްޖެއްކަމުގައެވެ. އަދި އޭނާ އިތުރަށް ބުނިގޮތުގައި ރަސޫލުﷲ އަށް ވިލާތަކާއި ގަސްތައް ހިޔާދޭތަން އޭނާއަށް ފެނުނުއެވެ. އަދި ހިލަތައް އެކަލޭގެފާނަށް ސަޖިދަޖަހަނިކޮށް އޭނާއަށް ފެނުނެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ބެލެހެއްޓެވުމަށް އަބޫޠާލިބަށް އޭނާ ވަސިއްޔަތްކުރެއްވިއެވެ. އެބެއިކަލުން ފަރިއްކުޅުއްވަމުން ގެންދެވިއިރު ރޫމީ ހަނގުރާމަވެރިންގެ ހަތް މީހަކު އެހިސާބަށް އައެވެ. އެމީހުންގެ ބޭނުމަކީ ރަސޫލުﷲ ހޯދައި އެކަލޭގެފާނު ގަތުލުކުރުމެވެ. އެވަގުތު ބުޙައިރާ އެބޭކަލުންތައް ފޮރުވިއެވެ. އަދި ހަނގުރާމަވެރިން ދިއުމުން ބުޙައިރާ އަބޫޠާލިބަށް އެންގެވި ދަތުރުހުއްޓަވާލައްވާފައި އެނބުރި އަވަހަށް މައްކާއަށް ވަޑައިގަތުމަށެވެ. ދެން އަބޫޠާލިބު ހެއްދެވިގޮތަކީ އަބޫބަކުރާއި ބިލާލުގެ ހަވާލުގައި އެކަލޭގެފާނު މައްކާއަށް ފޮނުއްވީއެވެ.

މިވާހަކައިގެ ޞައްޙަކަމާއި މެދު ސީރާގެ ގިނަ ޢިލްމުވެރިންގެ ޚިލާފެއްނެތެވެ. އެކަމަކު އިމާމުއްޒަހަބީއާއި އިބުނު ކަޘީރުއާއި އިބުނު ސައްޔިދުއްނާސް ވިދާޅުވާގޮތުގައި މިވާހަކަ މުޅިއަކުން ރަނގަޅެއްނޫނެވެ. އެބަހީ މިވާހަކައިގައި ހަމަނުޖެހޭ ކަންކަން އެބަހުރިއެވެ.

އިމާމުއްޒަހަބީގެ ރައުޔުގައި މިއީ ގަބޫލުނުކުރެވޭނެ ވާހަކައެކެވެ. އޭނާ ބަޔާންކުރައްވާގޮތުގައި އޭރު އަބޫބަކުރުވާނީ ރަސޫލުﷲ ފަދައިން ކުއްޖަކަށެވެ. އަދި އޭރު ބިލާލުގެފާނު އުފަންވެސްނުވާނެއެވެ. އިމާމުއްޒަހަބީ ވިދާޅުވާގޮތުގައި ވިލާތަކުން އެކަލޭގެފާނަށް ހިޔާދޭކަމަށްވާނަމަ ގަސްތަކުން އެކަލޭގެފާނަށް ހިޔާ ދޭކަށްނުޖެހެއެވެ. މިއީ ހިނގިކަމަކަށް ވީނަމަ، ރަސޫލުﷲ ދީނަށް ގޮވައިލެއްވިއިރު އަބޫޠާލިބު އަރިހުގައި މިވާހަކަ ދެންނެވީހެވެ. އަދި އެކަލޭގެފާނު ރަސޫލަކަށްވުމުން ޤުރައިޝުންނަށް އެކަން ހަޖަމްނުވި ސަބަބުވެސް އިމާމުއްޒަހަބީ ފާހަގަކުރެއްވިއެވެ. އަނެއްކޮޅުން ޖިބުރީލްގެފާނު ވަޙީއާއިގެން އެކަލޭގެފާނު އަރިހަށް ވަޑައިގަތުމުން އެކަންވެސް އެކަލޭގެފާނަށް އެނގިވަޑައިނުގަތް ސަބަބުވެސް އިމާމުއްޒަހަބީ ފާހަގަކުރެއްވިއެވެ.

ޢައިރު މުސްލިމު ޢިލްމުވެރިންނާއި ދިރާސާކުރާ މީހުންނަށް މިވާހަކައިން އެމީހުން ބޭނުންވާ ހަމަނުޖެހޭ ބައިލިބިދެއެވެ. އެމީހުން ބުނާގޮތުގައި ރަސޫލުﷲ އަށް ޔަހޫދީންނާއި ނަޞާރާއިންގެ މައުލޫމާތު ލިބިވަޑައިގަތީ މިދަތުރުފުޅުގައި ބުޙައިރާގެ ފަރާތުންނެވެ. އެޒަމާނުގެ ޢަރަބީންނަކީ ޢިލްމީ ބައެއްނޫނެވެ. އެމީހުންގެތެރޭގައި ޔަހޫދީންނާއި ނަޞާރާއިންނެއް ނޫޅެއެވެ. އެހެންވެ ޔަހޫދީންނާއި ނަޞާރާއިންނާއި ކުރީގެ އުއްމަތްތަކުގެ ވާހަކައަކީ އަރަބީންނަށް އެނގޭ ވާހަކަތަކެއްނޫނެވެ.

ޤުރްއާނުން އާޔަތް …މާކުންތަ ތަތުލޫ މިން ގަބުލިހީ…

ތިލްކަ އަންބާއީ އިލައިކަ…

އެހެންވެ އިސްލާމް ދީން ގަބޫލުނުކުރާ ޢިލްމުވެރިން ދެކޭގޮތުގައި ރަސޫލުﷲ މިމައުލޫމާތު ހޯއްދަވަނީ ބުޙައިރާގެ ފަރާތުންނެވެ.

ޢިލްމީ ނަޒަރަކުން ބަލާއިރު ޢައިރު މުސްލިމް ޢިލްމުވެރިންގެ ވާހަކައިގައިވެސް އެއްވެސް ބުރަދަނެއްނުވެއެވެ. އެހެނީ ބައިގަޑިއެއް ހާއިރުން ނަބިއްޔުންނާއި ރަސޫލުންނާއި ކުރީގެ އުއްމަތްތަކުގެ ވާހަކަ ނުކިޔޭނެތީއެވެ. އެހެން ނޫނަސް އޭރު ރަސޫލުﷲ އަކީ ކުޑަ ކުއްޖެކެވެ. އެހުރިހާ ވާހަކައެއް ދެނެވަޑައިގަންނަވާނެ ބުއްދިއެއްވެސް އެކަލޭގެފާނުގެ ނުހުންނާނެއެވެ. ޢަރަބީންގެ ގާތަށް ޢިސްމާޢީލުގެފާނަށްފަހު ރަސޫލަކު ވަޑައެއްނުގަންނަވައެވެ. އެހެންވެ ނަބީކަމާއި ރަސޫލުކަމަކީ އެމީހުންނަށް އޭރު އެނގޭ މަފުހޫމެއްވެސް ނޫނެވެ. އެހެންވެ ޣައިރު މުސްލިމު ޢިލްމުވެރިން ރަސޫލުﷲ އާއިބެހޭގޮތުން ދައްކާފައިވަނީ ބުހުތާން ދޮގެވެ.

ފާޑުވެރި ނަޒަރަކުން ވިސްނާއިރު މިކަހަލަ ޚިލާފުހުރި ވާހަކަތައް ކިޔުނުގޮތަށް ބަލަންޖެހެއެވެ. އެގޮތަށް ބަލާއިރު ސީރާގައި މިފަދަ ވާހަކަތައް ހިމެނުނީ ޙަދީޘް ޢިލްމުވެރިން ޙަދީޘްގެ ޞައްޙަކަން ކަށަވަރުކުރައްވަން ގެންގުޅުއްވިފަދަ ރިވާގެ ޗޭނެއް ސީރާގެ ޢިލްމުވެރިން ގެންގުޅުއްވާފައިނުވާތީއެވެ. އެބަހީ ވާހަކައިގެ އަސްލު މަސްދަރާއި ހަމައަށް ސީރާ ޢިލްމުވެރިން ވަޑައިގެންފައިނުވުމެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here