ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެވަންސް މިވަގުތު ހަމަޖެހޭކަށްނެތް: މަހުލޫފް

0
މިނިސްޓަރ މަހުލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދެމުން ގެންދެވި އެލަވަންސް ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް މިހާރު ދިމާވެފައިވާ ޚާއްސަ ހާލަތުގައި ދެވެންނެތް ކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭގައި އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެލަވަންސް ނުލިބެނީ މިވަގުތު ޕްރެކްޓިސް ނުކުރާތީ ކަމަށެވެ. “މިވަގުތު ޕްރެކްޓިސް ނުކުރާތީ އަޅުގަނޑުމެން އަމަލު ކުރަމުންއައި އުސޫލުގެ ދަށުން އެކަން (އެލަވަންސް) ހަމަޖެހޭކަށްނެތް،” މިނިސްޓަރ ވިދާޅުވިއެވެ. އެކަން އެސޯސިއޭޝަންތަކާއި ގައުމީޓީމުގެ ކުޅުންތެރިންނަށް ގަބޫލުކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގައުމީޓީމުތަކަށް ކުޅޭ 328 ކުޅުންތެރިންނަށް ސަރުކާރުން މިހާރު އެލަވަންސް ދެމުން ގެންދަވައެވެ. އެކުޅުންތެރިންގެ އެލަވަންސަށް މަހަކު ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހޭދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisements

ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެއިން ކޮންމެ ކުޅުންތެރިއަކަށް (ވަކި ކުޅިވަރެއް ވަކި ޖިންސެއް ތަފާތު ކުރުމެއްނެތި) މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސެއް ދެއްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނެޝަނަލް ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ދެމުން އަންނަ އުސޫލަކީ ޕްރެކްޓިސްތަކަށް ހާޒިރުވާ ކުޅުންތެރިންގެ ހާޒީރީ އެ އެސޯސިއޭޝަނަކުން މިނިސްޓްރީއަށް ކޮންމެ މަހަކު ފޮނުވުމުން އެއަށް ބެލުމަށްފަހު އެލަވަންސް ދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ގާތްގަނޑަކަށް 1.4 މިލިިއަންރިފިޔާ ކުޅުންތެރިންނަށް އެބަދެން. މިއީ މުސާރައެއްނޫން. މިއީ ނެޝަނަލް ޓީމަށްކުޅޭ ކުޅުންތެރިންނަށް ދެވޭ އެލަވަންސެއް. މުސާރައަކީ ދާއިމަށް ދެވޭ އެއްޗެއް. އެލަވަންސަކީ (މިސާލަކަށް) ނެޝަނަލް ވޮލީޓިމުގައި ހުންނަ ކުޅުންތެރިއަކު މިއަންނަ މަސް އަންނަންވާއިރަށް ބަދަލުވެސް ވެދާނެ އިނގޭތޯ. އެލަވަންސް ދިނުން ބިނާވެފައިވަނީ ކުރާ ޕްރެކްޓިސްތަކާއި މިހުރިހާ ކަމަކަށް. މިކަން އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ސާފުވާނެ،” މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ދިމާވެފައިވާ ކޮވިޑް ބަލިމަޑު ކަމަކީ މީގެ ކުރިން ދުވަހަކުވެސް ދިމާވެފައިނުވާ މުޅިން އައު ހާލަތެއް ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ. “އެހެންވިމާ ޕްރެކްޓިސް ނުކުރާތީވެ އެލަވަންސް ނުލިބިގެން މިއުޅެނީ. މިއީ ޚާއްސަ ހާލަތެއްވީމާ ހާލަތުން އަރައިގަނެވި އެސޯސިއޭޝަންތަކާ މަޝްވަރާކޮށްފައި އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ގޮތެއް ހެދެން އޮތް ކަމަށް ވެއްޖެއްޔާ އެގޮތަކަށް ކުރިއަށްދާނަން،” މިނިސްޓަރ ވިދާޅުވިއެވެ.

 

 

Advertisements