ތިން ގައުމަކުން އަންނަ ދަތުރުވެރިން ކޮވިޑް-19 މޮލެކިއުލަރ ޓެސްޓް ހަދަން މަޖުބޫރު އުސޫލެއް އިންޑިއާއިން އެކުލަވާލައިފިއެވެ.

މި އުސޫލުގެ ދަށުން، ކޮވިޑް-19 މޮލެކިއުލަރ ޓެސްޓް ހަދަން އިންޑިއާއިން މަޖުބޫރުކޮށްފައިވަނީ ބްރެޒިލް، ސައުތު އެފްރިކާ އަދި ޔޫކޭއިން އަންނަ ދަތުރުވެރިންނެވެ.

އެގޮތުން، އެ ގައުމުތަކުން ސީދާ އިންޑިއާއަށް އަންނަ ދަތުރުވެރިންނާއި، އަދި ނުސީދާމަގުން އަންނަ ދަތުރުވެރިންވެސް މޮލެކިއުލަރ ޓެސްޓް ހަދަން މަޖުބޫރު ކަމަށް އިންޑިއާއިން ބުނެއެވެ.

ބްރެޒިލް، ސައުތު އެފްރިކާ އަދި ޔޫކޭއަކީ ކޮވިޑް-19 ވައިރަހުގެ މާ ނުރާއްކާތެރި ވޭރިއެންޓްތައް ފެނިފައިވާ ގައުމުތަކެވެ. އަދި މި ފިޔަވަޅަކީ، އެ ވޭރިއެންޓްތައް އިންޑިއާގައި ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއް ކަމަށްވެސް އިންޑިއާއިން ބުނެފައި ވެއެވެ.

އެމެރިކާ ފިޔަވައި، އިންޑިއާއަކީ ދުނިޔޭގައި ކޮވިޑް ބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ ގައުމަށް ވާއިރު، އިންޑިއާގެ 4 މީހެއްގެ ގައިން ސައުތު އެފްރިކާގެ ވޭރިއެންޓް މިދިޔަމަހު ފެނިފައި ވެއެވެ. އަދި އެކެއްގެ ގައިން ބްރެޒިލް ވޭރިއެންޓް މިމަހު ފެނިފައި ވެއެވެ. މީގެ އިތުރުން ޔޫކޭއިން ފެނިފައިވާ ވޭރިއެންޓްގެ 187 ކޭސް އިންޑިއާއިން މިހާތަނަށް ފެނިފައި ވެއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ޔޫކޭ ވޭރިއެންޓަށްވުރެ ސައުތު އެފްރިކާ އަދި ބްރެޒިލް ސްޓްރެއިން މީހުންނަށް މާ އަވަހަށް ބަލިޖައްސާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ޔޫކޭ، ސައުތު އެފްރިކާ އަދި ބްރެޒީލުން އަންނަ ދަތުރުވެރިން، އެއަރލައިންތަކުން އަންނަ ހަފްތާއިން ފެށިގެން ވަކިކުރަން ޖެހޭނޭ ކަމަށެވެ.

ބްރެޒިލްއާއި، ސައުތު އެފްރިކާއިން އެއަރލައިންތަކުން އިންޑިއާއަށް ސީދާ ދަތުރުތައް ނުކުރާއިރު، އެ ގައުމުތަކުން ދަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއަރޕޯޓްތައް ޓްރާންސިޓް ކޮށެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިސްޓްގައިވާ ގައުމުތަކުން ސީދާ އިންޑިއާއަށް އަންނަ ދަތުރުވެރިންނާއި، އަދި ޔޫކޭ، ޔޫރަޕް ނުވަތަ މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ހުރިހާ ދަތުރުވެރިންވެސް މޮލެކިއުލަރ ޓެސްޓް ހަދަން މަޖުބޫރުވާނޭ ކަމަށެވެ. އަދި އެކަމަށް ހިނގާ ޚަރަދު ދޭން ޖެހޭނީ ދަތުރުވެރިން ކަމަށްވެސް ބުނެފައި ވެއެވެ.

ހަމަ އެއާއެކު، އިންޑިއާއަށް ދަތުރުކުރަން މަތިންދާ ބޯޓަށް އަރާ ކޮންމެ މީހަކު، ބޯޓަށް އެރުމުގެކުރިން ކޮވިޑް-19 ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހޭނޭ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.

މީގެތެރޭގައި، އާއިލާ މީހަކު މަރުވެގެން ކުރާންޖެހޭ ދަތުރުތައް ފަދަ ޚާއްސަ ހާލަތްތައް ނުހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް 11 މިލިއަނަށް އަރާފައި ވާއިރު، 155،000 މީހުން ބަލީގައި މަރުވެފައި ވެއެވެ.