ވިހެއުމަށްފަހު ބޮލުން އިސްތަށި ފައިބާ މައްސަލައަކީ އެކަމެއްގެ ހައްލު ހޯދަން ގިނަ މައިން ސައްލާކޮށް އުޅޭ ކަމެކެވެ. ހަމަ އެހެންމެ އެކި މީހުންގެ ލަފައާއި އިރުޝާދުގެ މަތިން، މިކަމަށް ގޭގައި ކުރޭވޭ ތަފާތު ފަރުވާ ވެސް ހޯދާ މައިން މަދެއް ނޫނެވެ.
ކަން ބޮޑު ނުވާށެވެ. ވިހެއުމަށްފަހު މައިމީހާގެ ބޮލުން އިސްތަށި ފޭބުމަކީ އާންމު ކަމެކެވެ. އެއީ ވަގުތީ ކަމެކެވެ. ބައެއް މައިންގެ އިސްތަށިގަނޑު އިހު ހުރިގޮތަށް ރުޖޫއަ ވުމަށް އަހަރެއްހާ ދުވަސް ހޭދަވެއެވެ. ބައެއް މަންމައިންގެ އިސްތަށިގަނޑު ރީތިވާން ހޭދަ ވަނީ މަދު ދުވަސްކޮޅެކެވެ.
ވިހެއުމަށްފަހު އާންމު ގޮތެއްގައި އިސްތަށިފައިބަން ދިމާވަނީ ދެ ސަބަބަކާ ހެދިއެވެ. މީގެ ތެރެއިން އެއް ސަބަބަކީ ވިހެއުމާ ގުޅިގެން ހަށިގަނޑުގެ އީސްޓްރޮޖެން ލެވެލް ދަށްވުމެވެ. ހަށިގަނޑުގެ އީސްޓްރޮޖެން ލެވެލް ދަށްވުމުން، ހަމަހާއި އަށް މަހާ ދެމެދުގެ މުއްދަތެއްގައި މަންމަގެ ބޮލުން އިސްތަށި ފޭބުން ހުއްޓިދެއެވެ. އެއަށް ފަހު އިސްތަށިގަނޑު އިހު ހުރިގޮތަށް ރީތިވާން ފަށައެވެ.
ވިހެއުމާ ގުޅިގެން މައިމީހާގެ ބޮލުން އިސްތަށި ފައިބަން ދިމާވާ އަނެއް ސަބަބަކީ އެނީމިއާ ނޫނީ ޕޯސްޓްޕަރޓާމް ތައިރޮއިޑިޓިސް އެވެ. މިހެން ދިމާވަނީ މާބަނޑު ވުމުގެ ސަބަބުން ހަށިގަނޑުގަޑަށް އަންނަ ބަދަލާ ގުޅިގެން، ތައިރޮއިޑް ލެވެލް އަށް އެއަންނަ ބަދަލާ ގުޅިގެންނެވެ.
މިކަމާ ބެހޭގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ސަބީހާ އަންޖުމް ވިދާޅުވެފައިވަނީ، ވިހެއުމަށްފަހު މައިމީހާގެ ބޮލުން އިސްތަށިފޭބުން ނުހުއްޓި ދިގުލައިގެން ދާނަމަ، އިސްތަށި އެ ފައިބަނީ ޕޯސްޓްޕަރޓާމް ތައިރޮއިޑިޓިސް ނުވަތަ އެނީމިއާގެ ސަބަބުންނެވެ. މިކަމަށް އޮތް ހައްލަކީ ކަމާބެހޭ ޑޮކްޓަރަކަށް ދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ވިހެއުމަށްފަހު، ބޮލުން އިސްތަށިފައިބައި، އިސްތަށިގަނޑުގެ ރީތިކަން ގެއްލޭނަމަ އަމިއްލަ އަށް ވެސް ކުރެވިދާނެ ކަންތައް އެބަހުއްޓެވެ. އިސްތަށިގަނޑު ރީތި ކުރުމަށްޓަކައި ނުވަތަ ރީތި ކަންމަތީ ގެންގުޅުމަށްޓަކައި، ހަށިގަނޑަށް ފާއިދާހުރި ކާނާއަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެން ކަމުން، ކެއުމުގައި ޒިންކް، އަޔަން، ވިޓަމިން ގިނައިން އެކުލެވޭ ކާނާއަށް އިސްކަން ދޭންވާނެއެވެ.
ފައިދާހުރި ކާނާ ކެއުމުގެ އިތުރުން، އިސްތަށިގަނޑުގެ ސްޓައިލް ބަދަލުކޮށް، އިސްތަށިގަނޑުގެ ވޮލިއުމް ގަދަ ކަމަށް ދައްކުވައިދޭފަދަ ޝޭމްޕެއް ބޭނުން ކުރުމަކީ ވެސް އިސްތަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.
މީގެ އިތުރަށް ހެއާޑްރައިޔާ ފަދަ އިސްތަށިގަނޑަށް ހޫނުވާ ޒާތުގެ ތަކެތި ބޭނުން ކުރުން ހުއްޓާލަންވާނެއެވެ. އެއީ އެފަދަ ތަކެތީގެ ސަބަބުން އިސްތަށިގަނޑު ބޮޑަށް ހަލާކުވާނެތީއެވެ.
ވިހެއުމަށްފަހު ވެސް އިހު އޮތް ރީތި އިސްތަށިގަނޑު ރުޖޫއަ ކުރުމަށް ބައެއް މައިން ވިޓަމިންސް ބޭނުން ކޮށް އުޅެއެވެ. ނަމަވެސް ވިޓަމިން ފަދަ ބޭހެއް ބޭނުން ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ، ޑޮކްޓަރެއްގެ ލަފާގެ މަތީން ބޭނުން ކުރުމެވެ.
ވިހެމަށްފަހު ހަށިގަނޑަށް އަންނަ ތަފާތު ބަދަލުތަކަށް ހޭލުންތެރިވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.