ކަސްޓަމަރުން ބޭނުންކުރާ މިންވަރަށްވުރެ އިތުރަށް ކަރަންޓު ބިލު ނުކުރާނެ ކަމުގެ ޔަޤީންކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދީފައެވެ. އަދި މިކަމާ ގުޅޭގޮތުން ކަމާާބެހޭ މުއައްސަސާތަކުން ތަޙުޤީޤެއް ކުރުމަށް އެ ކުންފުނިން ދަޢުވަތު ދީފައިވެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްޓެލްކޯއިން އެ ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކުރުމާގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އެ ކުންފުނިން އުސޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އެކަމާމެދު ހިތާމަކުރާ ކަމަށާއި، އަދި މިފަދަ ޢަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން ދަނީ ހަރުދަނާ ޤަވާޢިދުތަކާއި އުސޫލުތަކުގެ ތެރެއިން ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި އުސޫލުތަކާ ޚިލާފަށް އެ ކުންފުނިން ޢަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ސްޓެލްކޯއިން އެރުވިއެވެ.

މީގެ އިތުރުން، ސްޓްލްކޯއިން ވަނީ، ރައްޔިތުންގެ މެދުގައި އެ ކުންފުނީގެ އަގު ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކުން ފަތުރަމުންދާ ޒިންމާދާރުކަން ކުޑަ ވާހަކަތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެ ކުންފުނިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސްޓެލްކޯގެ މުވައްޒަފުންނަކީވެސް އެ ކުންފުނީގެ ކަސްޓަމަރުންނެވެ. އެހެންކަމުން، އެހެނިހެން ކަސްޓަމަރުންނެކޭ އެއްފަދައިން، މުވައްޒަފުންގެ މީޓަރ ރީޑިންގ ނަގައި، އެ ރީޑިންގއަށް ބިނާކޮށް ބިލު ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ކަށަވަރުކޮށްދީފައިވެއެވެ. މީގެ އިތުރުން، އެއްވެސް ހާލަތެއްގައި މީޓަރ ރީޑިންގ ނުނަގައި ނުވަތަ ކަސްޓަމަރުން ބޭނުންނުކުރާ ކަރަންޓަށް ބިލު ނުކުރާނެ ކަމު ކަމުގެ ފުރިހަމަ ޔަޤީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.