ސަޢީދުގެ މޭސްތިރިކަމުގެ ދަށުގައި ފެނަކަ ފަހަތަށް ބެލުމެއްނެތް

0

މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުން މީހުންނަށްހެދުމުގެ މުގުލުގައި ހުންނެވީ އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

ސައީދަކީ ހިތްހެޔޮ ކެތްތެރި ވެރިއެކެވެ. އިންސާނިއްޔަތުކަން އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަން ދެނެވަޑައިގަންނަވާ ހިންގުންތެރިއެކެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުވުމަށްފަހު އޭނާ އެންމެ އިސްކަމެއް ދެއްވީ އެތަނުގައިހުރި ކޮރަޕްޝަންތައް ނައްތަވައިލެއްވުމަށެވެ. އެގެ އިތުރުން ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތައް ރީލޮކޭޓުކޮށް ޒާމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތަކީ ވެސް ސަޢީދު އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ކޮރަޕްޝަން ނައްތާލެއްވުމަށް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ސަޢީދު ނުބައްލަވައެވެ. މި މަސައްކަތުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެކުންފުނީގެ މެނޭޖިންޑިރެކްޓަރުގެ ހައިސިއްޔަތުން އެ ގޮންޖެހުންތަކާ އެނާ ކުރިމަތިލެއްވީ ސާބިތުކަމާ އެކީގައެވެ. ކޮންމެ ކަމެއް ވެސް އުސޫލާއި ހަމައިގެ ތެރެއިން މުވައްޒަފުންނަށް ރަނގަޅަށް ކޮށްދެއްވުމަކީ ކުންފުނީގެ ވެސް ކުރިއެރުން ކަމަށް އޭނާ ދެކެވަޑައިގަނަނަވައެވެ. ސަބަބަކީ ކުންފުނި ކުންފުންޏަށް ހަދަންތިބީ މުވައްޒަފުން ކަމަށް ވާތީއެވެ. ކުންފުނީގެ އިންޖީނަކީ ވެސް ހަކަތައަކީ ވެސް މުވައްޒަފުން ކަމަށް ގަބޫލުކުރައްވާތީއެވެ.

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންވެސްތިބީ ސަޢީދު ފަދަ ވެރިއަކުލިބުމުން އެކަމާ ހިތްހަމަޖެހިފައެވެ. “އެމްޑީއަކީ މުވައްޒަފުންނަށް އިޚުތިޔާރު ދެއްވައިގެން ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. ހުރިހާ ކަމަކަށް ބަސްވިދާޅުވެ ނުއެއް ހައްދަވާނެ. ޑިޕާޓުމެންޓުތަކުގެ ވެރިންނަށް އޮންނާނެ އެބޭފުޅެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމުގެ މިނިވަންކަމާއި އިޚްތިޔާރު. އެހެންނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީ ބައްލަވާނެ ބަރާބަރަށް،” ފެނަކަ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި ސަޢީދަކީ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ވަރަށް ހިތްޕުޅު ހެޔޮ ބޭފުޅެއް ކަމަށެވެ. ހުރިހާ ކަމެއް ކުރައްވާނީ އުސޫލުތަކާއި ހަމަތަކުގެ މަތީން ކަމަށް ވެސް އޭނާ ބުންޏެވެ.

“ސަޢީދު އެމްޑީއަކަށް ވަޑައިގެންނެވުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗެއްގެ މުވައްޒަފުންނަށް ވަނީ މިނަރަލް ވޯޓަރ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވައިފައި. އެއީ އަސާސީ ހައްގެއްގެ ގޮތުގައި ދެކެވަޑައިގެން ކުރެއްވި ކަމެއް. އޭގެ އިތުރުން އޮފީސްތެރޭގައި އަޅުގަނޑުމެންނަށް ނަމާދުކުރެވޭނެގޮތް ވެސް ވަނީ ހަމަޖައްސަވައިދެއްވާފައި. އެމްޑީ ސަޢީދަކީ ނަމޫނާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެނީ،” ހެޑުއޮފީހުގައި މަސައްކަތް ކުރައްވާ އެމުވައްޒަފު ބުންޏެވެ. އޭނާ ބުނީ އެމްޑީ ސަޢީދަކީ އަބަދުވެސް ކޮރަޕްޝަނާ ވަރަށް ދެކޮޅު ބޭފުޅެއް ކަމަށެވެ. ކުންފުންޏާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ކޮރަޕްޝަނުން މުވައްޒަފުން ދުރުކުރުން ކަމަށް އެމީހާ ބުންޏެވެ. “ސަޢީދަކީ މުވައްޒަފުންގެ އިންސާނީ ހައްގުތަކަށް ވެސް ވަރަށްބޮޑަށް އިސްކަން ދެއްވާ ބޭފުޅެއް” ކަމަށް ވެސް އެމީހާ ބުންޏެވެ.

އެމްޑީ ސަޢީދު ވިދާޅުވީ ކުންފުންޏަކީ ފުރާނަހުރި އެއްޗެއް ނޫންކަމަށެވެ. އެއީ ފުރާނަ އަޅުވަންޖެހޭ އެއްޗެއް ކަމަށެވެ. “ކުންފުންޏަށް ފުރާނަ އަޅުވަންތިބީ މުވައްޒަފުން. އެމީހުންކުރާ މަސައްކަތަކުން ދިރޭ އެއްޗެއްގެ ގޮތުގައި މީހުންނަށް ކުންފުނި މިފެންނަނީ. އެހެންވީމާ މެނޭޖުމެންޓުން ޖެހޭނެ މުވައްޒަފުންނަކީ ކުންފުނީގެ ހަގީގީ ރައުސުލްމާލު ކަމަށް ދެކިގެން މަސައްކަތްކުރަން. ފެނަކަ ކުންފުނީގެ މުވައްޒަފުންނާމެދު އަޅުގަނޑު އުފާކުރަން. ކޮވިޑްގެ ނުރައްކާތެރި މިހާލަތުގައި ވެސް ރެއާއި ދުވާލު އެގެންދަނީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރަމުން. މެނޭޖުމެންޓުން އެކަން ބަލައިގަންނަން،” ސަޢީދު ވިދާޅުވިއެވެ.

ސަޢީދާއި އޭނާގެ ޓީމު ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން އެކުންފުންޏަށް މިދިޔަ އަހަރުވަނީ ޚާއްސަ އެވޯޑެއް ވެސް ލިބިފައެވެ. އެއީ “އެކްސެލެންސް އިން ޔުނިޓީ” އެވޯޑެވެ. އޭގެ ސީދާ ސަޢީދުވަނީ އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ “އިންޑަސްޓްރީ ލީޑަރ 2019” ގެ މަގާމި ހޯއްދަވައިފައެވެ.  އެއީ ކުންފުނީގެ ޕާފޯމަންސަށާއި ތަސައްވުރަށާއި ލީޑަރޝިޕަށް ބެލުމަށްފަހު ދޭ މަގާމެކެވެ.

ސަޢީދު ވިދާޅުވީ ކުންފުންޏަށާއި އޭނާއަށް ލިބިވަޑައިގެންނެވި އެވޯޑަކީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ މަސައްކަތުން ލިބިވަޑއިގެންނެވި އެއްޗެއް ކަމަށެވެ. އެކަމަށްޓައި ހުރިހާ މުވައްޒަފުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ގުޅިގެން މަސައްކަތްކުރާ ކަމަށްވާނަމަ އެފަދަ އެތައް އެވޯޑެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެންތިބޭނީ އެއްޓީމެއްގެ ގޮތުގައި. ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނީ އެއްރޫޙެއްގައި. އެއް ލަނޑުދަނޑިއަކަށް. އެކަމަކު ހަނދާންކުރަންވާނެ ހަގީގީ އެވޯޑަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތާ ގުޅިގެން ރައްޔިތުންދޭ އެއްޗެއް. ސަޢީދު ވިދާޅުވިއެވެ. ކުންފުނި ކުރިއެރުވުމަށް މުވައްޒަފުންނާގެން ކުރިއަށް ވަޑައިގެންނަވާނީ ފަހަތަށް އެނބުރި ބެލުމެއްނެތިއެވެ. “އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު ދަނީކުރިއަށް. މުސްތަގުބަލް ފެންނަނީ އުޖާލާކޮށް،” ސަޢީދު ވިދާޅުވިއެވެ.

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here