ޝަހުސިއްޔަތު: އަބޫބަކުރުއްސިއްދީގު ރަޟިﷲ އަންހު

0

މުހައްމަދު ނިހާދު ޖަމާލު

އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 573 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ އައްޞިއްދީޤްއެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ޤުރައިޝް ވަންހައިގެ ޢާއިލާއެއް ކަމުގައިވާ ބަނޫ ތަމީމް އަށެވެ. ބައްޕާފުޅަކީ އުޘްމާން ބިން ޢާމިރުއެވެ. އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ އެވެ. އެކަލޭގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވި ޞަޙާބީއެވެ. އަދި މީގެއިތުރުން އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޚަލީފާކަން 2 އަހަރާއި 3 މަސް ދުވަސް ވަންދެން ކުރެއްވިއެވެ.  އެކަލޭގެފާނަކީ މީސްތަކުންގެ އިޚްތިރާމާއި ލޯބި ނިހާޔަތަށް ލިބިލެއްވި އަދި އެހާމެ ޙިކްމަތްތެރި ބޭކަލެއްވެސް މެއެވެ.

Advertisements

ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރެ ޚަބަރު ލިބިވަޑައިގަތް 10 ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައިގަތެވެ. އަބޫބަކުރުގެފާނާ ބެހޭގޮތުން ޢައިޝާގެފާނު ރިވާ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. “އެއްދުވަހަކު ތިމަންކަމަނާ ކީރިތި ރަސޫލާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް) އާއި އެކަލޭގެފާނުންގެ ޞަޙާބީންގެ މަޖިލީހެއްގައި އިންނެވީމެވެ. އޭރު ތިމަންކަމަނާ އިންނެވީ އެ މަޖިލީހުގައި ތިއްބެވި ބޭކަލުންނަށް ނުފެންނާނެހެން ފަރުދާއެއްގެ ފުރަގަހުގައެވެ. އެހެންތިއްބަވަނިކޮށް އެތަނަށް އަބޫބަކުރުގެފާނު ވަޑައިގަތުމުން ކީރިތި މާތް ނަބިއްޔާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް) އަބޫބަކުރުގެފާނަށް ޢިޝާރާތް ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ނަރަކައިން ސަލާމަތްވެގެންވާ މީހަކަށް ބެލުމަށް ތިޔަބައިމީހުން އެދޭކަމުގައިވަނީނަމަ އަބޫބަކުރުގެފާނަށް ތިޔަބައިމީހުން ބަލާހުށިކަމެވެ.”

މުޝްރިކުންގެ އުދަގުލާ ތުރާތަކުން ސަލާމަތްވުމަށް ކީރިތި ރަސޫލާ (ޞައްލައްﷲ ޢަލައި ވަސައްލަމް) މަދީނާ އަށް ޙިޖުރަ ކުރެއްވިއިރު އެކަލޭގެފާނުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވީވެސް އަބޫބަކުރުގެފާނެވެ.

އަބޫބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހުއަކީ ވަރަށް ހިތްވަރުގަދަ އަދި އެހާމެ ކެރޭ ބޭކަލެއްވެސް މެއެވެ.   ކީރިތި ރަސޫލާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް) ގެ އަރިހުގައި ޘާބިތުވެ ހުންނަވައި ކުރެއްވި ހަނގުރާމަތަކުން އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަ ކަމާއި ކެތްތެރިކަން ހާމަވެގެންދިޔައެވެ. މީގެ އިތުރުން އެކަލޭގޭފާނަކީ ވަރަށް ތަޤްވާވެރި ބޭކަލެއްވެސްމެއެވެ. އެކަލޭގެފާނުގެ އީމާންތެރި ކަމާ ބެހޭގޮތުން ޙުދު ކީރިތި ރަސޫލާ(ޞައްލައްﷲ ޢަލައިހި ވަސައްލަމް) ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެކަލޭގެފާނުގެ އީމާންތެރިކަން ތިލަފަތެއްގެ އެއްކޮޅަށްލައި އަދި އުއްމަތުގެ އެހެން ހުރިހާ މުސްލިމުންގެ އީމާންތެރިކަން ތިލަފަތުގެ އަނެއްކޮޅަށްލައި ކިރައި ވަޒަން ކުރި ކަމުގައިވީނަމަވެސް އެކަލޭގެފާނުގެ އީމާންތެރިކަން ބަރުވާނެކަމުގައި ކީރިތި ރަސޫލާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް)ގެ ޙަދީޘް ތަކުން ޘާބިތެވެ. އަދި މިއާއިއެކު އެކަލޭގެފާނުގެ ދީލަތިކަމަކީ އެހެން އެއްވެސް ޞަޙާބީއަކަށް ގޮންޖަހާލެވުނު ދީލަތިކަމަށްވަނީ ނުވެފައެވެ. މިގޮތުން އިސްލާމްދީން އިޚްތިޔާރު ކުރުމުގެ ސަބަބުން އިންތިހާ ދަރަޖައިގެ އަނިޔާލިބެމުންދިޔަ 7 އަޅުން އެކަލޭގެފާނުވަނީ މިނިވަންކޮށްދެއްވާފައެވެ. މީގެ އިތުރުންވެސް ދީލަތިކަމުގެ ލާމަސީލު ނަމޫނާތައް އެކަލޭގެފާނުވަނީ މުޅި އިސްލާމީ އުއްމަތަށް ދައްކަވާ ދެއްވާފައެވެ.

އެކަލޭގެފާނުގެ ޚަލީފާގެ ދުވަސްވަރު ދީނަށްޓަކައި ވަރަށް ގިނަ ޤުރުބާނީތައް ވެވަޑައިގަތެވެ. މިގޮތުން ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރައްވައި، ނަޞްރާއި ކާމިޔާބު ހޯއްދެވިއެވެ. ދީނަށްޓަކައި ގިނަ ހަނގުރާމަތަކެއްކުރެއްވައި އިރާޤާއި އަލްހީރާ އަދި އަލްއަންބާރު ފަދަ ތަންތަން ފަތަޙަ ކުރެއްވިއެވެ.

އެންމެ ފުރަތަމަ ކީރިތި ޤުރުއާން އެކީއެކަށް ޖަމާކުރައްވައި އެއްފޮތެއްގެ ސިފައިގައި ނެރުއްވީ އަބޫބަކުރުގެ ފާނެވެ. އަދި މުސްޙަފްގެނަމުން އެފޮތަށް ނަން ދެއްވިއެވެ. މީގެ އިތުރުން މާތް ނަބިއްޔާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް) ގެ އަރިހުން 420 ޙަދީޘް ރިވާކުރެއްވިކަމަށް އިމާމް ނަވަވީ އެކަލޭގެފާނު ލިޔުއްވި ފޮތެއްކަމުގައިވާ އައްތަހުޒީބުގައި ލިޔުއްވާފައިވެއެވެ.

އަބޫބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު ދުނިޔެދޫކުރެއްވީ ޙިޖުރައިން 13 ވަނަ އަހަރުއެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެވުނީ ޢާއިޝާގެފާނުގެ ގޭގައި ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އަރިހުގައެވެ.

ނޯޓް: މިލިޔުމަކީ، https://dhisalafiyyah.net/article/955 އިން ނަގާފައިވާ ލިޔުމެއް.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here