އޮޅުވާލައިގެން ގައުމުތަކުން ފައިސާ ހޯދައިގެން އެމެރިކާގެ ސިޔާސީ ނިންމުން ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދިޔަ ޕާކިސްތާން ދަރިކޮޅުގެ މީހަކު 12 އަހަރަށް ޖަލަށް ލާން ކެލިފޯނިޔާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. މީގެ އިތުރުން 15 މިލިއަން ޑޮލަރުންވެސް އިމާދު ޒުބެއިރީ ވަނީ ޖުރިމާނާ ކޮށްފައެވެ.

ޒުބެއިރީއަކީ ޓްރަމްޕާއި އޮބާމާގެ ކެމްޕޭނަށްވެސް ހޭދަ ކޮށްފައިވާ މީހެކެވެ. އަދި ހިލަރީ ކްލިންޓަންގެ ކެމްޕޭނަށްވެސް އޭނާ ހޭދަކޮށްފައި ވެއެވެ. މީގެ އިތުރޖުޖް ލިންޑްސޭ ގްރަހަމްއާއި ކެލިފޯނިޔާގެ ކުރީގެ އެޓާނީ ޖެނެރަލް ކަމެލާ ހެރިސްގެ އިންތިޚާބަށްވެސް އޭނާ ހޭދަކޮށްފައި ވެއެވެ.

ޒުބެއިރީ އެމެރިކާއަށް ހިޖުރަކުރީ އޭނާގެ އުމުރުން ތިން އަހަރުގައި މައިންބަފައިންނާ އެކުގައެވެ. މިހާރު އޭނާގެ އުމުރަކީ 50 އަހަރެވެ.

އޮކްޓޯބަރު 2019 ގައި ހިންގި ޝަރީއަތުގައި އޭނާ ވަނީ ލޮބީ ކުރުމަށް ގަވާއިދާ ޚިލާފަށް ފައިސާ ހޯދާފައިވާ ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ. ޒުބެއިރީއަކީ ކުރިން އެމެރިކާ ސިފައިންގެ ތެރޭގައިވެސް އުޅުނު މީހެކެވެ. ނަމަވެސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ސިފައިންގެ ތެރޭން ވަކިވީއެވެ.