ޝަހުސިއްޔަތު: މުޞްޢަބު ބިން ޢުމައިރު رضي الله عنه

0

އައްޝައިޚް އަހުމަދު މިހްސަން މުހައްމަދު

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަކީ ލަދުވެތި ބޭކަލެކެވެ. އަދި  ރިވެތި އަޚްލާޤުގެވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ މޫނުފުޅަކީ އަޖާލާ ރީތި މޫނުފުޅެކެވެ. އެކަލޭގެފާނުގެ އަޑުފުޅުވެސް އެހާމެ ރީއްޗެވެ. ވާހަކަދެކުންވެސް އެހާމެފުރިހަމައެވެ. އެކަލޭގެފާނަށް ބަލައިފި ކޮންމެ މީހެއްގެ ހިތުގައި އެކަލޭގެފާނަށް ލޯބިޖެހެއެވެ. އަދި އެކަލޭގެފާނުގެ އަޑުފުޅު ޖެހިއްޖެކަންފަތެއްގެ ވެރިއެއްނަމަ އެމީހެއްގެ ހިތް އެކަލޭގެފާނަށް ލެނބިގެންދެއެވެ. އެކަލޭގެފާނަކީ ރީއްޗަށް ހެދުންފުޅު ތުރުކުރެއްވުމަށް ލޯބިކުރައްވާ ބޭކަލެކެވެ. އަދި އެކަލޭގެފާނު ފެންނަ ކޮންމެ މީހަކަށްވެސް އެކަލޭގެފާނަކީ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތްތަކެއްގެ ވެރިއެއްކަން އެންގިގެން ދެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވަނީ އެންމެ މީރުވަސްދުވާ އަތަރެވެ. އަކަލޭގެފާނު އެމަޖްލީހެއް ހުރަސްކުރައްވައި ވަޑައިގަންނަވާ ކޮންމެ މަޖްލީހަކުންވެސް އެވަޑައިގަންނަވަނީ މުޞްޢަބޭ ބުނެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވާ އަތަރުގެ ވަހުންވެސް މީސްތަކުންނަށް މުޞްޢަބު رضي الله عنه ވަޑައިގެންފިކަން އެނގިގެންދެއެވެ. އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުދެ އިންތިހާއަށް ލޯބިވެއެވެ. އެކަލޭގެފާނުގެ މަންމަގެ މުދަލުން އެކަލޭގެފާނަށް ބޭނުންވަރަކަށް ދެއްވައެވެ.

Advertisements

ޤުރައިޝްގެ އަހުލުވެރިން އެކަލޭގެފާނުގެ ރީތިކަމާއި ޒުވާންކަމާއި ހެދުންކޮޅުގެ ރީތިކަމާއި މުދާގިނަ ކަމާމެދު އަޖާޢިބުވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވެސް އެކަލޭގެފާނުގެ އަޞްހާބުބޭކަލުންގެ އަރިހުގައި މުޞްޢަބު رضي الله عنهގެ ވާހަކަ ޒިކުރު ކުރައްވަތެވެ. ޤުރައިޝް ވަންހައިގެ އެހެން ޒުވާނުން ފަދައިން ޝިކާރުކުރުމަށް ލޯބިކުރާ މީހަކު ކަމުގައި މުޞްޢަބު رضي الله عنه ނުވެއެވެ. އަދި ޤުރައިޝުންގެ ބޮޑުން ފަދައިން މުދަލާއި ފައިސާއާއި މަސައްކަތުގެ ވާހަދެއްކުމަށްވެސް މުޞްޢަބު رضي الله عنه ލޯބި ނުކުރައްވައެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ އަމާޒަކަށްވީ އާދައިގެ ދިރިއުޅުމެއް އުޅުއްވުމެވެ.

އެއްދުވަހެއްގައި މުޞްޢަބު رضي الله عنه ޞުޙާގެ ވަގުތުގައި މަސްޖިދުލްޙަރާމަށް ދިޔުމަށް ނިކުމެވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގެންނެވި މަގުމަތީގައި ޒުވާން ރައްޓެހިން ކޮޅަކާއި ދިމާވިއެވެ. އޭގެތެރިން އެއްބަޔަކު ނުކުމެ އުޅުނީ ޝިކާރަ ކުރުމަށެވެ. އަދި އަނެއްބަޔަކު ނުކުމެ އުޅުނީ ރަލާއި ލަހުވުގެ ޙާނާ ތަކަށެވެ. އޭގެތެރއިން އެއްބަޔަކު ޝިކާރަޔަށް ދިޔުމަށް އެކަލޭގެފާނަށް ދަޢުވަތު ދިނެވެ. އަދި އަނެއްބަޔަކު އެބައިމީހުންނާއި އެކީ ރަލުގެ ޙާނާތަކަށް ދިޔުމަށް ދަޢުވަތު ދިނެވެ. އެހެންނަމަވެސް އެކަލޭގެފާނު މި ދެ ދަޢުވަތަށްވެސް ފުރަގަސްދެއްވިއެވެ.

މުޞްޢަބު رضي الله عنه ބޭނުންވެވަޑައިގަތީ ޤުރައިޝުންގެ ވާހަކަތައް އަޑުއެއްސެވުމަށް މަސްޖިދުލްޙަރާމް އަށް ދިޔުމަށެވެ. މިސްކިތަށް ދެވުމާއިއެކު ޤުރައިޝުންގެ ބޮޑުންގެ ވާހަކަތަށް މުޞްޢަބު رضي الله عنه އަށް އިވެން ފަށައިފިއެވެ. މުޞްޢަބު رضي الله عنه އެމީހުންގެ ވާހަތަށް ރަނގަޅަށް އިވޭހާ ކައިރީގައި އިށީންދެވަޑައިގަތެވެ. އެމީހުންގެ އެންމެންވެސް އެއްޗެއްހި ގޮވަވުން ދިޔައީ އެމީހުން ވަރަށްވެސް ރުޅިއަންނަ ޝަޚްސަކާއި މެދުގައެވެ. ސަބަބަކީ އެބޭކަލަކު ގޯވާލައްވަނީ އެބައިމީހުންގެ ކާބަފައިންގެ ދީން ބަދަލުކޮށްލުމަށެވެ. އަދި އެމީހުން ބައެއްފަހަރު އެކަލޭގެފާނުގެ ރަނގަޅުވާހަކވެސް ދައްކައެވެ.

މުޞްޢަބު رضي الله عنه މި ހުރިހާ ވާހަކަޔެއް ވަރަށް ކަނުލާ އަޑުއެއްސެވިއެވެ. އަދި އެމީހުން އެބޭކަލަކާއި ބެހޭގޮތުން ވާހަދައްކާ ބޭކަލަކާއި ބައްދަލުކުރުމުގެ ރޫހު މުޞްޢަބު رضي الله عنه ގެ ހިތުގައި އުފެދިގެންދިޔައެވެ. އެހެންކަމުން މިސްކިތުން ނުކުމެވަޑައިގެން މުޞްޢަބު رضي الله عنه މިސްރާބުޖެއްސެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ޖާމާވެވަޑައިގަންނަވާ ގެކޮޅަށެވެ. އެކަލޭގެފާނު  އެގޭގެ ދޮރުކޮޅާއި އަރާހަމަވެވަޑައިގެންނެވިތަނާ އެކަލޭގެފާނަށްޓަކައި ދޮރު ހުޅުވާލެވުނެވެ. އަދި އެތެރެޔަށް ވަދެވަޑައިގެން ސަލާމްކުރެއްވުމަށްފަހު އިށީންދެ ވަޑައިގެންނެވިއެވެ. އަދި މުސްލިމުން ވަރަށް ހައިރާންކަންމަތީ އެކަލޭގެފާނަށް ބަލަން ތިއްބެވެ. އެބޭކަލުންގެ ނަޡަރު ހުއްޓިފައިވަނީ އެކަލޭގެފާނުގެ ހެދުންކޮޅުގެ ރީތިކަމާއި ސޫރަފުޅުގެ ރީތިކަމަށްޓަކައެވެ. އަދި މުޞްއަބު رضي الله عنه ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ވާފަކަފުޅުތައް އަޑުއެއްސެވުމަށްފަހު އެކަލޭގެފާނާއި ކައިރިވެ ވަޑައިގެންނެވުމަށްފަހު ބައިޢަތު ހިއްޕެވުމަށްޓަކައި އަތްޕުޅުދެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އިސްލާމްދީނަށް ވެންނެވިކަން އިޢުލާން ކުރެއްވިއެވެ.

އެހެންނަމަވެސް ދުވަސްކޮޅެއްވަންދެން މައްކާގެ މުޝްރިކުނަށް ބިރުފުޅުގެން އިސްލާމްކަން ސިއްރުކުރެއްވިއެވެ. އަދި އެކަލާގެފާނުގެ މަންމައަށް  މި ޚަބަރު ނުދެއްވައެވެ. ސަބަބަކީ އެކަލޭގެފާނު އެކަލޭގެފާނުގެ މަންމަ ދެރަކުރައްވާކަށް ބޭނުންފުޅު ނުވިއެވެ. މަންމަ އެކަލޭގެފާނުދެކެ ވަރަށްބޮޑަށް ލޯބިވެއެވެ. އެހެން ނަމަވެސް އެއްދުވަހަކު މުޞްޢަބު رضي الله عنه މަސްޖިދުލްޙަރާމްގައި ނަމާދު ކުރައްވަނިކޮށް ޢުޘްމާން އިބްނު ޠަލްޙާ އަށް ފެނުނެވެ. އަދި މުޞްޢަބު رضي الله عنهގެ ޤައުމުގެ މީހުންނަށް މިވާހަކަ ކިޔައިދިނެވެ. އަދި މިކަމާހެދި ޤުރައިޝުން އެކަލޭގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި އެކަލޭގެފާނުގެ ބައްޕަވެސް އެކަލޭގަފާނާއި ދެކޮޅުވެރިވިއެވެ. އެހެންކަމުން އެކަލޭގެފާނު ފަޤީރަކަށް ވެވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު ވެވަޑައިގަތީ ކެތްތެރި ޒުވާނަކަށެވެ. އަދި އިސްލާމަދީނުން އެކަލޭގެފާނުގެ ހިތްޕުޅަށް ހުރިހާ ހަމަޖެހުމެއްވެސް ލިބިގެންދިޔައެވެ.

މައްކާގެ މުޝްރިކުން މުސްލިމުންނަށްދޭ އަނިޔާތަށް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ޙަބަޝާއަށް ހިޖުރަ ކުރުމުގެ ހުއްދަ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް މުސްލިމުނަށް ދެއްވިއެވެ. އަދި މުޞަޢަބު  رضي الله عنه ޙަބަޝާއަށް ހިޖުރަކުރި މުސްލިމުނާއިއެކު ހިޖުރަ ކުރެއްވިއެވެ. އަދި އޭގެފަހުން މައްކާއަށް އެނބުރި ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ޙާލުވަނީ މުޅިން ބަދަލުވެފައެވެ. އެކަލޭގެފާނުގެ ހެދުންކޮޅުވަނީ ވީދި ހަލާކުވެފައެވެ. ހެދުންކޮޅުން ކިރިޔާ އަޢުރަ ނިވާކުރެވޭވަރު ވަނީއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ހަންތައްވަނީ އަނަރޫފަވެފައެވެ. އަދި އެކަލޭގެފާނު ވެ ވަޑައިގެންނެވީ އަޅެއްފަދައިންނެވެ. އެކަލޭގެފާނު ފެނުމުން ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

““لقد رأيت هذا، وما بمكة فتى من قريش أنعم عند أبويه نعيما منه، ثم أخرجه من ذلك الرغبة في الخير في حب الله ورسوله “

މާނައީ: .” ހަމަކަށަވަރުން ތިމަންކަލޭގެފާނު މައްކާގައި މި ޒުވާނާ އޭނާގެ މައިންބަފައިންގެ ގާތުގައި ނިޢުމަތްތަކާއި އެކު ވަނިކޮށް ދެކެވަޑައިގަތީމެވެ. އަދި މި ނިޢުމަށްތަކުން އޭނާ ނެރެލީ ﷲ އާއި އެއިލާހުގެ ރަސޫލާ އާއިމެދުވާ ލޯއްބެއްގެ ސަބަބުންނެވެ.”

މުޞްޢަބު ބުން ޢުމައިރު رضي الله عنه ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޖިލިސްތަކަށް ގަވާޢިދުން ހާޟިރުވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަށް ކަނުލައި އަޑުއައްސަވަމުން ގެންދަވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުނގަންނަވައި ދެއްވާ ދަރުސްފުޅުތައް ހިތުގައި ރައްކާކުރައްވައެވެ. އޭގަ ނަތީޖާއެއްގެ ގޮތުން ޞަޙާބީންގެ ފަޤީހަކަށް ވެވަޑައިގެންނެވިއެވެ. ޞަޙާބީންގެ ގިނަ ބޭކަލުންނަކީ ދީނުގެ ބޮޑެތި ޢިލްމުވެރިންނެވެ. އެއަށްފަހު ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުޞްޢަބު رضي الله عنه މަދީނާގެ އަހުލުވެރިންނަށް ޤުރްއާނާއި ދީން އުނގަންނަވައި ދެއްވުމަށްޓަކައި ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުގެ މި ވަޞީފާ އެކަލޭގެފާނު ކާމިޔާބު ކުރެއްވިއެވެ. މަދީނާގެ ވަރަށްގިނަ އަހުލުވެރިން އިސްލާމްދީނަށް ވަނެވެ. ޙައްޖުގެ މޫސުމް ގާތްވުމުން މުޞްޢަބު رضي الله عنه އާއި އަންޞާރުންގެ ތެރެއިން ހަތްދިހަ ބޭކަލުން މައްކާއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. މައްކާ އަށް ވާޞިލް ވުމާއެކު އެކަލޭގެފާނު ފިކުރުކުރެއްވީ މަންމަ އާއި އަހުލުންގެ ގާތަށް ޒިޔާރަށްކުރުމަކަށް ނޫނެވެ. އެހެން ނަމަވެސް ވަގުތުން އެކަލޭގެފާނު ވަޑައިގެންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށެވެ.

ބަދުރު ހަނގުރާމާއިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ހިއްޕެވީ މުސްޢަބު ބުން ޢުމައިރު رضي الله عنه އެވެ. އަދި އެނބުރި މަދީނާ އަށް ވަޑައިގަތީ ކާމިޔާބުލިބިގެނެވެ. އަދި އުޙުދު ހަނގުރާމާއިގައިވެސް ރސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ދިދަފުޅު އުފުއްލެވީ މުޞްޢަބު ބުން ޢުމައިރެ رضي الله عنه އެވެ. ކާފަރުންގެ ޙަމާލާތައް މުސްލިމުންގެ މައްޗަށް ގަދަވެގަތް ވަގުތުވެސް އެކަލޭގެފާނު ސާބިތުކަމާއި އެކީ ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމްގެ ދިދަފުޅު ހިއްޕަވައިގެން އެއިން ދޫނުކުރައްވައި ހުންނެވިއެވެ. މި ޙާލަތުގައި ވަނިކޮށް އިބުނު ޤަމީއާ ކިޔާމީހަކު އެކަލޭގެފާނުގެ އަތްޕުޅަކަށް ހަމަލާދީ އެ އަތްޕުޅު ބުރިކޮށްލިއެވެ. އެވަގުތު ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ވެއްޓުނެވެ. ދެން މުޞްޢަބު رضي الله عنه އެކަލޭގެފާނުގެ ސަލާމަތުންހުރި އަތްޕުޅުން އެ މާތްވެގެންވާ ދިދަފުޅުގައި ހިއްޕެވިއެވެ. އަދި އިބުނު ޤަމީއާ މުޞްޢަބުގެ އެ އަތް ވެސް ބުރިކޮށްލިއެވެ. ދެން އެކަލޭގެފާނުގެ ދެ އަތްޕުޅުގެ އުޅޮބޮށީން މަތީބައިން އެ ދިދަފުޅުގައި ހިއްޕެވިއެވެ. އެޙާލުގައިވެސް އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު އުފުއްލެވިއެވެ. ދެން އިބްނު ޤަމީއާ މުޞްޢަބުގެ رضي الله عنهގެ މޭފުޅަށް އޭނާގެ ލޮންސި ހަރާލައި މޭފުޅު ފަޅާލިއެވެ. އެވަގުތު މުޞްޢަބު رضي الله عنه ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނާއެކީ ރަސޫލުﷲ ޟައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅުވެސް ވެއްޓުނެވެ. އަދި އޭގެފަހުން އެކަލޭގެފާނުގެ އަޚް އަބުއް ރޫމް އެ ދިދަފުޅު ނެންގެވިއެވެ. އަދި މުސްލިމުން މަދީނާއަށް އެނބުރި އަތުވެއްޖައުމަށްދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިދަފުޅު އުފުލިފައި ހުއްޓެވެ.

މައްކާގެ މުޝްރިކުން މައްކާއަށް ދިއުމަށްފަހު މުސްލިމުން މަޝްޢޫލުވީ މުސްލިމުންގެ ޝަހީދުން ވަޅުލުމުގައެވެ. އޭރު މުޞްޢަބު رضي الله عنه ވަނީ ޝަހީދުވެފައެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅު ވަނީ ބިމުގެކިލާތަކުގެ ތެރޭގައެވެ. މިއީ ހަމަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ދިފާޢުގައި އެކަލޭގެފާނުވެ ވަޑައިގެންނެވި ޤުރުބާނީއެވެ. ދެން މުސްލިމުން އެކަލޭގެފާނު ކަފުން ކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހެދުންކޮޅުގެ ކުރު ކަމާއި އެހެދުން ވީދިފާއި ވުމާއެކު އެއިން އެކަލޭގެފާނުގެ ބޮލުން ފަށައިގެން ނިވާކޮށްފިނަ ތިރި ނިވާ ނުވެއެވެ. އަފި ފައިން ފަށައިގެން ނިވާކޮށްފިނަމަ ބޯ ނިވާ ނުވެއެވެ. އެވަގުތު ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ﷲ ތަޢާލާގެ މިބަސްފުޅު ކިޔަވާ ވިދާޅުވިއެވެ.

مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا

މާނައީ: “اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. (23)“

އަދި އޭގެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަމުރު ކުރެއްވީ މުޞްޢަބު ބުން ޢުމައިރު رضي الله عنه ހަށިކޮޅުގެ މަތީބައި އެކަލޭގެފާނުގެ ހެދުންކޮޅުން ނިވާ ކުރުމަށެވެ. އަދި ހަށިކޮޅުގެ ތިރީބައި ފެހި ވިނައިން ނިވާ ކުރުމަށެވެ.

ނޯޓް: މިލިޔުމަކީ، https://dhisalafiyyah.net/article/1376 އިން ނަގާފައިވާ ލިޔުމެއް.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here