ޝަހުސިއްޔަތު: މާލިކު ބިން ދީނާރު ރަޙިމަހުﷲ

0

މާލިކު ބިން ދީނާރު އައްޝާމީ އަކީ ފާރިސީ އަޅެއްކަމުގައިވާ ސިޖިސްތަން ނޫނީ ކަބުލް ގެ ދަރިއެކެވެ. ޝެއިޙް މާލިކް ބިން ދީނާރު (ރަޙީމަހުﷲ) އަކީ ތާބިއީ ބޭކަލުންގެ ޒަމާނުގައި އުޅުއްވި މަޝްހޫރު ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. މިކަލޭގެފާނަކީ ޙަސަނުލް ބަސަރީގެ ދަރިވަރެކެވެ. ބުނެވޭގޮތުން މުއުތަބަރު ޙަދީޘް ޢިލްމްވެރިއެކެވެ. އަނަސް އިބްން މާލިކް (ރަޟިޔަﷲ އަންޙް) އަދި އިބްނި ސީރީން (ރަޙިމަހުﷲ) ފަދަ ބޭބޭފުޅުންގެ ފަރާތުން ޙަދިޘް ރިވާކުރައްވާފައެވެ. އަދި ކީރިތި ގުރުއާން ރީތިކޮށް ލިޔުއްވި ބޭކަލެކެވެ. ދުނިޔެ ދޫކުރައްވާފައިވަނީ ހިޖުރައިން 130 މީލާދިން 748 ވަނަ އަހަރުގައެވެ.

ބުނެވޭގޮތުގައި މިކަލޭގެފާނަކީ ދިރިއުޅުމުގެ ކުރީކޮޅު އެހާ ތަޤުވާވެރި ޒުހުދުވެރި ބޭކަލެއް ނޫނެވެ. އެއްފަހަރަކު މީހަކު މިކަލޭގެފާނު ކުރަމުން އައި ފާފަތަކާއި ފާހިޝްކަންތައް ދޫކޮށްލުމަށްފަހު ތައުބާވެވަޑައިގަތީ ކިހިނެތްތޯ ސުވާލުކުރުމުން، ތިރީގައި މިއަންނަވާހަކަ ކިޔައިދެއްވިކަމަށް ރިވާވެގެންވެއެވެ.

Advertisements

އަހަރެން ޒުވާން ދުވަސްވަރު މަސައްކަތްކުރީ ފުލުހުންގެ ތެރޭގައެވެ. އޭރު ބަނގުރާބުއިމަށް ދެވިހިފާފައިވާ މީހެއްކަމުން މަހެއް ފެންބޯހެން ބަނގުރާ ބޮމުން ގެންދިޔައީމެވެ. ދުވާލާއި ރޭގަނޑު ބޮއެ އަމަލުވެގެން، ދިރިއުޅުމާއި މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަންފަސޭހަދިރިއުޅުމެއް ވޭތުކުރަމުން ގެންދިޔައީމެވެ. މިހެން އުޅުމުގެ ތެރޭގައި ވަރަށް ރީތި އަޅު އަންހެން ކުއްޖަކު ފެނި ހިތްކިޔުމުން އެކުއްޖާ ގަނެގެން ގެނެސް ޙަޔާތުގެ ބައިވެރިޔަކަށް ހަދައިފީމެވެ. ދެން އަހަރެމެންނަށް ވަރަށް ލޯބި ލޯބި އަންހެން ދަރިޔަކު ލިބިއްޖެއެވެ. މިދަރިފުޅަށް ދެމުން ގެންދިޔަ އަޅާލުމާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން ދަރިފުޅުވެސް އަހަރެންދެކެ ވަރަށް ލޯބިން އުޅެމުން ދަނިކޮށް، ހިނގާ ވާހަކަ ދައްކާ ހަދަންފަށައިފިއެވެ. ހުރިހާ ކަމަކަށް ވުރެން ބޮޑަށް ދަރިފުޅުދެކެ ވާ ލޯބި ބޮޑުވުމުން، ދަރިފުޅުވެސް ގިނަވަގުތު ހޭދަކުރަނީ އަހަރެން ކައިރީގައެވެ.

މިމައުސޫމް ދަރިފުޅަކީ އާދަޔާޚިލާފު ކުއްޖެކެވެ. މީނާއަށް އަހަރެންގެ އަތުގައި ބަނގުރާ (ވައިން) ތައްޓެއް އޮތްތަން ފެނިއްޖެނަމަ އަތުލުމަށްފަހު ލައިގެންހުންނަ ހެނދުމަށް އޮށްސާލައެވެ. އެހެންނަމަވެސް ވާލޯތްބެއްގެ ބޮޑުކަމުން އެއްވެސް އެއްޗެއް ނުކިޔަމެވެ. ތަގްދީރު ނިޔާކުރިގޮތުން މިމައުސޫމް ދަރިފުޅަށް ދެއަހަރު ވީތަނާ ދުނިޔެ ދޫކޮށްފިއެވެ. މިދަރިފުޅުގެމަރު ވެގެންދިޔައީ އަހަންނަށް ޝޮކެއްޖެހި އަނގައިން ބަސްހުސްވެ ހިތްދަތިވެ ވަރަށް ހިތި ވޭނެއް ލިބުނު ކަމަކަށެވެ.

އަހަރެން ޝައުބާން މަހުގެ ފަނަރަ ވިލޭރެއަކު ވަރަށް ގިނައިން ބަނގުރާ ބޮއިގެން އަމަލުވެގެން އިޝާނަމާދުވެސް ނުކޮށް ނިދަން އަރައިފީމެވެ. އެއީ  އެންމެ ބިރުވެރި ހުވަފެން އަހަންނަށް ފެނުނު ރެއެވެ. ހުވަފެނުގައި ފެންނަނީ ގިޔާމަތްވެގެން މީސްތަކުން ގަބުރުތަކުން ތެދުވަނިކޮށެވެ. އަދި މަހުޝަރުގެ މައިދާނަށް ޖަމާވާން ދާ މީސްތަކުންގެ ތެރޭގައި އަހަރެންވެސް ވަނިކޮށެވެ. އަހަރެންނަށް އެއްޗެއް ފަސްފަހަތުން އަންނަ އަޑުއިވިގެން ފަހަށް ބަލާލިއިރު ފެނުނީ ބިޔަ ބޮޑު ހަރުފައެއް އަހަރެންގެ ފަހަތުން އަންނަތަނެވެ. އޭރު އޭތި އޮތީ ވަރަށް ކައިރިވެސް ވެފައެވެ. ކޮންފަދަ ބިރުވެތި މަންޒަރެއްބާވައެވެ! ބުޅަލެއްގެ ލޯފަދަ ލޮލެއް އިން މިހަރުފަ އަނގަ ތަންމިނަށް ހުޅުވައިހުރެގެން މީހަކު ބިރުން ފިއްކަނޑައިގެން ދާނޭހެން ހަލުވިކަމާއިއެކު އަހަންނާއި ދިމާލަށް މިއޮތް އަންނަނީއެވެ. ބިރުގަނެފަ ހުރުމާއިއެކުވެސް މިއަށް އަތުނުވާންވެގެން ބާރަށް ދުވަންފަށައިފީމެވެ. އޭރު އަހަރެންވަނީ ދިރިއުޅުންމަތިން އެއްކޮށް މާޔޫސްވެފައެވެ. ހަމައެހެންމެ އެއްކަލަ ބިރުވެރި ހަރުފަވެސް އަހަރެން ފަހަތުން އާދެއެވެ. މިހެން ދުވަމުން ދަނިކޮށް މުސްކުޅި މީހަކު ފެނުނެވެ. އޭނާހުރީ ނިކަން ރީތި ހެދުމެއް ލައިގެން އަގުބޮޑު މީރުވަސް ދުވާ ހުވަނދެއް ގައިގަ އުނގުޅައިގެންނެވެ. އަހަރެން އޭނާއަށް “އައްސަލާމް އަލައިކުމް” އޭބުނެ ސަލާމް ގޮވާލުމުން އޭނާވެސް ސަލާމްއަށް ޖަވާބުދިނެވެ. އަހަރެން ބުނީމެވެ. ﷲއަށްޓަކައި މިނިކަމެތިކަމުން އަހަރެން ސަލާމަތްކޮށްދޭށެވެ. އޭނާ ބުންޏެވެ. އޭހާ ބާރުގަދަ އަދުއްވެއްގެ ކިބައިން ސަލާމަތްކުރެވޭވަރަށްވުރެ އަހަރެން މާނިކަމެއްޗެވެ. ތީ އަހަންނަށް ލިބިފައިވާ ބާރުން ކުރެވޭނެ ކަމެއްނޫނެވެ. އެކަމަކުވެސް ދުވަމުން ގެންދާށެވެ. ފަހަރެއްގައި ކަލެއަށް ސަލާމަތްވާން އެހީއެއް ލިބޭނެ ގޮތެއް ފެނުން އެކަށީގެންވެއެވެ.

މިހެން ދުވަމުން ދަނިކޮށް، ކުރިމަތިން އައިނުގަނޑުތަކެއްހެން ހުރި ބޮޑެތި އުސްގާތަކެއް ފެނުމުން އޭއަށް އަރައިގެން އޭގެ އެންމެ މައްޗަށް އެރިއިރު މިގާތަކުގެ އަނެއް ފަރާތުން ނަރަކައިގެ އަލިފާން، މީހަކު ބިރުން ފިއްކަނޑައިގެން ދާނޭހެން ގަދަފަދަކަންމަތީ އަނދަމުންދާތަން ފެނެއެވެ. ހަރުފަދެކެ ގަތްބިރެއްގެ ސަބަބުން ސަލާމަތްވާން ދުވަނިކޮށް އަނެއްކޮޅުން ނަރަކައިގެ އަލިފާނަށް ވެއްޓިދާނެ ކަމަށް އެހާބިރުގަނެއްޖެއެވެ. އެހިނދު ބާރު އަޑަކުން ގޮވާލި އަޑުއިވުނެވެ. ތިތަނުން ފައިބާށެވެ. ކަލެއަކީ ނަރަކައިގެ އަހުލުވެރިއެއް ނޫނެވެ. ގާތައް މަތިން ފައިބައިގެން، ދުވަމުން އައިދިމާލަށް ދުވަން ފަށައިފީމެވެ. ހަމައެއާއެކު ހަރުފަވެސް މިސްރާބުބަދަލުކޮށް އަހަރެން އަތުލަން އަންނަން ފަށައިފިއެވެ. އަނެއްކާ އެއްކަލަ ހުދު މުސްކުޅި މީހާ ފެނުމުން ބުނީމެވެ. މުސްކުޅި މީހާ، މިހަރުފައިގެ ކިބައިން އަހަރެން ސަލާމަތްކޮށް ދެވިދާނެހެއްޔެވެ؟ ކުރީގަވެސް އަހަރެން އެދުމުންސް، ކަލޭ އަހަންނަށް އެހީ ނުވީމެއްނުން ހެއްޔެވެ؟ މުސްކުޅި މީހާ ރޯންފެށުމަށްފަހު ބުންޏެވެ. ތިހާ ބާރުގަދަ ހަރުފައެއްގެ ކިބައިން ކާލޭ ސަލާމަތްކުރާހާ ބާރެއް އަހަންނަކަށް ލިބިފައެއް ނުވެއެވެ. އެކަމަކު މިތާކައިރީގައި މުސްލިމުންގެ މާތް އަމާނާތްތައް ބަހައްޓާ އެހާ އުސްނޫން ފަރުބަދައެއް ހުންނާނެއެވެ. އެފަރުބަދަ މައްޗަށް އަރާތަނުން ކަލޭގެ އަމާނާތެއްވެސް ފެނިދާނެއެވެ. އެއަމާނާތް ފަހަރެއްގައި މިހަރުފައިގެ ކިބައިން ކަލޭ ސަލާމަތް ކޮށްދީފާނެއެވެ.

އެހެންކަމުން ފަރުބަދައަށް އެރުމަށް އަވަސްވެގަތީމެވެ. އެއީ ވައްކޮށްހުރި ވަރަށް ގިނައަދަދެއްގެ ހުޅުވިފައިހުރި ފަރުދާތަކެއް ލެވިފައިވާ ކުދިދޮރުތަކެއް އެކުލެވިފައިވާ ފަރުބަދައެކެވެ. ކޮންމެ ކުޑަދޮރެއް ލައްޕަން ހަރުކޮށްފައިވާ ޝަޓަރ ހުންނަނީ ރަނުންނެވެ. އަދި އެންމެ އަގުބޮޑެތި ޖަވާހިރުން މިޝަޓަރ ޒީނަތްތެރިކުރެވިފައިވެއެވެ. ކޮންމެ ޝަޓާއެއްގައި ފަށުވިފޭރާމުން ހަދާފައިވާ ފަރުދާއެއް އެލުވާފައި ވެއެވެ.

ދެން އަހަރެން ފަރުބަދައަށް އަރަމުން ދަނިކޮށް މަލާއިކަތް ބޭކަލަކު ގޮވާލިއެވެ. “ކުޑަދޮރުތައް ހުޅުވާ ދޮރުފޮތިތަށް ހިއްލުމަށްފަހު ކަލޭގެ އަމާނަތް ރައްކާކޮށްފަ ބަހައްޓާފައި ހުރި އެތި ހިފައިގެން ނިކުންނާށެވެ. މިއީ ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ބަދުނަސީބު ފިރިހެނެކެވެ. ކަލޭގެ ފަރާތުން ބެހެއްޓިފައިވާ އަމާނާތަކީ ތި ނުރައްކާތެރި ފައްތަރުން ސަލާމަތް ކޮށްދެވޭވަރުގެ އަގުހުރި އެއްޗަކަށް ވެދާނެއެވެ. ” ކުޑަދޮރު ހުޅުވެނީ އެއްފަހަރެވެ. ދޮރުފޮތިގަނޑު މައްޗަށް ދިއުމާއެކު ކުޑަދޮރެއް ކަހަލަ ތަނެއް ހުޅުވި އެތަނުން ސާދަވިލޭރޭގެ ހަނދުހެން މޫނުތައް ދިއްލިފައިވާ މައުސޫމް ތުއްތުކުދިންގެ ބައިގަނޑު ބައިގަނޑު ހަވާލުކުރަން ނެރެން ފަށައިފިއެވެ. އެވަގުތު އަހަރެންހުރީ އެއްކޮށް ކަހަލަ ގޮތަކަށް ނާއުންމީދުވެފައެވެ. އޭރު ހަރުފަވެސް އަހަންނާއި ވަރަށް ކައިރިއަށް އަތުވެއްޖެއެވެ.

މިހާރު ކުޑަކުދިންތައް އެކުދިންގެ ރަށްޓެހިންނަށް ގޮވަން ފަށައިފިއެވެ. އަވަހަށް ނިކުންނާށެވެ. އެހަރުފަ އޭނާއާއި ވަރަށް ކައިރިވެއްޖެއެވެ. މިއަޑުއިވުމުން ކުޑަކުދިންތައް ބައިގަނޑުގަނޑަށް އިތުރަށް ނިކުންނަން ފަށައިފިއެވެ. މިކުދިންގެ ތެރެއިން އަހަންނަށް އަހަރެންގެ ލޯބިވާ ދަރިފުޅު ފެނުނެވެ. ދަރިފުޅަށް އަހަރެން ފެނުމުން ރޯންފަށައިފިއެވެ. އަދި ރޮމުން ވަރަށް ބާރަށް ބުންނެވެ. ﷲ ގަންދީ ބުނަމެވެ. އެއީ އަހަރެންގެ ލޯބިވާ ބައްޕައެވެ. ދެން ދަރިފުޅު ކުޑަކުދިން ނިދާ، ހެއްލި ހެއްލި ހުރި އެދަނކަށް ފުންމާލިއެވެ. ހީވާގޮތުން އެއެނދަކީ ސުވަރުގޭގެ ނޫރުން ހައްދަވާފައިހުރި އެނދެކެވެ. އަދި ވަރަށް ބާރަށް އަހަންނާއި ދިމާލަށް ހެއްލާލިއެވެ. އަހަރެން ދަރިފުޅުނަގާ މޭގަ ލައްގާލީމެވެ. ދަރިފުޅު އޭނާގެ ވާއަތް ނަގާ އަހަންނާއި ދިމާލަށް ދިއްކޮން ކަނާތްނަގާ ހަރުފައާއި ދިމާލަށް އަތުން ނައުމަށް އިޝާރާތްކޮށްލިއެވެ. ދެން ހަރުފަ ވަގުތުން ގޮސްފިއެވެ. ދެން އޭނާ އަހަރެން އިށީންނާނެ ތަނެއްދެއްކުމަށްފަހު، އަހަރެންގެ ފައިމަތީގައި އިށީންދެ އިނދެގެން ކަނާތުން ތުނބުޅީގައި ފިރުމަމުން ލޯބިވާ ބައްޕާއޭ ބުނުމަށް ފަހު، މިއާޔަތް ކިޔެވިއެވެ. أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنْ الْحَقِّ وَلا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمْ الأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ . ﷲ ހަނދުމަކުރުމާއި،ހައްގުބަސްފުޅުގެ ތެރެއިން ބާއްވާލެއްވި ފޮތަށް އެއުރެންގެ ހިތްތަށް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުންގެތެރެއިން ނުވުމަށް، އީމާންވީ މީހުންނަށް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ އެއުރެންނަށް ޒަމާން ދިގުވެގެން ދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތަށް ހަރުކަށިވިޔެވެ. އަދި އެއުރެން ކުރެ ގިނަމީހުންނަކީ ފާސިގުންނެވެ. (އަލް ހަދީދު 16)

އެވަގުތު އަހަރެން ފެންކަޅިވިއެވެ. އަދި ދަރިފުޅުކައިރީގައި އެހީމެވެ. ދަރިފުޅާއެވެ. ތިޔަހުރިހާ ކުދިންނަށްވެސް ޤުރުއާނުގެ މާނަ އެނގޭ ހެއްޔެވެ. ދަރިފުޅު ޖަވާބު ދެމުން ބުންޏެވެ. އަހަރެމެންނަށް ކީރިތި ޤުރުއާން ބައްޕަމެންނަށް އެނގޭ ވަރަށްވުރެން ބޮޑަށް އެނގެއެވެ. އަހަރެން އެހީމެވެ. ދަރިފުޅާއެވެ. މިއީ ކޮން ހަރުފައެއް ހެއްޔެވެ. ދަރިފުޅު ބުންޏެވެ. އެއީ ބައްޕަގެ ނުބައި އަމަލެވެ. ފާފަތައް ގިނަވެ ބަރުވުމުން ނަރަކައަށް އެއްލާލަން މަސައްކަތް ކުރަނީއެވެ. އަހަރެން އެހީމެވެ. މުސްކުޅި މީހާއަކީ ކާކުހެއްޔެވެ. އެއީ ބައްޕަގެ ހެޔޮ ޢަމަލެވެ. އަދި ބައްޕަކޮށްފައި ހުރި ހެޔޮކަންތައްތައް މަދުވެފައި ލުއިވުމުން އެމީހާއަށް ހަރުފައިގެ ކިބައިން ސަލާމަތް ކޮށް ނުދެވުނީއެވެ. އަހަރެން އެހީމެވެ. މިހުރިހާ ކުޑަކުދިން މިފަރުބަދަ މަތީގައި ކުރަނީ ކީއްހެއްޔެވެ؟ ދަރިފުޅު ބުންނެވެ. އަހަރެމެންނަކީ ތުއްތުއިރު މަރުވެފައިވާ މުސްލިމުންގެ ދަރިންނެވެ. އަހަރެމެން ގިޔާމަތްވަންދެން ތިބޭނީ މިތަނުގައެވެ. މަޑުކޮށްގެން މިތިބެނީ ﷲ ތައާލާގެ ހަޒުރަތުން ޝަފާއަތް ލިބިގެން އަލުން މައިންބަފައިންނާއިއެކު އުޅެވޭނެކަމުގެ އުންމީދުގައެވެ.

ނޯޓް: މިލިޔުމަކީ، https://dhisalafiyyah.net/article/2061 އިން ނަގާފައިވާ ލިޔުމެއް

 

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here